މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ހޭދައާއި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުގައިވާ ގޮތުން މި މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން ވަނީ ކެޕިޓަލް ހަރަދުގެ ގޮތުގައި 2.32 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. މީގެ ތެރެއިން ދެ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވަނީ އުމްރާނީ މަޝްރޫއުތަކައްކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މިދިޔަ އަހަރުގެ މި މުއްދަތުގައި މި މަޝްރޫއުތަކަށް ހޭދަވެފައިވަނީ 1.65 ބިލިއަން ރުފިޔާއެވެ. މަޝްރޫއުތަކުގެ ހަރަދާ އެކު، ދައުލަތް ހިންގުމުގެ ރިކަރަންޓް ހަރަދުވެސް ވަނީ 14.47 ބިލިއަނުން 16.87 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މީގެ ތެރޭގައި މުސާރައާއި ޕެންޝަނަށް ކުރި 6.6 ބިލިއަން ރުފިޔާ ހިމެނޭއިރު، މިއީ މިދިޔަ އަހަރަށް ވުރެ 600 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
މީގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން ސަބްސިޑީއަށް ކުރި ހޭދަ ވަނީ 1.3 ބިލިއަނުން 2.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ހަރަދުތައް އިތުރުވި ނަމަވެސް، އިގްތިސޯދީ ހަރަކާތްތައް އިތުރުވުމާ ގުޅިގެން ދައުލަތަށް ލިބުނު އާމްދަނީ ވަނީ 10.1 ޕަސަންޓުގެ ކުރިއެރުމެއްވަނީ ލިބިފައެވެ.
އެގޮތުން މި އަހަރުގެ މިހާތަނަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 19.1 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ލިބުނު ޖުމްލަ އާމްދަނީގެ 78 ޕަސަންޓް ހިއްސާކުރަނީ ޓެކްސް ފައިސާއެވެ. އާމްދަނީ އިތުރުވުމުގެ އެންމެ ބޮޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ ޓީޖީއެސްޓީއާއި އާންމު ޖީއެސްޓީއަށް ލިބުނު ކުރިއެރުންކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ޓީޖީއެސްޓީގެ ގޮތުގައި މި އަހަރު 6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 400 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަދި އާންމު ޖީއެސްޓީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސް
ކޮމެންޓް