ފަނަރަ މިނެޓު ތެރޭގައި ކޮވިޑުގެ ނަތީޖާ ލިބޭ ގޮތަށް އެމެރިކާގެ އެބޮޓް ކުންފުނިން ތައްޔާރު ކުރި "ބައިނެކްސްނައު ކޮވިޑް 19 އޭޖީ ކާޑު" ނުވަތަ ރެޕިޑް އެންޓިޖެން ޓެސްޓު ހެދުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން މެޑްޓެކް މޯލްޑިވްސް އަށް ދީފި އެވެ.
މެޑްޓެކް މޯލްޑިވްސް އިން މިހެން ބުނެފައިވަނީ ރޭ ކޮށްފައިވާ ޓުވީޓެއްގައެވެ.
އެގޮތުން ރާއްޖެއިން ލިބެން ހުރި އެބޮޓް ބްރޭންޑްގެ އެންޓިޖެން ޓެސްޓް ކިޓު ބޭނުންކޮށްގެން ކޮވިޑް 19 އަށް ޓެސްޓު ކުރުމުގެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށް މެޑްޓެކުން ބުނެއެވެ. އަދި މި އިންތިޒާމު ހަމަޖައްސާފައިވަނީ އެޗްޕީއޭއިން އެކުލަވާލައި އާންމު ކޮށްފައިވާ އުސޫލުގެ ދަށުން ކަމަށް މެޑްޓެކުން ބުނެއެވެ.
މެޑްޓެކުން ފޯރުކޮށްދޭ އެބޮޓް މަރުކާގެ ޕެންބިއޯ އެންޓިޖެން ޓެސްޓަކީ 15 މިނެޓުގައި ނަތީޖާ ލިބޭ ޓެސްޓެއް ކަމަށް މެޑްޓެކުން ފާހަގަ ކުރެއެވެ.
އެޗްޕީއޭއިން އާންމު ކޮށްފައިވާ އުސޫލުން މި ޓެސްޓު ހެދޭނީ ކޮވިޑްގެ އަލާމާތްތައް ފެންނަތާ ހަތް ދުވަހުގެ ތެރޭގައި ކަމަށް މެޑްޓެކުން ބުނެއެވެ. ކޮވިޑުގެ އަލާމާތްތައް ފެންނަތާ ފަސް ދުވަސް ފަހުން މި ޓެސްޓު ހަދައިގެން ނެގެޓިވް ނަތީޖާއެއް ލިބުނު ކަމުގައި ވީނަމަވެސް ޕީސީއާރު ޓެސްޓެއް ހަދައިގެން ނަތީޖާ ކަށަވަރު ކުރަން ވާނެ ކަމަށް އެޗްޕީއޭގެ އުސޫލުގައި ވާކަމަށް މެޑްޓެކުން ބުނެއެވެ.
މިކަމާ ގުޅިގެން "ވަން" އަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާނު ވިދާޅުވީ މި ޓެސްޓު ހެދުމުގެ ހުއްދަ ވަކި ބަޔަކަށް ދީފައި ނުވާ ކަމަށެވެ. ނަމަވެސް އެޗްޕީއޭއިން އާންމު ކޮށްފައިވާ އުސޫލުގައި ހިމެނޭ ޝަރުތުތައް ހަމަވާ ފަރާތްތަކަށް މި ޓެސްޓު ހެދޭނެ ކަމަށް ތަސްލީމާ ފާހަގަ ކުރެއްވިއެވެ.
އެގޮތުން އެޗްޕީއޭއިން އާންމު ކޮށްފައިވާ ރެޕިޑް އެންޓިޖެން ޓެސްޓު ހެދުމުގައި އަމަލު ކުރާނެ އުސޫލާއި އެއްގޮތުގެ މަތިން ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ސިއްހީ ހިދުމަތްދޭ ތަނެއްގައި، ތަމްރީނުވެފައިވާ ސިއްހީ ހިދުމަތްތެރިން އިންފެކްޝަން ކޮންޓްރޯލް އެންޑް ޕްރިވެންޝަނަށް ބޭނުންވާ ފިޔަވަޅުތައް އަޅައިގެން މި ހިދުމަތް ދެވޭނެ ކަމަށް ތަސްލީމާ ވިދާޅުވިއެވެ.
މެޑްޓެކް މޯލްޑިވްސް އަކީއެބޮޓްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާއެވެ. އެމެރިކާ އާއި ޔޫރަޕުން މިހާރު ވެސް ބޭނުން ކުރަމުން އަންނަ މި ޓެސްޓު ކިޓުތައް ރާއްޖެއަށް ތައާރަފު ކޮށްފައިވަނީ ސެޕްޓެމްބަރު މަހުއެވެ. ނަމަވެސް އޭރު މި ކިޓުތައް ބޭނުން ކުރުމުގެ ހުއްދަ އެޗްޕީއޭއިން ދީފައެއް ނުވެއެވެ. މި ކިޓުތައް ބޭނުން ކުރުމުގެ ހުއްދަދީ، އެކަމަށް ހާއްސަ އުސޫލެއް އެޗްޕީއޭއިން އެކުލަވާލީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19