އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން 30 ފަރާތެއްގެ މައްސަ ބަލަމުން އަންނަ ކަމަށާއި، ނަމަވެސް އެ މައްސަލަތައް ނިމޭނެ ވަކި ދުވަހެއް ދެންނެވެން ނެތް ކަމަށް އެންޓި ކޮރަޕްޝަން (އޭސީސީ)ގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

އޭސީސީގެ ރައީސާ ޝިއުނާ މިހެން ވިދާޅުވީ، އެ މުއައްސަސާއިން ތަހުގީގު ކުރަމުން އަންނަ މައްސަލަތަކާ ބެހޭގޮތުން، މައުލޫމާތު އޮޅުން ފިލުއްވުމަށް އެ މުއައްސަސާގެ މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށް މަޖިލިސް މެންބަރުން މިހާރު ކުރައްވަމުން ގެންދަވާ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ޝިއުނާ ވިދާޅުވީ، އެމްއެމްޕީއާރްސީގެ މައްސަލަޔަކީ އޭސީސީން އެކަނި ބަލަމުން އަންނަ މައްސަލައެއް ނޫން ކަމަށާއި، އެއީ އެތައް ބަޔަކު ޝާމިލުވާ މައްސަލައެއް ކަމަށެވެ.

އެގޮތުން ރައީސުލް ޖުމްހޫރިއްޔާ އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނާއި ފުލުހުން ހިމެނޭ ގޮތަށް އެކަމުގައި ކުރިއަށް ދަނީ ޖޮއިންޓް އިންވެސްޓިގޭޝަނެއް ކަމަށްވެސް ވިދާޅުވިއެވެ.

އެ މައްސަލައިގެ މަސައްކަތް ނިމޭނެ ދުވަހާ ބެހޭގޮތުން ތަކުރާރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޝިއުނީ ވިދާޅުވީ އެއީ އެތައް މުއައްސަސާއެއް ގުޅިގެން ކުރިއަށް ގެންދާ މައްސަލައަކަށް ވާތީ އެމައްސަލަތައް ނިމޭނެ ދުވަހެއް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އެ މައްސަލައާ ބެހޭ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެސް އޭނާ ވިދާޅުވިއެވެ.

ކުރިއަށްދާ މައްސަލައަކަށް ވާއިރު މިމައްސަލާގައި ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުން އަންނަ ކަމަށާއި އެގޮތުން 30 މީހެއްގެ މައްސަލަ މިހާރުވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އޭސީސީގެ އެހެން ބައެއް މެންބަރުން ވެސް މިއަދު ކޮމިޓީގައި ވިދާޅުވީ، އެމްއެމްޕީއާރުސީގެ މައްސަލައައިގެ ތަފްސީލަކަށް ދާން ފަސޭހަ ވާނީ އެ މައްސަލަ ތަހުގީގު ކުރުމުގައި އެ ކޮމިޝަނާއެކު މަސައްކަތްކުރާ އެހެން މުއައްސަސާތައްވެސް ހިމެނިގެން ކަމަށެވެ. އެގޮތުން އެފަރާތްތައް ހިމެނިގެން ވަރަށް އަވަހަށް މައުލޫމާތު ހާމަ ކުރުމަށް ރޭވިފައިވާ ކަމަށްވެސް މެންބަރުން ވިދާޅުވިއެވެ.

ބޮޑު ހިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނު ކަމަށް އެ މައްސަލަ ތަހުގީގު ކުރާ ފަރާތްތަކުން މީގެ ކުރިން ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެންބަރަކާއި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެންބަރަކާއި މިނިވަން މުއައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރެއް ވެސް މިމައްސަލައިގެ ތެރޭގައި ހިމެނޭ ކަމަށްވެސް ބުނެފައި ވެއެވެ.