މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

ތިލަމާލެ ބުރިޖު އެޅުމަށް 400 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފި

މަރިޔަމް ޝަހުދާ

ގްރޭޓާ މާލެ ކަނެކްޓިވް ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެއްބަސް ވުމުގައި ސޮއިކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މާލެ، ވިލިމާލެ އަދި ތިލަފުށި ގުޅުވާލާ ބްރިޖު ގެ މަޝްރޫއުގެ މަސައްކަތަށް ދޭ މި ލޯނުގެ އެގްރީމަންޓުގައި ސޮއިކޮށްފައިވަނީ މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---

މި އެއްބަސްވުމުގައި އެގްޒިމް ބޭންކުގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ބޭންކުގެ ޖެނެރަލް މެނޭޖަރު މިރްމިތު ވޭދް އަދި ޗީފް މެނޭޖަރު ހަރީޝް ކުމާރު ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުއެވެ.

ފިނޭންސް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި ލޯނު ދެއްކުމަށް ރާއްޖެއަށް 20 އަހަރު ލިބޭނެއެވެ. މި ލޯނު ދައްކަން ފަށަން ޖެހޭނީ މަޝްރޫއުގެ މަސައްކަތް ނިމޭތާ ފަސް އަހަރު ފަހުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މި އެއްބަސްވުމަކީ ލައިން އޮފް ކްރެޑިޓް އެއްބަސްވުމެއް ކަމަށާއި، މި އެއްބަސްވުން ޝަރުތު ކުރާ ގޮތުން މަޝްރޫއުތަކުގެ ޕްރޮޖެކްޓު ކޮމްޕޯނެންޓް ގެ ތެރެއިން 65 އިން 75 އިންސައްތަ ސޯސް ކުރެވެން ވާނީ އިންޑިއާއިން ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މިކަމުގެ ސަބަބުން ދިވެހި ކުންފުނިތަކާއި ހިދުމަތްތެރިންނަށް މަޝްރޫއުތަކުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވިގެން ދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫއުގެ ޓެންޑާ ކަރުދާސްތައް ތައްޔާރު ކުރުމަށް ނިންމާފައިވަނީ ދިވެހި ސަރުކާރާއި އިންޑިއާގެ އެގްޒިމް ބޭންކް ގުޅިގެން، ދެފަރާތުގެ މެދުގައި ބޭއްވޭ ކޮންސަލްޓޭޝަންތަކުގެ ދަށުން ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. މި މަޝްރޫއުގެ ޓެންޑާ މަރުހަލާ ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭ ފެށޭނެ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލާ 67 ކިލޯ މީޓަރުގެ ބުރިޖުތަކާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް ވެގެންދާނީ މާލެ، ހުޅުލެ، އަދި ހުޅުމާލެ ގުޅީފަޅު ޕޯޓްގެ އިތުރުން ތިލަފުށި އިންޑަސްޓްރިއަލް ޒޯން ގުޅުވައިދޭ ލައިފްލައިނަށް ކަމަށް މިިނިސްޓްރީން ބުނެއެވެ. އަދި އުއްމީދަމކީ މި މަޝްރޫއު ގައުމީ އިގްތިސާދުގެ އިންޖީނުކަމުގައި ވެގެން ދިއުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މި ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގައި އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެއް ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. މި މަޝްރޫއުގެ ދަށުން މާލެ އަދި ވިލިނގިލީގެ ލޭންޑް އިންޓާޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރާނެ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި މަޝްރޫއުގެ ދަށުން ގުޅީފަޅު އަދި ތިލަފުށީގައި ރައުންޑްއެބައުޓް ތަކެއް ގާއިމް ކުރެވޭނެ ކަމަށާއި، ކޮންމެ ރަށެއްގައިވެސް ބްރިޖު ޖަންކްޝަން ކައިރީ ބަސް ޓާމިނަލެއް ގާއިމު ކުރުމަށް ހަމަޖައްސާފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ. މީގެ އިތުރުން އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދިއުމަށް މި މަޝްރޫއުގެ ރޯޑް ލައިޓިން، ނެވިގޭޝަން ލައިޓިން، ސީސީޓީވީ އަދި ސައިން ގެންޓްރީ ގެ ލައިޓިން އާއި އާކިޓެކްޗަރަލް ލައިޓިން ފޯރުކޮށްދިނުމަށް ބޭނުން ކުރެވޭނީ އިރުގެ ހަކަތަ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ލޭމްޕް ޕޯސްޓް ތަކާއި ބްރިޖްގެ ޕަރަޕެޓް ތަކުގައި ސޯލާ ޕެނަލް ހަރުކުރާނެ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ފިނޭންސް މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާ ކުރެވެނީ މިއަހަރު ޑިސެމްބަރު މަހުއެވެ.