މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ ތެރެއިން ވ. އާރަށުގެ މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށް، މިހާރު ގޭބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން، މިނިވަން ނުކޮށްފި ނަމަ މުޒާހަރާކުރަން ފަށާނެ ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.
ޔާމީން އިސްކޮށް ހުންނަވައި އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން (އީސީ) އިން އިއްޔެ ވަނީ ދީފައެވެ. އެކަމާ ގުޅިގެން ޕީއެންއެފުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަލީހު ވިދާޅުވީ ރާއްޖޭގައި ތިން ހަތަރު އިންތިހާބެއް ބޭއްވިގެން ދިޔަ އިރު، ޔާމީނަށް އެއިން އެއްވެސް އިންތިހާބެއްގައި ބައިވެރިވެވަޑައިގަތުމުގެ ފުރުސަތު ނުލިބި ބަންދުގައި ހުރުމަކީ ކަޅު އަކުރުން ރާއްޖޭގެ ތާރީހުގައި ލިޔާނެ ކަމެއް ކަމަށެވެ.
"ރައީސް ޔާމީން މިނިވަން ނުކުރައްވައި އެގޮތަށް ތަކުރާރު ކުރައްވާ ކަމަށް ވަންޏާ އަޅުގަނޑުމެންގެ ޕާޓީ ޕީއެންއެފްގެ ފަރާތުން މަގުމަތީގެ ހަރަކާތްތައް ވެސް ފަށާނަން. މުޒާހަރާ ވެސް ކުރާނަން. ރައީސް އޮފީސް ދޮށަށް ދާން ޖެހިއްޖެއްޔާ އެކަން ވެސް އަޅުގަނޑުމެން ކުރާނަން. އެއީ ވަރަށް ސާފު އެ މަގުސަދަށްޓަކައި އަޅުގަނޑުމެންގެ ޕާޓީ އުފަންވީ،" މަލީހު ވިދާޅުވިއެވެ.
މަލީހު ވިދާޅުވީ ޖުޑިޝަރީއަށް ގޮވާލަން ބޭނުންވަނީ ލަސްނުކޮށް ޔާމީންގެ ޝަރީއަތް ތާވަލުކޮށްދިނުމަށް ކަމަށެވެ. ސަރުކާރުން، ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ނަމަ، އެ ނުފޫޒަށް ނޫނެކޭ ބުނަން ޖެހޭނެ ކަމަށް މަލީހު ވިދާޅުވިއެވެ. ސަރުކާރުގެ މިނިސްޓަރުންނާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ގެންދަވަނީ ޔާމީނަށް ނިސްބަތްކުރައްވައި އަނިޔާވެރި ބަސްތައް ވިދާޅުވަމުން ކަމަށާއި އެކަން ކުށްވެރިކުރައްވާ ކަމަށް މަލީހު ވިދާޅުވިއެވެ.
މިއީ ޔާމީންގެ ފޮޓޯފުޅާއި ޔާމީންގެ ހުސްގޮނޑި ދައްކައިގެން ގެނައި ސަރުކާރެއްކަން އެ ބޭފުޅުންނަށް ހަނދާން ނެތިފައިވާ ކަމަށް މަލީހު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު، ޕީޕީއެމްގެ ގިނަ މެމްބަރުންތަކެއް ޕީއެންއެފްއާ ގުޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު