މަޖިލީހުގެ ރައީސް

އިއާދަ ކުރަނިވި ހަކަތައަށް ކަރަންޓު ބަދަލުކުރުމުން އަހަރަކު 500 މިލިއަން ޑޮލަރު ސަލާމަތްވާނެ: މަޖިލިސް ރައީސް

އިބްރާހިމް ޒަކީ

ރާއްޖޭގެ ރަށްރަށުގެ ކަރަންޓް އިއާދަ ކުރަނިވި ހަކަތައަށް ބަދަލުކޮށްގެން އަހަރަކު 500 މިލިޔަން ޑޮލަރު ސަލާމަތް ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ، ރާއްޖޭގެ ރަށްތަކުގެ ކަރަންޓު، އިއާދަ ކުރަނިވި ހަކަތައަށް ބަދަލު ކުރުމުގެ މަސައްކަތް އަވަސްކުރުމަށް ސަރުކާރަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމު ހުށަހެޅުއްވި މައްސަލައާބެހޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ސަލީމު ވިދާޅުވީ، ރާއްޖޭގައި ތެޔޮ އަންދައިގެން ކަރަންޓްގެ ހިދުމަށްދިނުމަށް ބޭނުންވާ ތެޔޮ ގަތުމަށް އަހަރަކު 500 މިލިޔަން ޑޮލަރު ހަރަދުކުރަން ޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ މީގެ ކުރިން ތިމާވެށީގެ މައްސަލަ ތަކަކީ، ނުވަތަ އިންސާނުން، ދުނިޔެއަށްބަލައިގެން ދިރިއުޅޭ ގޮތެއްގެ ގޮތުގައި ފާހަގަވެފައި އޮތް ނަމަވެސް، މިދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި މިމައްސަލަ މުޅިން އެހެން ގޮތަކަށް ބަދަލުވެ، އިގުތިސާދީ މައްސަލައަކަށް ވެފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އިރުގެ ދޯދި ތަކަކީ، ރާއްޖެއަށް ލިބެންއޮތް ގުދުރަތީ ވަސީލަތެއް ކަމަށާއި، އިއާދަކުރަނިވި ހަކަތައިގެ މަގަށް ރާއްޖެ ބަދަލު ކުރަން ޖެހޭ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަލީމު ހުށަހެޅުއްވި މައްސަލަ މަޖިލީހަށް ބަލައިގަނެ ވަނީ ބަހުސް ކޮށްފައެވެ.