މި ސަރުކާރުގެ ޕްލޭންތައް އެނގިވަޑައިނުގަންނަވާތީ އިސްތިއުފާ ދެއްވަން ޖެހެނީ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ކަމަށް ވިދާޅުވެ، ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ޖަމާލް ރޭ ރައްދެއް ދެއްވައިފި އެވެ.
މަލީހު މިހެން ވިދާޅުވެފައި މިވަނީ އައިލެންޑް އޭވިއޭޝަނާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ)ން އެކުލަވައިލި ރިޕޯޓުގެ އިއްޔެގެ ބަހުސްގައި އިންޓަނެޓް އަގު ހެޔޮކުރަން މިނިސްޓަރު މަލީހު މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެ، މަލީހުގެ އިސްތިއުފާ އަށް ބޮންޑޭ ގޮވާލައްވާފައިވާތީ އެވެ.
ބޮންޑޭ ވިދާޅުވެފައި ވަނީ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އަށް ކަންތައްތަކެއް ކުރަން އަންގައި މަޖިލީހުން މިދިޔަ ޖޫން މަހު ގަރާރެއް ފާާސްކޮށްފައިވާ ކަަމަށާއި އެ ގަރާރުގައިވާ ކަންތައްތައް އެ މިނިސްޓްރީން ކޮށްފަައި ނުވާ ކަމަށެވެ.
ބޮންޑޭއަށް ރައްދު ދެއްވައި މަލީހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރުން އެކުލަވައިލި ސްޓްރެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގައި ހިމަނާފައިވާ ކަންކަން "ތުނޑުން ތުނޑަށް" ކުރިއަށްދާ ކަމަށެވެ.
"އެސްއޭޕީ ގެ ތަފްސީލު ބޮންޑާ އަށް ނޭނގުމުގެ ޒިންމާ މިނިސްޓްރީން ނަގަން ނުޖެހޭ،" މިނިސްޓަރު މަލީހު ވިދާޅުވި އެވެ.
މަލީހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ސިޓީއަކަށް ޖަވާބު ނުދީ ނޯންނާނެ ކަމަށާއި މަޖިލީހުން ވަކި ކަމެއް ކުރަން އަންގާފައި ނުވާ ކަމަށެވެ. އަދި ވިދާޅުވި ވާނުވާ ނޭނގޭ ނަމަ އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވަނީ ބޮންޑާ ކަމަށެވެ.
މިއީ މި ސަރުކާރުގެ ވަޒީރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ސޯޝަލް މީޑިއާގައި ފާޅުކަން ބޮޑު ގޮތެއްގައި ރައްދު ދެއްވައި، އިސްތިއުފާ އަށް ގޮވާލެއްވި ފުރަތަމަ ފަހަރެވެ.
އިންޓަނެޓް އަގުހެޔޮ ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް އިންޓަނެޓްގެ އަގު ހެޔޮކޮށްފައި ނުވާތީ އާންމުގެ ނުރުހުން ވަނީ މަލީހަށް އަމާޒުވެފަ އެވެ.
މަލީހު މީގެ ކުރިން ވަނީ އިންޓަނެޓުގެ އަގު ހެޔޮކުރުމާ ގުޅޭ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމައި ރައީސް އޮފީހަށް ހުށަހަޅާފައިވާ ކަމަށާއި އެކަމުގައި ދެން ގޮތް ނިންމަން ޖެހެނީ ރައީސް އޮފީހުން ކަމަށް ވިދާޅުވެފަ އެވެ
މުހައްމަދު މަލީހު ޖަމާލް
މުހައްމަދު މަލީހު ޖަމާލް
މުހައްމަދު މަލީހު ޖަމާލް