ރިޕޯޓް

އޭސީސީގެ ރިޕޯޓާއެކު އަމީންގެ އިތުބާރު ގެއްލިއްޖެ! އޮތް ޗޮއިހަކީ ކޮބާ؟

އަލީ އަފާފް ރަމީޒު

ރައްޔިތުންގެ އަބަދުވެސް ދައްކާ އެއް ވާހަކައަކީ ކޮންމެ ސަރުކާރެއް އަޔަސް ދައުލަތުގެ ހަޒާނާއިން "ކާނެ" ވާހަކައެވެ. ވައްކަންކޮށް ކޮރަޕްޝަން ނުހިންގާ ސަރުކާރެއް ނާންނާނެ ކަމަށެވެ. މާޒީއަށް ބަލައިލި ނަމަވެސް ކަން ވެފައި އޮތީ މިގޮތަށެވެ. މިދިޔަ ސަރުކާރު އޮތީ ކޮރަޕްޝަން "ހާއްޔަކަށް" ވެފަ އެވެ.

އެހެން ކަން އޮއްވައި، މި ސަރުކާރު އައި ފަހުން ދާދި މިދާކަށް ދުވަހު ހެލްތު މިނިސްޓްރީ ތެރޭ ހިނގައި ދިޔަ ބޮޑު ކޮރަޕްޝަނުގެ ސަބަބުން މުޅި ގައުމަށް ވިހުން ހައިރާންކަން ލިބިފަ އެވެ. ވަކީން ހާއްސަކޮށް ކޮވިޑުގެ ނިކަމެތި ހާލުގައި ރައްޔިތުން ތިއްބައި މި ފަދަ ކަންތައްގަނޑެއް ހިލުމުން އެކަމުގެ ސަބަބުން ލިބުނު ނާއުއްމީދު ކަމާއި މާޔޫސްކަން އެތައް ތަނަކުން ބޮޑުވެ އެވެ.

ފަހުގެ ތާރީހެއްގައި އެންމެ ބޮޑު ނިކަމެތިކަމަކާ މުޅި ދުނިޔެވެސް ކުރިމަތިލާން ޖެހުނު ދުވަސް ވަރު، ކޮރޯނާ ވައިރަސްގެ ވަބާއިން ރާއްޖޭގެ އިގްތިސޯދާއި ރައްޔިތުން ވެސް ބިކަވެފައިވާ ދަނޑިވަޅެއްގައި ގައުމުގެ ސިއްހީ ވަޒީރުގެ މިނިސްޓްރީގައި ހިނގައިދިޔަ ކޮރަޕްޝަންގެ ބޮޑު ވައްކަމުގައި އެތައް ބަޔަކު ހިމެނިފައިވުމުން ލިބުނު ސިހުން މާ ބޮޑެވެ.

އޮޑިޓް އޮފީހުން އާންމުކުރި ހެލްތު މިނިސްޓްރީގެ ކޮމްޕަލަޔަންސް އޮޑިޓް ރިޕޯޓުގައި ދުބާއީ ކުންފުންޏަކަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރިއިރު އެ ކުންފުނީގެ މާލީ އަދި ފަންނީ ގާބިލުކަން ބަލާފައި ނުވުމާއި އެ ކުންފުންޏާ 75 ވެންޓިލޭޓަރު ގެނައުމަށް 34,502,250 ރުފިޔާއަށް ހަވާލުކުރި ނަމަވެސް އެފަދަ ބޮޑު މަޝްރޫއެއް ކުންފުންޏަކާ ހަވާލުކުރާއިރު އެކަން ކުރެވޭނެ މާލީ އަދި ފަންނީ ގާބިލުކަން ލިބިފައިވާ ކުންފުންޏެއްކަން ބަލައިފައެއް ނުވެއެވެ.

މީގެ އިތުރުން ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް ޑުބާއީގެ އެގްޒެކިއުޓާސްއާއެކު ހެދި އެއްބަސްވުމުގެ ދަށުން ހެލްތުން ފިނޭންސް މިނިސްޓްރީގެ ހުއްދައާއެކު ދެ ފަހަރެއްގެ މަތިން މި ޕްރޮޖެކްޓުގެ އަގުގެ ޖުމްލަ %90 ކަމުގައިވާ 30.9 މިލިއަން ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދައްކާފައި ވެއެވެ. ނަމަވެސް މިހާތަނަށް ލިބިފައިވަނީ އެންމެ 10 ވެންޓިލޭޓަރެވެ.

އެކަމާ ގުޅިގެން ހެލްތު މިނިސްޓަރު އަމީން ވިދާޅުވެފައިވަނީ ވެންޓިލޭޓަރުތައް ގެނައުމުގައި ނާޖާއިޒު ފައިދާއެއް ހޯދުމަށް ނުވަތަ ވައްކަމެއް ކުރުމުގެ ނިޔަތުގައި އެއްވެސް މުވައްޒަފަކު ކަމެއް ކޮށްފައިވާކަން ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ މިނިސްޓްރީގެ ބޭފުޅުންނާއި ސިއްހީ ހިދުމްތެރިން މަސައްކަތް ކޮށްފައި ވަނީ، އިހުލާސްތެރިކަމާއެކު ރާއްޖޭގެ ރައްޔިތުންގެ ފުރާނަ ރައްކާތެރި ކުރުމަށް ވީއެންމެ ރަނގަޅަށް މަސައްކަތް ކުރުމަށް ކަމަށެވެ.

އަމީންގެ ވާހަކަތައް މިހެން ހުރި ނަމަވެސް އެމައްސަލަ ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ހަވާލު ކުރެއްވުމުން، އެ މުއައްސަސާއިން ވަނީ އަމީނާއި ހެލްތު މިނިސްޓްރީގެ އިތުރު 11 މީހަކަށް ދައުވާ ކުރުމަށް ފޮނުވައިފަ އެވެ. ދައުވާކުރަން ފޮނުވި މީހުންގެ ތެރޭގައި ބިޓް ކޮމިޓީގެ މެންބަރުންވެސް ހިމެނެ އެވެ.

ކޮރަޕްޝަން ހިންގި ކަމަށް އޭސީސީން ވެސް މިހާރު އެވަނީ ނިންމައިފަ އެވެ. ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ވެސް މައްސަލަ ފޮނުވައިފި އެވެ. ޕީޖީން ވަނީ މި ހަފްތާގައި މައްސަލަ ރިވިއުކޮށް ގޮތެއް ނިންމާނެ ކަމަށް ބުނެފަ އެވެ.

މި މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ރައީސް އަޅުއްވާނެ ކަމަށެވެ. ރައީސްގެ "ސްޓޭންޑް" އޮތީ އެގޮތަށް ކަމަށާއި ބަދަލެއް ނާންނަ ކަމަށެވެ.

ނަން ހާމަކުރަން ބޭނުންނުވާ ސަރުކާރުގެ އިސް ބޭފުޅަކު ވިދާޅުވީ އަމީންގެ މައްސަލައިގައި މިހާތަނަށް ގޮތް ނިންމާފައި ނުވަނީ ޕީޖީން މައްސަލަ ރިވިއު ކުރާތީ ކަމަށެވެ. އޭސީސީން މައްސަލަ ބެލީ އަވަސް އަރުވާލައިން ކަމަށް ބުނެ ޕީޖީން މައްސަލަ އަނބުރާ ފޮނުވާލުމަށް ނިންމާފައިވާ ކަމުގެ އަޑުތަކެއްވެސް ފެތުރިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މައްސަލަ ކޮންމެ ގޮތަކަށް އޮތް ނަމަވެސް ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހެލްތު މިނިސްޓަރުގެ ބޭނުން ރައްޔިތުންނަށް އެންމެ ބޮޑަށް ޖެހިފައިވާ ވަގުތު، ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އިރުވެސް ރައީސް އޮފީހުން އެކަމަށް ފިޔަވަޅުތަކެއް ނާޅައި ތިބުމެވެ. އެކަމުގެ ސަބަބުން ސަރުކާރަށް އަންނަނީ ފާޑުކިޔުންތައް އަމާޒުވަމުންނެވެ.

މި މައްސަލައިގައި ޕީޖީން ގޮތް ނިންމަންދެން ސަރުކާރުން ފިޔަވަޅު ނޭޅި ނަމަވެސް އަމީންގެ މައްޗަށް އޭސީސީން މިވަނީ ކޮރަޕްޝަންގެ އިސް ސަފުގައި ހިމެނޭ ފަރާތެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ. އެހެން ކަމުން އޭނާ މަގާމުން ވަކި ކުރަން ލަސްވެއްޖެ ކަމަށް ބައެއް ރައްޔިތުން ގަބޫލު ކުރެ އެވެ. ނޫނީ މައްސަލަ ބަލައި ނިމެންދެން އަމިއްލައަށް އެކަހެރިވެވަޑައިގެންނެވިހެން މިނިސްޓަަރުކަމުން އަމީން އަމިއްލަ އަށް އިސްތިއުފާ ދެއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ބައެއް މީހުން ގަބޫލު ކުރެ އެވެ.

"ކޮރަޕްޝަންގެ ބޮޑެތި ތުހުމަތު ތަކެއް ކުރެވި، އެކަން އޭސީސީން ބަލައި ނިންމައި ދައުވާ ކުރަން ފޮނުވުމުންވެސް ގައުމުގެ ހެލްތު މިނިސްޓަރަކަށް ހުރުމަކީ ބަލައި ގަނެވޭ ކަމެއް ނޫން. މައްސަލަ ބަލައި ނިމެންދެއް އަމިއްލަ އަށް ސަސްޕެންޑްވީ، ދެން އަމިއްލަ އަށް އިސްތިއުފާދީ ނޫނީ ވަކި ކުރަން މިހާރުވެސް ލަސްވެއްޖެ. އޭސީސީން އެއޮތީ ގޮތެއް ނިންމާފަ. އެޔަށް އިހުތިރާމް ކުރަން ޖެހޭ." ވަން އާ ވާހަކަ ދެއްކި އިސް ރަށްވެއްސަކު އޭނާ ގަބޫލު ކުރާ ގޮތް ބުންޏެވެ.

އަމީން އަމިއްލައަށް ސަސްޕެންޑްވެވަޑައިގެން ހުންނަތާ ދެ މަސް ދުވަހަށްވުރެ ގިނަ ދުވަސްވީ އެވެ. މަސްއޫލިއްޔަތު ތަކުން ބަރީއަވެވަޑައިގެން، ގޭގައި ހުންނެވި ނަމަވެސް ބަރާބަރަށް މުސާރަ ހިނގަ އެވެ. ހެލްތު މިނިސްޓަރެއްގެ ބޭނުން އެންމެ ބޮޑަށް ޖެހިފައިވާ ދަނޑިވަޅުގައި ގޭގައި މަޑުކުރައްވައިގެން ހުންނެވި އަމީން މަގާމުގައި ބެހެއްޓުމަށް އެތައް ރައްޔިތުން ދެކޮޅެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދުކޮށްގެން ހެލްތު މިނިސްޓަރު ކަމުގައި އަމީން އަދިވެސް ހުރުން ރައްޔިތުން ބަލައެއް ނުގަނެ އެވެ.

"އަމިއްލައަށް ސަސްޕެންޑްވެގެން ހުރި ނަމަވެސް، މުސާރަ ލިބޭ ނަމަ އެއީ މައްސަލައެއް، މުޅި ގައުމު ސިއްހީ ކުއްލި ނުރައްކަލެއްގެ ހާލަތުގައި އޮތް އިރު މިނިސްޓަރު ކަމުގައި ހުންނެވި ބޭފުޅާ ގޭގައި. ރައީސް އޮފީހުން އަވަހަށް ފިޔަވަޅު އަޅަން އެބަ ޖެހޭ. ރައްޔިތުންނަށް މިވަގުތު އެންމެ މުހިންމީ ގައުމަށް ވަފާތެރި ހެލްތު މިނިސްޓަރެއް. ގައުމުގެ ހާލަތު އޮތީ އެހާވެސް ނާޒުކު ފައްތަރެއްގައި،" ނަން ހާމަ ކުރަން ބޭނުން ނުވާ، ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅަކު ވިދާޅުވި އެވެ.

މިކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް އަޑު އުފުލާފަ އެވެ. އަމީންގެ މައްސަލަ އޭސީސީންވެސް ނިންމައި ދައުވާ ކުރުމަށް ފޮނުވުމުން ސަރުކާރުން ފިޔަވަޅު ނާޅައި ތިބުމަކީ މި ސަރުކާރު ބޮޑު ސަމާސާ އަކަށް ވެފައިވާ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވެ އިދިކޮޅު ކޯލިޝަނުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.

"ރައީސް ސޯލިހްގެ ވެރިކަން މިވީ ބޮޑު ސަމާސާ އަކަށް. ގާނޫނު އަސާސީން މަތިކޮށްފައިވާ ބާރުވެސް އެނގި ނުލައްވާ. ކޮރަޕްޝަނަށް ޒިރޯ ޓޮލަރެންސް އޭ ވިދާޅުވީ ކެމްޕެއިން ފޯރީގައި. މި ކުށަށް ތަހުގީގު ކުރެވި ދައުވާ އުފުލިޔަސް ލަދުގަނެ ވަޒީފާ ގެއްލޭ ވަރުގެ ކަމެއް ނޫން. މިއީ ހަމަ ތާހިރު ގޮތް ތޯ،" ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެފައި އެވެ.

އިދިކޮޅުގެ އިތުރުން ހެލްތު މިނިސްޓަރު ކަމަށް އަމީން އައްޔަން ކުރެއްވުމަށް ސްލޮޓް ދެއްވި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވެސް ވަނީ އަމީން އިސްތިއުފާ ދިނުމަށް ގޮވާލާފަ އެވެ. މިފަދަ ސީރިއަސް ތުހުމަތެއް ކުރެވުމުން އެންމެ ރަނގަޅު ގޮތަކީ އިސްތިއުފާ ދެއްވުން ކަމަށާއި ގާނޫނު އަސާސީގައި ވެސް ބުނަނީ އިސްތިއުފާގެ ވާހަކަ ކަމަށް ގާސިމް ވިދާޅުވި އެވެ.

"އޮޑިޓަރު ޖެނެރަލް އެ އޮތީ ވަރަށް ސީރިއަސް ކަންތައްތަކެއްގެ ތުހުމަތު ކުރައްވާފަ. އެއީ ދޮގުކަން ސާބިތުކޮށްދިނުމަކީ އެހެން ބަޔަކު ކުރާން ޖެހޭ ކަމެއް ނޫން، އެކަން ކުރައްވަން ޖެހިވަޑައިގަންނަވާނީ ސީދާ އަމީން، އެހެން ނޫން ނަމަ އޮތް އެންމެ ރަނގަޅު ގޮތަކީ ހުންނެވި މަގާމުން އިސްތިއުފާދެއްވުން." ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސްކަން ވެސް ކުރެއްވި، ގާސިމް ވިދާޅުވެފައިވެ އެވެ.

ގާސިމްގެ އިތުރުން އެމްޑީޕީގެ ބައެއް މެންބަރުންވެސް ވަނީ އަމީން އިސްތިއުފާ ދިނުމަށް ގޮވާލާފަ އެވެ. އެގޮތުން އެމައްސަލައިގައި ޒިންމާ ނަންގަވަން ޖެހޭނީ އަމީން ކަމަށާއި އެހެން ކަމުން އަމީން މަގާމުން ދުރުކުރުމަކީ އެންމެ އެދެވިގެންވާ ގޮތް ކަމަށެވެ.

"އެފަދަ އެއްވެސް އިހުމާލެއް އެއްވެސް ކަމެއްގައި ހިނގައިތޯ ބެލުމަކީ މިނިސްޓަރުގެ ސިޔާސީ ޒިންމާއެއް. އެކަންކަމުގައި ޒިންމާ ނުނަގައިގެން ފިޔަވަޅު އަޅާން ޖެހޭނީ ދަށުން ތިބޭ މީހުންނަކަށް ނޫން، އެންމެ އިސް ފަރާތަށް" ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުފައިވެ އެވެ.

"އެކަހަލަ ކަންތައްތަކުގައި އިސްތިއުފާ ނުދެއްވައިފިނަމަ ދެން އޮންނަ ގޮތަކީ އެ މަސްއޫލިއްޔަތު ހަވާލު ކުރި ފަރާތުން، އެމީހަކަށް ހަވާލު ކުރި މަސްއޫލިއްޔަތުން ދުރު ކުރުން. އެހެންކަމުން ހެލްތު މިނިސްޓަރުކަމުގެ މަސްއޫލިއްޔަތުން އަމީން ދުރުކޮށް އެ މަގާމުންވެސް އޭނާ ވަކިކުރަން ޖެހޭ،"

ކުރިން ވާހަކަދެއްކެވި ސަރުކާރުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅާ ވިދާޅުވީ، އޭސީސީ އަކީ ގައުމުގައި ކޮރަޕްޝަންގެ މައްސަލަތައް ބަލައި ގޮތް ނިންމަން މަތިކޮށްފައި އޮތް އެންމެ އިސް އަދި މިނިވަން މުއައްސަސާ ކަމަށާއި އެއީ މި ސަރުކާރު އައިސް ބަދަލުކޮށްފައި އޮތް މުއައްސަސާއެއް ކަމަށެވެ. އެ ފަދަ މުއައްސަސާތަކުން މިނިވަންކަމާ އެކު ކުރާ މިފަދަ ތަހުގީގުތަކަށް ސުވާލު އުފައްދައި، އެއީ ނުވާ ކަމެއް ކަމަށް ހަދައިފި ނަމަ ނުކުންނާތީ ކުރީގެ ބައެއް ސަރުކާރުން ތަކުގައިވެސް ނުކުތް ފަދަ ނޭދެވޭ ނަތީޖާއެއް ކަމަށެވެ. މި މައްސަލައިގައި މިނިވަން އޮޑިޓަރާއި މިނިވަން އޭސީސީ އިން ކަމުގައި ގޮތްތަކެއް ކަނޑައަޅައިފި ކަމަށާއި މުޅި މައްސަލައަށް ބަލާއިރު ހެލްތު މިނިސްޓަރުގެ އިތުބާރު ރައްޔިތުންގެ ކުރިމަތީ ގެއްލިއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކަންކަން އެހުރީ ރިޕޯޓުތަކުގައި އަކުރުން އަކުރަން ފެންނަން. މިނިސްޓަރުވެސް ހިމެނޭގޮތަށް 11 ބޭފުޅެއްގެ މައްޗަށް ދައުވާވެސް ކުރަން އެއޮތީ ފޮނުވާފަ. ދެން އޭގެން ވަޒީރުގެ މައްސަލައެއް ނެތް ނަމަ އެއްވެސް ބޭފުޅެއްގެ މައްސަލައެއް އޮވެގެން ނުވާނެ. ކޮންމެ ކަމެއް ބެލުން، ޔަގީން ކުރުން، އުސޫލުން ގެންދިއުން އެއީ ވަޒީރުގެ ޒިންމާއެއް." ސަރުކާރުގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅާ ވިދާޅުވި އެވެ.

މި ސަރުކާރުން އެންމެ ބާރަށް ދައްކަވަމުން ގެންދަވާ އެއް ވާހަކަ އަކީ ކޮރަޕްޝަނަށް އޮތީ ޒީރޯ ޓޮލަރެންސް ކަމަށެވެ. ނަމަވެސް ރޯމާ ދުވާލު ހިންގި ބޮޑު ކޮރަޕްޝަނާއި ގުޅިގެން ފެނިގެން މިދަނީ އަމީނަށް ފިޔަވަޅު އެޅުމަށް މި ސަރުކާރު ނުކުޅެދިފައިވާ މަންޒަރެވެ. ގައުމުގެ ސިއްހީ ހާލަތު އެންމެ ގޯސް ފައްތަރެއްގައި އޮތް ދުވަސްވަރު، އާ ސިއްހީ ވަޒީރަކު އައްޔަން ކުރުމަކީ މިވަގުތު ސަރުކާރުން ކުރަންޖެހޭ އެންމެ މުހިންމު އެއް މަސައްކަތް ކަމަށް ގަބޫލު ކުރަންޖެހެ އެވެ. މުސާރަ ނަންގަވައިގެން އަމީން އެ މަގާމުގައި ހުރުމަކީ އޭގެ ފާޑުކިޔުން ސަރުކާރަށްވެސް ރައްދުވާ ކަމެކެވެ. އަދި ބައެއް ރައްޔިތުން ބަލައިގަންނަ އަދި ގަބޫލުކުރާ ކަމެއް ނޫނެވެ. މިހާރު އޮތީ ދެ "ޗޮއި" ހެވެ. އަމީން އަމިއްލަ އަށް އިސްތިއުފާ ދިނުމެވެ. ނުވަތަ މިނިސްޓަރު ކަމުން އޭނާ ދުރު ކުރުމެވެ.