ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

އައްޑޫ ސަހަރައްދާއި ބޮޑު ތިލަދުންމައްޗަށް 12،000 ޓޫރިސްޓު އެނދު އަންނަން ޖެހޭ: މިނިސްޓަރު

އަލީ ޔާމިން

ކައިރި މުސްތަގުބަލެއްގައި ބޮޑު ތިލަދުންމައްޗާއި އައްޑޫ ސަރަހައްދުގައި 12،000 ޓޫރިސްޓު އެނދު ގާއިމް ކުރަން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، ފަތުރުވެރިކަން ކުރިއެރުވުމަށް ދަތުރުފަތުރުގެ ނިޒާމު ހަރުދަނާވުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން މިހާރުވެސް ގިނަ ރީޖަނަލް އެއާޕޯޓުތައް ތަރައްގީކުރަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ފަތުރުވެރިކަން ދެކޮޅު ޖެހޭނީ ވަގުތު ސަލާމަތް ކުރެވޭ ގޮތަށް އަދި ތަންތަނަށް ފަސޭހަކަމާއެކު ތަކުލީފަކާ ނުލައި ދަތުރުކުރެވިގެން ކަމަށެވެ.

"ވަގުތު ސަލާމަތް ވާ ގޮތަށް ދަތުރުކުރެވިގެން އަސްލު ޓޫރިޒަމް ބޮޑަށް ފީޒިބަލް މިވަނީ. ޓްރާންސްޕޯޓް ނެޓްވޯކް ގުޅާލެވިގެން. އެހުރިހާ ކަމެއް ވަމުން އަންނަ ވަރަކަށް ގެސްޓްހައުސްތައްވެސް ކުރިއަށް ގެންދާނެ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީން މިހާރު އެންމެ ހާއްސަ އިސްކަމެއްދީގެން ކުރާ ކަމަކީ، ރާއްޖެއިން ބޭރުން އަންނަ މަތިންދާ ބޯޓުތަކަށް ރާއްޖޭގެ އެއާޕޯޓުތަކަށް ޖެއްސޭނެ ގޮތަށް ޓޫރިސްޓު އެނދުތައް ގާއިމްކުރުން ކަމަށެވެ. އެގޮތުން އައްޑޫ ސިޓީ ސަަރަހައްދާއި، ބޮޑު ތިލަދުންމައްޗަށް 12،000 ޓޫރިސްޓު އެނދު އަންނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އައްޑޫ ޒޯންގައި، ސައުތާން ޒޯންގައި، ތިލަދުންމަތީގައި އެކަށީގެންވާ ވަރަށް އެނދުގެ ނިސްބަތް އެބަ އިތުރުކުރަން ޖެހޭ. މި މަތިންދާ ބޯޓުތައް އުނދުހެން ފަހިވާ ވަރަށް. އެހެންކަމުން އިރާދަކުރެއްވިއްޔާ މުސްތަގުބަލުގައި ބޮޑު ތިލަދުންމަތީގައިވެސް ޖުމްލަ 6000 އެއްހާ އެނދު އަންނަން ޖެހޭ ކައިރި މުސްތަގުބަލެއްގައި. ދެން އައްޑޫ ސިޓީ ފުވައްމުލައް ހުވަދޫ އެއްކޮށްލާފައި އެހިސާބުގަނޑަށްވެސް 6000 އެނދު އަންނަން ޖެހޭނެ." މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ފަތުރުވެރިންނަށް ރާއްޖޭގެ ރަށްތަކުގެ ވާހަކަތައް ކިޔައިދޭން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ރަށްތަކުގައި ހުރި ގެސްޓްހައުސްތައް ބުކެޓް ހޮޓެލްތަކަށް ބަދަލުވާން ޖެހޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި 50،000 ވުރެ ގިނަ ޓޫރިސްޓު އެނދު އެބަހުއްޓެވެ. އޭގެ ތެރެއިން 10،000 އެނދަކީ ގެސްޓްހައުސްތަކުގައި ހުރި އެނދެއެވެ.