ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްސަލައަށް ނުފޫޒު ގަދަ ފަރާތްތަކަކުން ބާރު ފޯރުވަމުން އަންނަ ކަމަށް ޕްރޮގްރެސިވް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބޭފުޅުން ރައީސް ޔާމީންގެ މައްސަލައަށް ނުފޫޒު ފޯރުވުމުގެ މަސައްކަތް އެކިއެކި ގޮތްގޮތުން ކުރަމުން އަންނަ ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެފަދަ މަސައްކަތް ތަކެއް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

"ސުޕްރީމް ކޯޓުން އެންމެ ފަހުން ނިންމި ނިންމުމުން އިނގެން އޮތް ހަގީގަތަކީ ރައީސް ޔާމީނަށް މި ސަރުކާރުން ނުހައްގުން އަނިޔާ ކުރަމުންދާކަން. މި އަނިޔާ ކުރަނީ ރައީސް ސޯލިހާއި ރައީސް ނަޝީދު އިސްވެ ތިބެގެން. ރައީސް ނަޝީދު މި ހިމެނިވަޑައިގަންނަވަނީ ޖޭއެސްސީގައި. ޖޭއެސްސީގައި މިއަދު އޮތީ އެމީހުންގެ ކޮންޓްރޯލް. އެހެންވީމަ މިއީ ވަރަށް ބޮޑު ކަންބޮޑުވުންތަކެއް،" އަދުރޭ ވިދާޅުވި އެވެ.

ނުފޫޒުގަދަ ބަޔަކު ރައީސް ޔާމީންގެ މައްސަލައަށް ބާރު ފޯރުވަމުން އަންނަ ކަމަށް އަދުރޭ ވިދާޅުވި ނަމަވެސް އެއީ ކޮން ބައެއް ކަމެއް ވިދާޅެއްނުވެ އެވެ.

"ރައީސް ޔާމީނަށް މިކުރާ އަނިޔާ މިކުރަނީ ހަމައެކަނި ރައީސް ސޯލިހާއި ނަޝީދާ ދެބޭފުޅުން އެކަނި އިސްނަންގަވައިގެނެއް ނޫން. މީގެ ފުރަގަހުގައި ބާރުގަދަ، ނުފޫޒުގަދަ ފަރާތްތަކެއް އެބަވޭ. އަޅުގަނޑު ނެތިން ކަނޑައެޅިގެން އެއީ ކޮން ބައެއްކަން ދަންނަވާކަށް. އެނގޭކަމަކީ މި ސަރުކާރުގެ ހާލަތު އޮތް ގޮތް. މި ސަރުކާރުގެ އިހުތިޔާރެއް ނެތްވަރު. ސަރުކާރުން މިގައުމުގެ މައްޗަށް ނުފޫޒެއް ނެތްވަރު ބަލާލި ކޮންމެ ދިމާލަކުން މި ރާއްޖެއިން ފެންނަމުން އެބަދޭ،" އަދުރޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސަރުކާރަކީ އަދުލު އިންސާފު ގާއިމްކުރުމަށް އެކަމުގެ ޓެގް އަޅުވައިގެން ވެރިކަމަށް އައި ބައެއް ކަމަށާއި ނަމަވެސް މިއަދު ފެނިގެން މިދަނީ ރާއްޖޭގެ އަދުލު އިންސާފު ވަރަށް ބޮޑަށް ގެއްލުވާލާފައިވާ މަންޒަރު ކަމަށެވެ. އަދި އިންސާފުވެރިކަމާއެކު ޝަރީއަތްތައް ހިނގައިފިނަމަ ރައީސް ޔަމީން މިނިވަންވާނެކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވި އެވެ. އަދި ރައީސް ޔާމީން ޖަލުން ނުކުތުން ވެގެންދާނީ މި ސަރުކާރަށް ކެތް ނުކުރެވޭނެ ކަމަކަށް ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްސަލަ ދަށު ކޯޓުގައި ކުރިއަށް ދިޔައިރު ގާޒީންނަށް ބިރުދައްކައި މަގާމުން ދުރުކޮށް މައްސަލައަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް އަދުރޭ އިތުރަށް ވިދާޅުވީ، ހައި ކޯޓުގެ މައްސަލަ ކުރިއަށްދާއިރު، އެ މައްސަލައަށް މާބޮޑަށް ނުފޫޒުފޯރުވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.