ރަޝިއާގެ އިތުރު ދެ އެއާލައިނަކުން ވަރަށް އަވަހަށް ރާއްޖެއަށް ދަތުރުތައް ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރަޝިއާގެ އެއާރޯފްލޮޓްސް ހިމެނޭހެން ބައިނަލްއަގުވާމީ 12 އެއާލައިނަކުން މިހާރު އަންނަނީ ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ބާއްވަމުންނެވެ.

މިނިސްޓަރު މައުސޫމް ރޭ "ވަން" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި ގައުމެއްކަން ގިނަ ފަތުރުވެރިންނަށް މިހާރު އެނގޭ ކަމަށާއި އޭގެ ނަތީޖާއަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވުން ކަމަށެވެ. ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޔޫރަޕުންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރަޝިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުވެގެންދާނެ ކަމަށެވެ. އެގޮތުން ވަރަށް އަވަހަށް އެގައުމުގެ އިތުރު ދެ އެއާލައިނަކުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދެން އެންމެ ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް މި ބަލަނީ ރަޝިއާއިން. ރަޝިއާއިން މިހާރު އެއަރޯޕްލޮޓްސްއިން ހަފްތާއަކު ހަތަރު ފްލައިޓަށް އެބަދަލު ކުރީ. އަދި އެހެން އިތުރު ދެ އެއާލައިނެއް ރަޝިއާއިން އޮޕަރޭޓްވާން ފަށާނެ" މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖެއަށް ދެން އެންމެ އަވަހަށް ޝެޑިއުލްތައް ފަށާ ރަޝިއާގެ އެއާލައިނަކީ ނޯޑްވިންޑެވެ. އެ އެއާލައިނުން މިމަހު 28ގައި ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށާއިރު، އެ އެއާލައިނުން ރަޝިއާގެ ވެރިރަށް މޮސްކޯ އާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއޭއައި)އާ ދެމެދު ހަފްތާއަކު ދެ ފްލައިޓު ބާއްވާނެއެވެ. އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ރަޝިއާގެ އަޒުރު އެއާއިންވެސް އެގައުމުގެ ވެރިރަށް މޮސްކޯއާ ވީއައިއޭއާ ދެމެދު ހަފްތާއަކު ދެ ފްލައިޓު ބާއްވާނެއެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ، މިމަހުގެ ތެރޭގައި ޖަރުމަނުގެ ލުފްތަންސާއިންވެސް ރާއްޖެއަށް ދަތުރުތައް ފަށާނެ ކަމަށެވެ. އަދި މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ދުބާއީގެ ފްލައި ދުބާއީންވެސް ކޮންމެ ދުވަހަކު ރާއްޖެއަށް ދަތުރުތައް ބާއްވާނެ ކަމަށް ވިދާޅުވިއެވެ. އެންމެ ފަހުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށާފައިވަނީ ބްރިޓިޝް އެއާވޭސްއިންނެވެ. އެ އެއާލައިނުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

  • އެއިރޯފްލޮޓްސް
  • އެއާ އިންޑިއާ
  • އެޑެލްވިސިސް
  • އެމިރޭޓްސް
  • އެތިހާދު އެއާވޭސް
  • އިންޑިގޯ
  • މޯލްޑިވިއަން
  • ގަތަރު އެއާވޭސް
  • ސްރީލަންކަން އެއާވޭސް
  • ތްރުކިޝް އެއާވޭސް
  • ބްރިޓިޝް އެއާވޭސް
  • ސްޕައިސް ޖެޓް

ރާއްޖޭގެ ބޯޑަރުތައް ޖުލައި 15ގައި ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެއަށް 29،130 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރިވެރިން އައިސްފައިވަނީ، ރަޝިއާއާއި ޔުނައިޓެޑް އެރެބް އެމިރޭޓްސްއިންނެވެ. އެ ދެ ގައުމުން އެކަނިވެސް 8،000 ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.