ސޮވެރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް 923.3 މިލިއަން ރުފިޔާ ޖަމާކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މިދިޔަ މަހުގެ 14ގެ ނިޔަލަށް އެސްޑީއެފްއަށް 923.3 މިލިއަން ރުފިޔާ ވަނީ ޖަމާކޮށްފައެވެ. ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަކީ މި އަހަރު ނިމޭއިރު މި ފަންޑަށް 2.4 ބިލިއަން ރުފިޔާ ޖަމާކުރުމެވެ.

މިއަހަރުގެ މި މުއްދަތުގައި އެސްޑީއެފްއަށް ޖަމާވި ފައިސާގެ އަދަދު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި މި ފަންޑަށް ޖަމާކޮށްފައިވަނީ 776 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މިއީ 18.9 ޕަސަންޓުގެ ކުރިއެރުމެކެވެ.

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަކީ ދައުލަތުން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި ދިމާވެދާނެ އިގުތިސޯދީ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް އުފެއްދި ހާއްސަ ފަންޑެކެވެ.

ކުއްލި ހާލަތްތަކުގައި ލޯނުތައް ދެއްކުމުގެ ގާބިލްކަން ހޯދުމުގެ މަގުސަދުގައި 2017 ވަނަ އަހަރު އުފެއްދި މި ފަންޑަކީ ދައުލަތުގެ މާލީ ހަމަޖެހުން ދެމެހެއްޓުމަށް މުހިންމު ދައުރެއް އަދާކުރާ ފަންޑެކެވެ.