ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލު ކުރަން، ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހަޅުއްވި އިސްލާހުގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވަވައިފިއެވެ.
އެ ބިލުގެ ފުރަތަމަ ކިޔުންއި އްވެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
އެ އިސްލާހާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރާއްޖޭގެ ވެރިިކަމުގެ ނިޒާމު ބަދަލު ކުރުމަށް ގާނޫނުއަސާސީއަށް ޖާބިރު ހުށަހަޅުއްވާފައިވާ ބިލުގެ ފުރަތަމަ ކިޔުން އިއްވަވައި ބިލު ވަރަށް އަވަހަށް އެޖެންޑާ ކުރައްވާނެ ކަމަށެވެ.
އެ އިސްލާހުގައި ޖާބިރު ވިދާޅުވެފައިވަނީ، މި ބިލު ހުށަހެޅުއްވުމުގެ ބޭނުމަކީ 2008 ވަނަ އަހަރު ތަސްދީގު ކުރި ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދިޔައިރު، ރާއްޖޭގައި އޮންނަން ފެންނަނި ރިޔާސީ ނިޒާމެއްތޯ، ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ، ކަނޑައެޅުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގައި ވޯޓުދިން މީހުންގެ އަޣުލަބިއްޔަތުން ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމުގައި ކަނޑައެޅި ނަމަވެސް، ގާނޫނުއަސާސީގެ އެއްވެސް ހިސާބެއްގައި ރާއްޖޭގައި ވެރިކަން ކުރާ ނިޒާމަކީ ރިޔާސީ ނިޒާމެއް ކަމުގައި ކަނޑައަޅައި (މުތުލަގު ގޮތެއްގައި) ބަޔާންކޮށްފައި ނުވާ ކަމަށެވެ.
ގާނޫނުއަސާސީ ތަސްދީގުކުރި ފަހުން ބޭއްވި ރިޔާސީ އިންތިހާބުތަކުގެ މައްޗަށާއި، ރާއްޖޭގައި ވެރިކަން ހިންގަމުން އަންނަ ގޮތަށް ބަލައި ވިސްނާއިރު، ރާއްޖޭގައި ވެރިކަން ހިންގަމުން އަންނަނީ ބަރުލަމާނީ ނިޒާމުގެ ސިފަތަކުގެ މައްޗަށް ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ރާއްޖޭގައި ހިންގަމުން އަން ވެރިކަމަކީ ރިޔާސީ ނިޒާމެއްގެ ފުރިހަމަ ސިފައިގައި ހިންގަމުން އަންނަ ވެރިކަމަކަށް ނުވާތީ، އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާ ގެއްލުމާއި ނިކަމެތިކަން ދުވަހުން ދުވަހަށް ބޮޑުވަމުން އަންނައިރު، ރައްޔިތުންނަށް ލިބޭ ގެއްލުމުން ރައްޔިތުން ސަލާމަތް ވާނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުވެގެން ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
"ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަކީ ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަމަށް އެއްވެސް އުނިކަމެއް އަންނާނެކަމެއް ކަމަށް ނުވާތީ އާއި އަދި ބަރުލަމާނީ ނިޒާމެއްގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް މީހަކު އިންތިހާބު ވެގެންދާނެތީ އާއި ރައްޔިތުން އިންތިހާބު ކުރާ ރައްޔިތުންގެ މަޖިލީހެއް ވެސް އޮންނާނެތީ ގާނޫނުއަސާސީއަށް މިދެންނެވި އިސްލާހު ގެނައުމަކީ ގާނޫނުއަސާސީއާ ތައާރަޒުވާނެ ކަމަށް ނުބެލެވޭ،" ބިލުުގައި ބުނެފައި ވެއެވެ.
ބަރުލަމާނީ ނިޒާމަކީ ސަރުކާރު ހިންގާ އެންމެ އިސްފަރާތް ކަމަށްވާ ބޮޑުވަޒީރު އާއި ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިފައިވާ ޕާޓީއާ އެކުގައި އެކުލަވައިލެވޭ ވެރިކަމުގެ ނިޒާމަަކަށްވާތީ، މި ނިޒާމުގެ މައްޗަށް ދުނިޔޭގެ ގިނަ ގައުމުތަކުގައި ކާމިޔާބުކަމާއެކު ވެރިކަން ހިންގައި، އެ ގައުމުތައް ބޮޑުތަނުން ކުރިއަރައި ރައްޔިތުންނަށް އެކަމުގެ ސަބަބުން އޮތް ހިތްހަމަޖެހުންތައް ފެންނަމުންދާތީ އާއި ބަރުލަމާނީ ނިޒާމަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމު ކަމުގައި ފާހަގަ ކުރެވޭތީ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަކީ ބަރުލަމާނީ ކަމަށް ކަނޑައެޅުމަށްޓަކައި ގާނޫނުއަސާސީއާށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ހުށަހަޅުއްވާކަމަށް ބިލުގައި ބުނެފައިވެއެވެ.
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު