މަޖިލީހުގެ ރައީސް

ދޭދޭ ގައުމުތަކުން ރާއްޖެއަށް ނަގާފައިވާ ދަރަނީގެ މިންވަރަކީ 13 ބިލިޔަން ރުފިޔާ: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

ދޭދޭ ގައުމުތަކުން ރާއްޖެއަށް ނަގާފައިވާ ދަރަނީގެ މިންވަރު 13 ބިލިޔަން ރުފިޔާއާށް އަރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީއަށް ހުށަހެޅި ދައުލަތުގެ ދަރަނީގެ ރިޕޯޓުގައި ހިމެނޭ މައުލޫމާތުތައް އެ ކޮމެޓީއަށް ހާމަކޮށްދެއްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން އެ ކޮމިޓީގެ މުގައްރިރުގެ ގޮތުގައި އިންނަވައި އެ މައުލޫމާތުތައް ހާމަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ ހިސާބުތަކަކީ 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ދައުލަތުން ނަގާފައިވާ ލޯނުތަކާއި ދަރަނިތަކަކީ ގާނޫނާ އެއްގޮތަށް ކުރިއަށް ގޮސްފައިވާ ކަންތައްތަކެއްތޯ ބެލުމަށް ކުރިއަށްގެންދިޔަ މަސައްކަތުން ލިބިފައިވާ މައުލޫމާތު ކަމަށެވެ.

އެގޮތުން ދޭދޭ ގައުމުތަކުން ރާއްޖެއަށް ނަގާފައިވާ ދަރަނީގެ މިންވަރު 13 ބިލިޔަން ރުފިޔާއަށް އަރާއިރު، އޭގެ ތެރޭގައި 49 ލޯނެއް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

އެ ކޮމިޓީއަށް މިއަދު ހުށަހެޅި ރިޕޯޓިގައި ބުނެފައިވާ ގޮތުން، ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން ނަގާފައިވާ، 124 ލޯނަކަށް 12.9 ބިލިއަން ރުފިޔާ ރާއްޖެއިން ދައްކަންޖެހެ އެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ، 114 ގެރެންޓީއަކުން 41 ބިލިއަން ރުފިޔާ ދައްކަންޖެހޭ ކަމަށް ވެސް ބުނެފައިވެ އެވެ.