ކާށިދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރު ސަރުކާރު ހިންގާ ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ގުޅިވަޑައިގަތުމަށް ނިންމަވައިފިއެވެ.
ޖާބިރު އެންމެ ފަހުން ހުންނެވީ އިދިކޮޅު މައި ޕާޓީ އެމްޑީޕީގައެވެ.
ޖާބިރު "ވަން" އަށް މިއަދު ވިދާޅުވީ، އެމްޑީޕީން އޭނާ ވަކިވިތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި ދެ އަހަރެއްހާ ދުވަހުގެ ބްރޭކަކަށްފަހު އަލުން ސިޔާސީ މައިދާނުގައި ދެން "ގަދަކޮށް" ފެންނާނެ ކަމަށެވެ.
"އަޅުގަނޑު މި ހުރިހާ ދުވަހު މިއުޅުނީ ވިޔަފާރީގެ ކަންކަމުގައި ރާއްޖެއިން ބޭރުގައި. އެހެން ނަމަވެސް ގައުމަށްވާ ކަންކަން އަބަދުވެސް ވަރަށް ގާތުން އަޅުގަނޑު ބަލަން" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތައް އޭނާއަށް ވަރަށް ބޮޑަށް ކަމުދާ ކަމަށާއި ސަރުކާރާ ގުޅިގެން ސަރުކާރަށް އެހީތެރިވުމުގައި ދެމިހުންނަވާނެ ކަމަށެވެ.
"އަޅުގަނޑަށް ވަރަށް ކަމުދޭ ދަރަނި މެނޭޖުކުރުމާއި ބޭންކްރަޕްޓްވަމުންދިޔަ އިގުތިސޯދެއް ކޮޅަށް ޖެހުމަށް އެ މަނިކުފާނު އެ ކުރައްވާ މަސައްކަތްޕުޅު" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު އިތުރަށް ވިދާޅުވީ، ޕީއެންސީއާ ވަރަށް އަވަހަށް ގުޅިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް އޭނާ ނުދެއްވައެވެ.
ޕީއެންސީއިން މާދަމާ ރޭ ބާއްވާ ބޮޑު ޖަލްސާގައިވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޖާބިރު ވިދާޅުވިއެވެ.
އަލީ ޔާމިން
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު