ރިސޯޓު މުވައްޒަފުންނަށް ވަޒީފާ އަދާ ކުރަމުން ފަތުރުވެރިކަމާ ގުޅޭ ދާއިރާތަކުން ސަނަދު ހާސިލު ކުރެވޭނެ ގޮތް ހަމަޖައްސަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މައުސޫމް މިހެން ވިދާޅުވީ، ވީޓީވީގެ "ފަސް މަންޒަރު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން މިނިސްޓަރު މައުސޫމް ވިދާޅުވީ ރިސޯޓުތަކުގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ އެހެން ނަމަވެސް ސަނަދެއް ނެތް މުވައްޒަފުން އެބަ ތިބި ކަމަށެވެ. އެ ފަދަ މުވައްޒަފުންގެ ތަޖުރިބާ ހުއްޓަސް، ސަނަދު އޮތް ދަރިވަރުންނާ ވާދަކޮށް ވަޒީފާ ހޯދަން ދަތިވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ވަޒީފާ އަދާ ކުރަމުންވެސް ސަނަދު ހާސިލު ކުރެވޭނެ ގޮތް ހަމަޖައްސަން މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު ހަޔާ އެޑިއުކޭޝަން މިނިސްޓްރީއާވެސް މަޝްވަރާކުރެވިއްޖެ. މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީއާ ވެސް އެކަންތަކަށް ޝައުގުވެރިކަން ފާޅުކޮށްފައި އޮތީ، ރިސޯޓުގައި މަސައްކަތް ކުރަމުން ސަނަދު ހޯދައިދިނުން" މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މަސައްކަތް ކުރަމުން ސަނަދު ލިބުމުން ބޭރުން ގެންނަ މުވައްޒަފުންނަށް ތަޖުރިބާގެ ގޮތުން ދިވެހި މުވައްޒަފާ ވާދަ ނުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ފަތުރުވެރިކަން ކުރިއަރައި ދިއުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއްބަޔަކީ އެ ސިނާއަތުގައި މަސައްކަތް މުވައްޒަފުން ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ރިސޯޓުތަކުގެ މަތީީ ވަޒީފާތަކުގައި ވީހާވެސް ގިނަ ދިވެހިން ތިބުން ކަމަށާއި ރިސޯޓު އޯނަރުންގެ ގޮތުގައިވެސް ދިވެހިން އިތުރުކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.