އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތައް އިއުތިރާފުވެވަޑައިގެން 20 އަހަރުގެ ޖަލު ހުކުމެއް، ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަހުމަދު އަދީބު އަބުދުލް ގަފޫރު ކުރައްވަމުން އެ ގެންދަވަނީ ގައުމީ މަސައްކަތެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރު ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމު (ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނުހައްގު މުއްސަނދިކަމަކީ ކުށެއްކަމަށް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހިމަނަން ހުށަހެޅި ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ދޮންބިލެތް ވިދާޅުވީ، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމަކީ ކޮރަޕްޝަން ހައްދު ފަހަނައަޅާފައިވާ ވެރިކަމެއް ކަމަށެވެ.

އެ ވެރިކަމުގައި ހިނަގއިދިޔަ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ނުބެލޭނެކަމަށް ބައެއް ފަރާތްތަކުން ބުނަމުންދިޔަ ނަމަވެސް، އެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށް ޖަލަށް ލުމަކީ އެ މައްސަލަ ބަލާފައިވާކަން އެނގިގެންދާ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

އެ މައްސަލައަށް ލިބު އެންމެ ބޮޑު ކާމިޔާބަކީ، އަދީބަށް ހުކުމް ކުރުން ކަމަށާއި ނަމަވެސް އޭނާ ހުންނެވީ ގޭގައި ކަމަށް ދޮންބިލެތް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަދީބު ގޭގައި ހުންނަވައިގެން އެ ކުރައްވާ ކަމަކީ ގައުމީ މަސައްކަތެއް ކަމަށާއި އަދީބު ގޭގައި ބަހައްޓައި ބޭސްކޮށްދީ ފުރާނަ ސަލާމަތް ކޮށްދީގެން އެ މައްސަލަައާބެހޭ ހުރިހާ އެއްޗެއް ނެރުވަން ޖެހޭ ކަމަށެވެ. އަދި އެ މައްސަލައަށް އިއުތިރާފުވެ އެކަމަށް މައާފަށް އެދިފައިވާތީ އަދީބަށް ޝުކުރު އަދާކުރާ ކަމަށްވެސް ވިދާޅުވިއެވެ.

ދޮންބިލެތް ވިދާޅުވީ އަދީބަށް ލުއި ދީފައިވަނީ އެހެން ގައުމުތަކުގައިވެސް ބޮޑެތި ކުށްތަކުގައި، އެއްބާރުލުން ދޭ ފަރާތްތަކަށް ލުއިދޭ އުސޫލުން ކަމަށެވެ. އެގޮތުން އަދީބު ކުރައްވާފައިވާ ކުށަށް އަންނަން ޖެހޭ 800 އަހަރުގެ ހުކުމް 20 އަހަރު ދުވަހަށް ބަދަލު ކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.