ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރާއި އޭނާގެ އަނބިކަނބަލުން ފާތިމަތު ދިޔާނާ ހިމެނޭގޮތުން، ސ. ހިތަދޫ، ނިޔާޒް، އަހްމަދު ފައިސަލަށް ހަ ލައްކަ ޑޮލަރު ދޭން ސިވިލް ކޯޓުން ކުރި ހުކުމް ބާތިލުކޮށްފިއެވެ.

މި މައްސަލައަކީ، އަހްމަދު ފައިސަލްގެ ނަމުގައި މެރިން ޓެކްނޮލޮޖީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި އޮތް 50 ޕަސެންޓްގެ ހިއްސާ 750،000 ޑޮލަރަށް ދިޔާނާ އާއި ޖާބިރަށް ވިއްކުމަށް ވި އެއްބަސްވުމުގެ ދަށުން 50،000 ޑޮލަރު ދިނުމަށްފަހު އިތުރު އެއްވެސް ފައިސާއެއް ދައްކާފައި ނުވާތީ ފައިސަލްގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާއާބެހޭ މައްސަލައެކެވެ.

އެ މައްސަލަ ހުކުމާ ހަމައަށް ގޮސްފައި ވަނިކޮށް ޖާބިރުގެ ހިއްސާ އޮންނަ އިންޓަނޭޝަނަލް ޓްރެވަލް ކޮންސަލްޓަންޓް ޕްރައިވެޓް ލިމިޓެޑަށް މާލެ އަތޮޅުން ލިބުނު ފަޅު ވިއްކައިގެން ލިބޭ ފައިސާއިން ދަރަނި އެކުގައި އަދާކުރާނެ ކަމަށް އެ ކުންފުނިން ބުނެ ދަރަންޏަށް ޒިންމާވެ، ޖާބިރުގެ ހިއްސާ އޮންނަ އިތުރު ކުންފުންޏެއް ކަމަށްވާ ޖޭ ހޮޓަލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިިމިޓެޑުން އެ ފައިސާ ދެއްކުމަށް ޖާމިނުވެ އެ ކުންފުނީގެ ޗެކަކުން ގެރެންޓީގެ ގޮތުގައި 750،000 ޑޮލަރުގެ ޗެކެއްދީ، މައްސަލައިގެ ދަރަނި ސާބިތުވުމުގެ ކުރިން މައްސަލަ ނަގައިދިނުމަށް އެދުމުން ފައިސަލްގެ ފަރާތުން އެ މައްސަލަ ނެގިފަހުން، 21 ޑިސެމްބަރު 2023 ގައި ފަޅު ވިއްކައިގެން 15 މިލިޔަން އެމެރިކާ ޑޮލަރު ލިބުމުން ވެސް އިންޓަނޭޝަނަލް ޓްރެވަލް ކޮންސަލްޓަންޓް ޕްރައިވެޓް ލިމިޓެޑުން އެއްބަސްވި ގޮތަށް ހަ ލައްކަ ޑޮލަރު ދިނުމުގެ ގޮތުން އެ ކުންފުނީގެ ޗެކުން އެއްލައްކަ ޑޮލަރު ދިނުމަށްފަހު ބާކީ ބައި ހޯދުމަށް ގުޅުމުން ފައިސަލަށް ހުތުރު އެއްޗެހި ކިޔައި އެ ފައިސާ ނުދޭނެކަމަށް ޖާބިރު ބުނެފައިވާތީ އަލުން ސިވިލްކޯޓަށް ހުށަހެޅި މައްސަލައެކެވެ.

މި މައްސަލައިގައި ފައިސަލް އެދިފައިވަނީ ޖާބިރާއި ދިޔާނާގެ ކިބައިންނާއި، އެ ފައިސާ ދެއްކުމަށް ޖާމިނުވި ޖޭ ހޮޓަލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިިމިޓެޑާއި، އިންޓަނޭޝަނަލް ޓްރެވަލް ކޮންސަލްޓަންޓް ޕްރައިވެޓް ލިމިޓެޑުގެ ކިބައިން އެ ފައިސާ އެކީ އެއްފަހަރާ ލިބިގަތުމަށާއި، ވ. ބޮޑުމޮހޮރާގައި ގާއިމުކުރާ ރިސޯޓްގައި ފިހާރައެއް ހިންގުމުގެ ހައްގު ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމަށެވެ.

މި މައްސަލަ ރައްދުވާ އެއްވެސް ފަރާތަކުން ދައުވާއަށް ރައްދު ދީ ޖަވާބު ދީފައި ނުވާތީ މި ދައުވާ ހުށަހެޅި ފަރާތުން އެދުނުގޮތަށް 28 ޖެނުއަރީ 2025 ގައި އެ ފަރާތްތަކުގެ ގައިރު ހާޒިރުގައި ސިވިލްކޯޓުން ހުކުމް ކުރީ، އިންޓަނޭޝަނަލް ޓްރެވަލް ކޮންސަލްޓަންޓް ޕްރައިވެޓް ލިމިޓެޑުން ފަޅު ވިއްކުމަށްފަހު ލިބުނު ފައިސާއިން އެއްލައްކަ ޑޮލަރު ފައިސަލަށް ދީފައިވާ ކަމަށާއި، ޖާބިރާއި ދިޔާނާގެ ދޭން ޖެހޭ ފައިސާ އަކީ ހަ ލައްކަ ޑޮލަރު ކަމަށް ކަނޑައަޅާ ކަމަށެވެ. އަދި އެ އަދަދު ދެއްކުމަށް ޖާބިރާއި ދިޔާނާގެ އިތުރުން އެ ކުންފުނިތަކުން ޒިންމާވާން ޖެހޭނެ ކަަމަށް ކަނޑައަޅައި، ފައިސަލަށް ލިބިދިނުމުގެ ގޮތުން ހަ ލައްކަ ޑޮލަރު ވަގުތުން ސިވިލްކޯޓަށް ދެއްކުމަށް އެފަރާތްތަކުގެ މައްޗަށް ސިވިލް ކޯޓުން އަމުރުކުރިއެވެ.

މި މައްސަލައިގައި މުރާޖައާކޮށްދިނުމަށް އެދި ދިޔާނާގެ ފަރާތުން 22 މެއި 2025 ގައި ސިވިލްކޯޓަށް މައްސަލަ ހުށަހެޅިއެވެ.

އެ މައްސަލައިގައި ސިވިލްކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ، ޖާބިރާއި ދިޔާނާ އާއި އެ ދެ ކުންފުނީގެ މައްޗަށް ސިވިލްކޯޓުން ކުރި ހުކުމް ބާތިލު ކަމަށެވެ.