މާލޭގެ ކާނިވާ ސަރަހައްދުން 13،000 އަކަފޫޓުގެ ބޮޑު ބިމެއް މަހަކު 13،000 ރުފިޔާއަށް ކުއްޔަށް ދީފައިވާ މައްސަލައެއް މާލެ ސިޓީ ކައުންސިލުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ރޭ ބޭއްވި ކުއްލި ޖަލްސާއަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޔަރު އާދަމް އާޒިމް ވިދާޅުވި ގޮތުގައި، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދޫކޮށްފައިވާ ބިންތަކެއްގެ އެއްބަސްވުން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރެއިން ކާނިވާ ސަރަހައްދުން ދޫކޮށްފައިވާ ބިމަކީ އެންމެ ފުރަތަމަ އުސްފަސްގަނޑު ސަރަހައްދުގައި ސްވިމިން ޕޫލެއް އެޅުމުގެ ނަމުގައި ދޫކުރި ބިމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެތަނުގައި ޕޫލް އެޅޭނެ ގޮތެއް ނުވުމުން، އޭގެ ބަދަލުގައި ކާނިވާ ސަރަހައްދުން އެހެން ބިމެއް ހަމަ އެ އަގުގައި ދިނީ ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.

އެ ބިމުގެ އެއްބަސްވުމުގައިވާ ގޮތުން، ކުއްޔަށް ދޫކުރާތާ ދިހަވަނަ އަހަރު ކުލީގެ ގޮތުގައި އެއް މިލިއަން ނުވަތަ ދެ މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ގޮތަށް ޝެޑިއުލްކޮށްފައި އޮތް ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންނަމަވެސް، 2021 ވަނަ އަހަރު ކައުންސިލްގެ ރަސްމީ ނިންމުމަކާ ނުލައި، އެ ބޮޑު ކުލި ނުނަގާ ގޮތަށް އަމިއްލައަށް ނިންމައި، އަނެއްކާވެސް މަހަކު 13،000 ރުފިޔާ ދައްކަމުން ގެންދާ ގޮތަށް ބަދަލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅޭގޮތުން އާޒިމް ވިދާޅުވީ، "އެގޮތަށް އެއީ އަޅުގަނޑުމެން ފާހަގަކުރެވޭ ގޮތުގަ ނާޖާއިޒު ފައިދާއެއް ބަޔަކަށް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަމަށް، އަޅުގަނޑުމެންގެ ޑޮކިއުމަންޓްސްތައް ދައްކާތީވެ، އަޅުގަނޑުމެން އެ އެއްޗެހިތައް މިހާރު ވާނީ އެންޓި-ކޮރަޕްޝަނަށް ފޮނުވާފަ" ކަމަށެވެ. އަދި ކައުންސިލުން އެއްވެސް މައުލޫމާތެއް ސިއްރު ނުކުރާނެ ކަމަށާއި، ހުރިހާ ކަމެއް ވެސް ހާމަކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މާލެ ސިޓީގެ ރައްޔިތުންގެ މުދަލާއި ބިމުގެ ހައްގު ހޯދައިދިނުމަކީ ގާނޫނީ ވާޖިބެއްކަން ފާހަގަކުރައްވައި، އެ މަސައްކަތުގައި އެއްވެސް ވަރަކަށް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި މި މައްސަލަތައް ބަލަން ފެށުމުން އެކަން ހުއްޓުވުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކައުންސިލަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ވެސް ކުރިއަށްދާކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ، ގެއްލިފައިވާ ފައިސާގެ ބަދަލު ހޯދުމަށް ކޯޓަށް ހުށަހެޅުމަށް ކައުންސިލްގެ ލީގަލް ޓީމުން މިހާރު ލިޔެކިޔުންތައް ތައްޔާރުކޮށް ނިމިފައިވާ ކަމަށެވެ.