މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ތެރެއިން ވ. އާރަށުގެ މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް، މިހާރު ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް) އުފެއްދުމަށް މާދަމާ ރޭ ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހު އެގޮތަށް ވިދާޅުވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

"ރައީސް ޔާމީން ޕާޓީ ޕީއެންއެފް އުފެއްދުމަށް މިމަހު އަށްވަނަ ދުވަހު ބާއްވާ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެ" މަލީހު ވިދާޅުވިއެވެ.

ޖަލު ބަންދުގައި ހުންނަވަނިކޮށް ޔާމީން ގެކޮޅަށް ބަދަލުކުރުމަށް މޯލްޑިވްސް ކަރެކްޝަންސް ސާވިސަސް (އެމްސީއެސް)އިން ނިންމީ ޝަރުތުތަކެއް ކުރުމަށްފަހުއެވެ. އެ ޝަރުތުތުތަކުގެ ތެރޭގައި ސިޔާސީ ކަންކަމުގައި ނޫޅުއްވުމާއި މީޑިއާއަށް އިންޓަވިއު ނުދިނުން ހިމެނެއެވެ. އެހެންވެ ޔާމީން ވަނީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުގެ ހުއްދައަށް އެދި ކަރެކްޝަނަށް ސިޓީ ފޮނުއްވައިފައެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް "ވަން" އަށް ވިދާޅުވީ ޔާމީން ފޮނުއްވި ސިޓީއަކަށް ކަރެކްޝަނުން ޖަވާބު ދެއްވާފައިވާނެ ކަމަށެވެ.

"އެއީ އަމިއްލަ ފަރާތަކުން ފޮނުއްވި ސިޓީއަކަށްވުމުން އަދި އެއީ ޕާސަނަލް ކޮމިއުނިކޭޝަނަކަށްވުމުން އެ ސިޓީއަށް ދިން ޖަވާބު ހިއްސާ ނުކުރެވޭނެ" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕީއެންއެފް އުފެއްދުމުގެ ހުއްދަ ދިނީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އެ ޕާޓީއަކީ ޕީޕީއެމުން ވަކިވެވަޑައިގަތުމަށްފަހު، ޔާމީން އިސްވެ ހުންނަވައިގެން އުފައްދަން މަސައްކަތް ކުރައްވާ ޕާޓީ އެކެވެ.

ޕީއެންއެފްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ޔާމީންގެ ދޮށީ ދަރިކަލުން، ޒޭން އަބްދުﷲ ޔާމީނަށް އިލެކްޝަނުން ދިނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.

ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން ޕީއެންއެފްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އެއީ އެ މަނިކުފާނު ޕީޕީއެމުން ވެސް ވަކިވެވަޑައިގަތް ދުވަހެވެ.

ޕީއެންއެފުން އަންނަނީ ގަވައިދުން ސިޔާސީ ޖަލްސާތައް ބާއްވަމުންނެވެ. އަދި ޕީއެންއެފްއަށް ނިސްބަތްވާ ގިނަ ކެންޑިޑޭޓުންތަކެއް އަމިއްލަ ގޮތުންވެސް މަޖިލިސް އިންތިހާބުގައި ވާދަކުރެއެވެ.