ޔޫކްރޭނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ރަޝިޔާއާ ދެކޮޅަށް އަޅާ ދަތިކުރުމުގެ 22 ވަނަ ފިޔަވަޅުތަކުގެ ޕެކޭޖުގެ ދަށުން، ކުޅުންތެރިން ޔޫރަޕުގެ ކުޅިވަރު މުބާރާތްތަކުގައި ރަޝިޔާގެ ދިދައިގެ ދަށުން ވާދަކުރުން މަނާކުރުމަށާއި ކުރީގެ ރަޝިޔާ ސިފައިންނަށް ވިސާ ދޫނުކުރުމަށް ޔޫރަޕިއަން ކޮމިޝަނުން ހުށަހަޅައިފިއެވެ.

މި ހުށަހެޅުން އާންމުކުރައްވަމުން ޔޫރަޕިއަން ކޮމިޝަނުގެ ރައީސް އޫރްސުލާ ފޮން ޑެއާ ލެޔެން ވިދާޅުވީ، ކުޅިވަރު މުބާރާތްތަކަކީ ސިޔާސީ ޕްރޮޕެގަންޑާ ފެތުރުމަށް ބޭނުންކުރާ ވަސީލަތަކަށް ހެދުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ. އަދި ޔޫކްރޭން ހަނގުރާމައިގައި ބައިވެރިވެފައިވާ ކުރީގެ ސިފައިންނަކީ ޔޫރަޕުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ބެލްޖިއަމްގެ ބްރަސެލްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއުލާނުކުރި މި ޕެކޭޖުގެ ދަށުން، ރަޝިޔާގެ 60 ބޭންކަކާއި ކްރިޕްޓޯކަރަންސީ ޕްލެޓްފޯމްތަކާ ދެކޮޅަށްވެސް ވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. މީގެ އިތުރުން ރަޝިޔާގެ ހަކަތައާ ބެހޭ ކުންފުނިތަކަށް ޔޫރަޕުގެ ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދިނުން މަނާކުރުމަށްވެސް ވަނީ ހުށަހަޅައިފައެވެ.

މި ފިޔަވަޅުތަކުގެ ތެރޭގައި ޔޫރަޕުގެ ކުޅިވަރު އިދާރާތަކުގެ އިސް މަގާމުތައް ރަޝިޔާ ރައްޔިތުން ފުރުން މަނާކުރުމާއި، ރަޝިޔާގެ ސަރުކާރުން ހިއްސާވާ ކުޅިވަރު އަދި ސަގާފީ ޖަމިއްޔާތަކަށް ފައިސާ ފޯރުކޮށްދިނުން ހުއްޓުވުން ހިމެނެއެވެ. މީގެ އިތުރުން ޔޫރަޕުގެ އިއްތިހާދުގެ މެންބަރު ގައުމުތަކަށް ރަޝިޔާ ފަތުރުވެރިން އެތެރެވުން މަދުކުރުމަށްޓަކައި ވިސާ ދޫކުރުމުގެ ގަވާއިދުތައް ހަރުކަށިކުރުމަށްވެސް ވަނީ ނިންމައިފައެވެ.

ޔޫރަޕިއަން ކޮމިޝަނުން ހުށަހެޅި މި ފިޔަވަޅުތައް ތަންފީޒުކުރެވޭނީ ޔޫރަޕުގެ އިއްތިހާދުގެ މެންބަރު 27 ގައުމުގެ އިއްތިފާގުން އެކަން ފާސްކުރުމުންނެވެ. ރަޝިޔާއިން ޔޫކްރޭނުގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލައި ސުލްހައަށް އިސްނަގަންދެން ދަތިކުރުމުގެ ފިޔަވަޅުތައް އިތުރުކުރަމުންދާނެ ކަމަށް ޔޫރަޕިއަން ކޮމިޝަނުން ވަނީ ބުނެފައެވެ.