ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ އާ މަޝްރޫއުތަކަށް 2.5 ބިލިއަން ރުފިޔާ ކަނޑައަޅައި އަންނަ އަހަރުގެ ބަޖެޓް އެކުލަވާލަން ފިނޭންސް މިނިސްޓްރީން ނިންމައިފިއެވެ.
އެކަމާބެހޭގޮތުން ފިނޭންސް މިނިސްޓްރީން ވަނީ ސާކިއުލާއެއްވެސް ނެރެފައެވެ.
އެ ސާކިއުލާގައި ބުނެފައި ވަނީ، "ނިއު ޕޮލިސީ އިނީޝިއޭޓިވް"ގެ ދަށުން މިނިސްޓްރީތަކުން ކުރިއަށް އޮތް ތިން އަހަރު (2027 އިން 2029ވަނަ އަހަރު)ގެ ޕްރޮގްރާމް ބަޖެޓުގައި ހިމަނަން ބޭނުންވާ ކަންކަން ހުށަހަޅަން ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެހެންކަމުން ވަކިވަކި މިނިސްޓްރީތަކުން ބަޖެޓުގައި ހިމަނަން ބޭނުންވާ އާ ކަންކަން ކަނޑައެޅުމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގައިފައެވެ.
ސާކިއުލާގައި 2.5 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން އެންމެ ބޮޑު ބައެއް ކަނޑައަޅާފައި ވަނީ އުމްރާނީ ތަރައްގީގެ ކަންކަމަށެވެ. އެކަމަށް ދެ ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު، އެކިއެކި ކަންކަމަށް 500 މިލިޔަން ރުފިޔާގެ ސީލިންއެއް ކަނޑައަޅާފައިވެއެވެ.
ސާކިއުލާގައިވާ ގޮތުން 2027-2029 ވަނަ އަހަރުގެ ޕްރޮގްރާމް ބަޖެޓުގައި ހިމަނަން ބޭނުންވާ އާ ކަންކަން އަންނަ އޮގަސްޓް މަހުގެ 18ވަނަ ދުވަހުގެ ކުރިން ބަނޑޭރި ޕޯޑަލް މެދުވެރިކޮށް މިނިސްޓްރީތަކުން ހުށަހަޅަން ޖެހެއެވެ.
ބަޖެޓުގައި ހިމަނާ އާ ކަންކަން ވާން ޖެހޭނީ ސަރުކާރުގެ މެނިފެސްޓޯ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުތަކަށް ބިނާކޮށް ކަމަށެވެ. އަދި ގާނޫނަކުން ނުވަތަ އެއްބަސްވުމަކުން އެކަމެއް ކުރުމަށް ލާޒިމް ކުރާ ކަންކަން ވެސް އާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ބަޖެޓުގައި ހިމަނާ އާ ކަންކަން މިންތީގެ ހަމަހަމަކަމާއި އިޖްތިމާއީ ބައިވެރިވުން ކުރިއެރުވުމަށް ގުޅުން ހުރި ދާއިރާތަކަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި ޖެންޑާ އިކުއިޓީ އެންޑް ސޯޝަލް އިންކްލޫޝަން ބަޖެޓިންގެ މަސައްކަތްތައް ކުރިއަށް އޮތް ތިން އަހަށް އެކުލަވާލާ ބަޖެޓްގައި ޕައިލެޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މޫސުމީ ބަދަލުތަކަށް އިސްކަންދޭ ބަޖެޓެއް އެކުލަވާލުމަށާއި އެކަމާ ގުޅުން ހުރި ހަރަދުތައް ދެނެގަތުމުގެ ގޮތުން ދައުލަތުގެ އިދާރާތަކުން ހުށަހަޅާ މަޝްރޫއަކީ "ކްލައިމެޓް ރިލެވެންޓް" ޕްރޮޖެކްޓެއްކަން ސާފުކޮށް ބަޔާންކުރަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
އިބްރާހިމް ޒަކީ
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
ކޮމެންޓް