ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު އިސްލާހު ކުރަން (ބަރުލަމާނީއަށް) ބޭނުންވާ ކަމަށާއި، ނަމަވެސް މިއީ އެކަމަށް އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާފައިވާ ކަމަށެވެ.

ވެރިކަމުގެ ނިޒާމަށް އިސްލާހު ގެނައުމަކީ އެމަނިކުފާނުވެސް ދައްކަވާ ވާހަކައެއް ކަން މަޖިލިސް މެންބަރުންނާއި ދިވެހި ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް ޖާބިރު ހުށަހަޅުއްވާފައިވަނީ އެ ބާވަތުގެ އިސްލާހެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ދަނޑިވަޅަކީ އެމަގަށް ދިއުމަށް ބަހުސް ފަށަންވީ ވަގުތުކަމަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވާނަން ވެރިކަމުގެ ނިޒާމަށް އިސްލާހެއް ގެނައުމަކީ އިއްޒަތްތެރި މެންބަރުންނަށްވެސް އަދި ރާއްޖޭގެ ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނެ އަޅުގަނޑު ދައްކާ ވާހަކައެއްކަން، އެހެން ނަމަވެސް އެއްގޮތަކަށްވެސް އޮޅޭކަށް އަޅުގަނޑެއް ނޭދެން މީޔަކީއެއް، ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ހުށަހަޅުއްވާފައި އެވަނީއަކީއެއް ކުޑަކޮށްވެސް އެ ބާވަތުގެ އިސްލާހެއް ނޫން އަދި އެމަގަށް ދިއުމަށް ބަހުސެއް ފަށަން ވީ ވަގުތެއް ކަމަށްވެސް އަޅުގަނޑު ނުދެކެން މިވަގުތަކީއެއް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ވެރިކަމުގެ ނިޒާމުގެ އިސްލާހަށް އެމަނިކުފާނު ތަކުރާރުކޮށްވެސް އެދިވަޑައިގަންނަވާ ކަމަށެވެ.

ބޭނުންފުޅުވެ ވަޑައި ނުގެންނެވިއަސް އެ އިސްލާހު މަޖިލީހަށް އެޖެންޑާ ކުރަން ޖެހޭކަން ހާމަކުރެއްވުމަށްޓަކައި، މަޖިލިސް ރައީސް ވިދާޅުވީ، އެމަނިކުފާނުގެ އަތް ބަނދެވިފައިވާ ކަމަށާއި، މަޖިލީހުގެ ގަވާއިދު ބުނާގޮތަށް އެމަނިކުފާނު އަމަލު ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން އެ މި ބިލުގެ ފުރަތަމަ ކިޔުމާއި، އިބުތިދާއި ބަހުސް މަޖިލީހުގައި ހިންގާނެ ކަމަށާއި އެއަށްފަހު ބިލާ މެދު އިތުރަށް ހައްދަވާނެ ގޮތެއް ނިންމަވާނީ މަޖިލިސް މެންބަރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުގެ އަތް ވަނީ ބަނދެވިފައި، މިތަނުގެ ގަވާއިދު މި ބުނާގޮތަށް އަޅުގަނޑު އަމަލު ކުރަން ޖެހޭ، އެހެންވީމާ މި ބިލުގެ ފުރަތަމަ ކިޔުމާއި އިބުތިދާއި ބަހުސަކާ ހިނގާނެ، މެންބަރުންގެ ނިންމުމެއް އެެއީ ބިލާ މެދު އިތުރަށް ހައްދަވާނެ ގޮތެއް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.