ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ސަރުކާރުން ގެރެންޓީ ދީގެން ނެރުމަށް ހަމަޖެހިފައިވާ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް ފުޅާކުރުމަށް ފުރުސަތު ހުޅުވާލުމަށް ކުރާ މަސައްކަތެއްކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ފިޗްއިން ރާއްޖޭގެ ރޭޓިން "ސީސީ" އިން "ސީސީސީ މައިނަސް" އަށް މަތިކުރުމާ ގުޅިގެން ޒަމީރު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބީއެމްއެލްގެ ސުކޫކަކީ މެދު ރާސްތާގައި އިގްތިސޯދު ކުރިއެރުވުމަށް ސަރުކާރާއި ބީއެމްއެލް ގުޅިގެން ކުރިއަށްގެންދާ މާލީ މުއާމަލާތެއް ކަމަށެވެ.
ހާއްސަކޮށް އުތުރާއި ދެކުނުގެ ސަރަހައްދުތަކުގައި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މީގެ ސަބަބުން ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، މީގެ ކުރިންވެސް ހާމަކޮށްފައިވާ ފަދައިން އެ ސުކޫކަކީ ދައުލަތުގެ ބަޖެޓަށް އެހީވުމަށް ނުވަތަ ސަރުކާރުގެ ކޭޝް-ފްލޯގެ ބޭނުންތަކަށް ހާއްސަކޮށްފައިވާ މުއާމަލާތެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެ ސްކޫކުގެ އަމާޒަކީ މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި އިގްތިސޯދީ ހަރަކާތްތައް ފުޅާކޮށް، އަމިއްލަ ވިޔަފާރިތަކަށް އިންވެސްޓްކުރުމަށް މަގުފަހިކޮށްދިނުންކަމަށް ޒަމީރު ވިދާޅުވިއެވެ.
އެކަމުގެ ސަބަބުން ދައުލަތަށް އާމްދަނީ ލިބޭ ވަސީލަތްތައް އިތުރުވެ، ކުރިއަށް އޮތް އަހަރުތަކުގައި ކަނޑައަޅާފައިވާ މާލީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ފަސޭހަވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފިޗް ރޭޓިންގްސްއިން ރާއްޖޭގެ ރޭޓިން މަތިކޮށްފައިވަނީ، މައިގަނޑު ގޮތެއްގައި މިދިޔަ އޭޕްރިލް މަހު ދައްކަންޖެހޭ ސުކޫކުގެ ފައިސާ ދައްކައި ހަލާސްކޮށްފައިވުމުގެ ސަބަބުންނެވެ. އަދި އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ގެންނަ އިސްލާހުތަކާއި ބޭރު ފައިސާއާ ބެހޭ އާ ގަވާއިދުތަކުގެ ސަބަބުން، ދައުލަތަށް ބޭރު ފައިސާ ހޯދުމުގެ ގާބިލުކަން އިތުރުވާނެކަމަށް ފިޗްއިން ވަނީ ލަފާކޮށްފައެވެ.
އެކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ބޭރުގެ ހަނގުރާމަތަކުގެ ސަބަބުން ކުރު ރާސްތާގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރާއްޖޭގެ ފިސްކަލް އަދި މަނިޓަރީ ޕޮލިސީގެ އިސްލާހުތަކުގެ ސަބަބުން އިގްތިސޯދީ ލޮޅުންތަކުން އަރައިގަތުމުގެ ގާބިލުކަން މިހާރު އިތުރުވެފައިވާ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ ދައުލަތުގެ ހަރަދުތައް ފާސްކޮށްފައިވާ ބަޖެޓުގެ ތެރެއިން ހަމަޖައްސައި، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުންކަމަށް މިނިސްޓްރީން ބުންޏެވެ.
ފާއިތުވި ދެ އަހަރު ދަށްކޮށް އޮތުމަށްފަހު ރާއްޖޭގެ ރޭޓިން މަތިވުމަކީ އިންވެސްޓަރުންގެ އިތުބާރު އަލުން ލިބެމުންދާ ކަމުގެ ނިޝާނެއް ކަމަށްވެސް ފިނޭންސުން ބުންޏެވެ.
މުހައްމަދު އިޝާން
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު