މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާ ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް ނިންމަވައިފި އެވެ.

މި މައްސަލައިގައި ދައުވާ ނުކުރުމަށް ޕީޖީއިން ނިންމާފައިވާ ސަބަބެއް އެ އޮފީހަކުން ނުބުނެ އެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލު ފަހުން ހިއްސާ ކުރާނެ ކަމަށް އެ އޮފީހުން ބުނެއެވެ.

"މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރު ސަޕްލައިކޮށްދިނުމަށް ދުބާއީގެ ކުންފުންޏެއްކަ މަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލަ މި އޮފީހުން ދިރާސާކުރުމަށްފަހު، މައްސަލާގައި ދައުވާ ނުކުރުމަށް ނިންމައި 19 އޮކްޓޫބަރު 2020 ދުވަހު މައްސަލަ ވާނީ ޑިކްލައިންކޮށްފައެވެ. މި އޮފީހުގެ ނިންމުން ބިނާވެފައިވާ ސަބަބުތަކާއި، މައްސަލައާ ގުޅޭ އިތުރު ތަފްސީލު ފަހުން ހިއްސާ ކުރާނެ ވާހަކަ ދަންނަވަމެވެ." ޕީޖީ އޮފީހުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައި ވެއެވެ.

ހެލްތު މިނިސްޓްރީން ކޮވިޑާ ގުޅިގެން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުގައި ކޮވިޑްގެ ބަލި މީހުންނަށް ފަރުވާ ދިނުމަަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން މެދުވެރިކޮށް 75 ވެންޓިލޭޓަރު ހޯދުމަށް ހަވާލުކުރިއިރު އެ ކުންފުންޏަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ރެކޮމެންޑް ކޮށްފައިވާ ސަޕްލަޔަރެއް ނޫން ކަމަށް ބުނެފައި ވެއެވެ.

މި ރިޕޯޓުގައިވާ ގޮތުން ރާއްޖެއަށް 145 ވެންޓިލޭޓަރު ގެންނަން ތިން ކުންފުންޏަކާ ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހިނގާފައި ވެއެވެ. އެގޮތުން ދުބާއީ ކުންފުންޏަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރިއިރު އެ ކުންފުނީގެ މާލީ އަދި ފަންނީ ގާބިލުކަން ބަލާފައި ނުވާ ކަމަށް ބުނެފައި ވެއެވެ. އަދި އެ ކުންފުންޏާ 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރީ 34,502,250 ރުފިޔާއަށް ކަމަށާއި މިފަދަ ބޮޑު މަޝްރޫއެއް ކުންފުންޏަކާ ހަވާލުކުރާއިރު އެކަން ކުރެވޭނެ މާލީ އަދި ފަންނީ ގާބިލުކަން ލިބިފައިވާ ކުންފުންޏެއްކަން ބަލަން ޖެހޭއިރު، އެކަން ކޮށްފައި ނުވާ ކަމަށް ރިޕޯޓުގައި ވެއެވެ.

މި މައްސަލައިގައި ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ހިމެނޭ ގޮތަށް 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ޕީޖީއަށް ފޮނުވާފައި ވެއެވެ.