ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ދީފިއެވެ.

ޕާޓީގެ މުއައްސިސްގެ ގޮތުގައި ހުށަހަޅާފައި ވަނީ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންއެވެ.

ޕާޓީ އުފެއްދުމުގެ ހުއްދަ ދިނީ އިލެކްޝަންސްގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތެއްގައެވެ. އެކަމުގެ ހުއްދަ ޕީއެންއެފްއާ ހަވާލު ކުރެއްވީ އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބުއެވެ.

ޕީއެންއެފަށް މިހާރުވެސް މެންބަރުން ހޯދަން ފޯމް ފުރަން ފަށާފައިވާއިރު، ރައީސް ޔާމީންގެ ފަރާތްޕުޅުން އާ ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވި ގޮތުގައި، ރާއްޖޭގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ރެކޯޑު ޕީއެންއެފުން މުގުރާލާނެއެވެ.

އެގޮތުން ހުއްދަ ދޭތާ 24 ގަޑިއިރުގެ ތެރޭގައި 3،000 މެންބަރުންގެ ފޯމާ އެކު ކޮމިޝަނަށް ހުށަހަޅަން ދަނީ މަސައްކަތް ކުރަމުންނެވެ.