އޫކްރެއިންގެ ހަނގުރާމައިގެ މައްސަލައިގައި ރޫސީވިލާތުގެ ރައީސް ވްލަދިމީރު ޕުޓިންއަކީ އެމެރިކާގެ ރަހުމަތްތެރިއެއް ނޫން ކަމަށް އެމެރިކާގެ ޑިރެކްޓާ އޮފް ނެޝަނަލް އިންޓެލިޖެންސް ޖޭ ކްލޭޓަން ވިދާޅުވެއްޖެއެވެ.
ކްލޭޓަން މިހެން ވިދާޅުވީ އޭބީސީ ނިއުސްގެ "ދިސް ވީކް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޕުޓިންއާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ކުރެވުނު ސުވާލުތަކަށް ޖަވާބުދެއްވަމުން އޭނާ ދެއްވި ބަޔާނެކެވެ.
ޗައިނާގައި ބޭއްވުނު ސުމެއިޓުގައި ރައީސް ޓްރަމްޕް، ޕުޓިންއަކީ ރަހުމަތްތެރިއެއްގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެން ކްލޭޓަން ވިދާޅުވީ، ނިއުކްލިއާ ބާރުވެރި ތިން ގައުމުގެ ވެރިންގެ މެދުގައި ކުރެވޭ މަޝްވަރާތަކުގެ ސިޔާގުގައި އެ ލަފުޒު ބޭނުން ކުރެއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް އޫކްރެއިންގެ މަސްރަހުގައި ޕުޓިންއަކީ އެމެރިކާގެ އެކުވެރިއެއް ނޫން ކަމަށް އޭނާ ސާފުކޮށް ވިދާޅުވިއެވެ.
ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ 4,000 ނިއުކްލިއާ ހަތިޔާރު ހުރި ގައުމެއްގެ ވެރިޔަކު ދުޝްމަނެއްގެ ގޮތުގައި ބެހެއްޓުމުގެ ބަދަލުގައި ރަހުމަތްތެރިއެއްގެ ގޮތުގައި ބެހެއްޓުން މުހިންމު ކަމަށެވެ. އެހެންނަމަވެސް، މުޅި އެމެރިކާގެ ރަހުމަތްތެރިއެއްގެ ގޮތުގައި ޕުޓިން ބެލެވޭނެތޯ ސުވާލު ކުރުމުން ޓްރަމްޕް ވަނީ ސީދާ ޖަވާބެއް ދެއްވަން ދެކޮޅުހައްދަވައިފައެވެ.
ޓްރަމްޕްގެ މިއަމަލުތަކާ ގުޅިގެން އޫކްރެއިންގެ ޔޫރަޕްގެ މަދަދުގާރުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ޕޮލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓުސްކް ވިދާޅުވީ ޕުޓިންއަކީ އެބޭފުޅުންގެ ރަހުމަތްތެރިއެއް ނޫން ކަމަށާއި ކަށަވަރުންވެސް އެފަދަ ބޭފުޅަކަށް ނުވާނެ ކަމަށެވެ.
2022 ވަނަ އަހަރު ރޫސީވިލާތުން އޫކްރެއިންއަށް ފުރިހަމައަށް ހަމަލާދީ، އެ ގައުމުގެ ބިންތަކުގެ ބޮޑު ބަޔެއް ވަނީ ހިފައިފައެވެ. ސުލްހައިގެ މަޝްވަރާތަކުގައި އޫކްރެއިންގެ އިރުމަތީ ދޮންބާސް ސަރަހައްދު ދޫކޮށްލުމަށް ޕުޓިން ކުރައްވާ ޝަރުތުތަކަށް އަދިވެސް ބަދަލެއް ނުގެންނަވައެވެ.
ކޮމެންޓް