ޔޫކްރޭނުގެ ރައީސް ޒެލެންސްކީ ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ރަޝިޔާގެ ރައީސް ވްލަދިމީރް ޕޫޓިންއަކީ "ރަޙުމަތްތެރިއެއް" ގޮތުގައި ސިފަކުރެއްވުމަކީ އަޖައިބު ވާން ޖެހޭ ކަމެއް ކަމަށް ވިދާޅުވެ އެކަމަށް ފާޑުވިދާޅުވެއްޖެއެވެ.
މި ފާޑުވިދާޅުވުން އަމާޒުވެފައިވަނީ ޗައިނާގައި ބޭއްވި ސަމިޓެއްގެ ތެރެއިން ޓްރަމްޕާއި ޕޫޓިން ބައްދަލުކުރެއްވުމަށްފަހު، ޓްރަމްޕްގެ މީސްމީޑިއާ އެކައުންޓުގައި ޕޫޓިންއާއެކު ނަންގަވާފައިވާ ފޮޓޯއެއް ހިއްސާކުރައްވައި "މަގޭ ރަހުމަތްތެރިޔާ" ކަމަށް ލިޔުއްވުމާ ގުޅިގެންނެވެ. ޒެލެންސްކީ ވިދާޅުވީ ޕޫޓިންއަކީ ގާތިލެއް ކަމަށާއި، އެފަދަ ބޭފުޅަކީ ރަޙުމަތްތެރިއަކަށް ނުވެވޭނެ ކަމަށެވެ.
ޔޫކްރޭނުގެ ވެރިރަށް ކީވްގައި ހުންނަ އެމަނިކުފާނުގެ އޮފީހުގައި ދެއްވި މި އިންޓަވިއުއެއްގައި ޒެލެންސްކީ ވަނީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެޑޮލްފް ހިޓްލަރަކީ ރަޙުމަތްތެރިއެއް ކަމަށް ބުނުމާ މިކަން އަޅައިކިޔުއްވައިފައެވެ. އެމަނިކުފާނު ވިދާޅުވީ އެމެރިކާއިން ރަޝިޔާއަށް ފިއްތުންތައް އިތުރުކުރަން ޖެހޭ ކަމަށެވެ.
ޒެލެންސްކީގެ މި ވާހަކަފުޅުތަކާ ގުޅިގެން ޓްރަމްޕް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ ހަނގުރާމަ ހުއްޓުވައި އެއްބަސްވުމަކަށް އައުމަށް ކަމަށެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޒެލެންސްކީއާއި ޕޫޓިންގެ މެދުގައި އޮތް ނަފުރަތެވެ.
މީގެ އިތުރުން، އެމެރިކާއިން ޔޫކްރޭނަށް ފޯރުކޮށްދޭން ޖެހޭ ޕެޓްރިއޮޓް މިސައިލް ސިސްޓަމްތައް ފޯރުކޮށްދިނުން ލަސްވަމުންދާތީވެސް ޒެލެންސްކީ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. މިސައިލްތައް ލިބުން ލަސްވުމަކީ ޔޫކްރޭނު ރައްޔިތުންގެ ފުރާނައަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވިއެވެ.
އަބޫދާބީގައި ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނުނެރެވޭއިރު، ރަޝިޔާއިން ޔޫކްރޭނަށް ދެމުންދާ ހަމަލާތައް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.
ކޮމެންޓް