މީގެ 15 އަހަރު ކުރިން، 2010 ވަނަ އަހަރު 14 މިލިއަން ރުފިޔާއަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރު ބައްލަވައިގަތް މ. އަތަމާޕްލާޒާގެ މިލްކުވެރިކަމުގެ މައްސަލަ ޖާބިރު ކާމިޔާބު ކުރައްވައިފިއެވެ.
މަލީޝާ ހައްޖު ގްރޫޕުގެ ވެރިޔާ، ހުޅުމާލެ އާފީނިވިލާ އިސްމާއީލް އަބްދުއްލަތީފްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މި އިމާރާތުގެ މައްސަލަ ޝަރުއީ މަރުހަލާއަށް ދިޔައީ، އިސްމާއީލް އަބްދުއްލަތީފްގެ މައްޗަށް ސިވިލް ކޯޓުން ކުރި ދަރަނީގެ ހުކުމެއް ތަންފީޒު ކުރުމަށްޓަކައި އެ ގެ ވިއްކާލަން އިއުލާން ކުރުމާ ގުޅިގެންނެވެ.
އެ ދުވަސްވަރު އިސްމާއީލް އަބްދުއްލަތީފް ވަނީ އޭނާގެ ދަރަނި އަދާކުރެވޭނީ އެ ގެ ވިއްކާލައިގެން ކަމަށް ބުނެ ކޯޓުގައި އެއްބަސްވެފައެވެ.
އެކަމާ ގުޅިގެން ޖާބިރު އެ މައްސަލައިގެ ތެރެއަށް ވަދެވަޑައިގެންނެވި ނަމަވެސް، އެއީ ޖާބިރުގެ ތަނެއްކަން ސާބިތުކޮށްދޭނެ ހެކި ނެތް ކަމަށް ބުނެ ކޯޓުން އޭރު ޖާބިރު މައްސަލައިން ބޭރުކުރިއެވެ. ނަމަވެސް، އޭނާގެ ހައްގު އެ އިމާރާތަށް އޮތްކަން ކަނޑައަޅައިދިނުމަށް އެދި ޖާބިރު އަލުން މައްސަލަ ހުށަހެޅުއްވިއެވެ. މި މުއާމަލާތުގައި އިސްމާއީލް އަބްދުއްލަތީފް މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ބުނެ ޖާބިރުގެ ފަރާތުން ފުލުހަށް ވެސް މައްސަލަ ހުށަހެޅިއެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ، މ. އަތަމާޕްލާޒާއަކީ ޖާބިރުގެ މިލްކެއް ކަމަށް ކަނޑައަޅައިފައެވެ. އަދި ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެތަނުގެ ރަޖިސްޓްރީ ޖާބިރުގެ ނަމަށް ބަދަލުކުރުމުގެ ޝަރުއީ ހުރިހާ މަސައްކަތެއް ނިންމަން އިސްމާއީލް އަބްދުއްލަތީފްގެ މައްޗަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މުހައްމަދު އިޝާން
ސިވިލް ކޯޓް
ސިވިލް ކޯޓް
ސިވިލް ކޯޓް