ހުޅުމާލެ ކައިރީ އޮތް ދޯންޏަކުން ފުލުހުން 100 ކިލޯގެ މަސްތުވާތަކެތި ހޯދައިފި އެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު (ސީޕީ ހަމީދު) މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 100 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) އިން ފުލުހުންގެ ޑްރަގް އިންޓަލިޖަންސް ޑިޕާޓްމަންޓާއި މެރިން ފުލުހުންނާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެގޮތުން މި އޮޕަރޭޝަނުގައި 100 ކިލޯއަށް ވުރެ ގިނަ ހިރޮއިންނާއި ޕާޓީ ޑްރަގް ހޯދާފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ.

މަސްތުވާތަކެތީން އިޖްތިމާއީ އަދި އިގްތިސޯދަށް ކުރާ އަސަރު ބޮޑު ކަމަށް މި ޓުވީޓުގައި ސީޕީ ހަމީދު ފާހަގަ ކުރެއްވިއެވެ. އަދި ފުލުހުން އަބަދުވެސް މަސައްކަތް ކުރާނީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ކަމަށް ސީޕީ ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފުލުހުން މިހާތަނަށް އިތުރު މައުލޫމާތެއް އާންމު ކޮށްފައެއް ނުވެއެވެ. ފުލުހުންގެ މީޑިއާ ގުރޫޕުގައި ނޫސްވެރީން މި ކަމާ ގުޅޭ ގޮތުން ތަކުރާރުކޮށް ސުވާލު ކުރި ނަމަވެސް ފުލުހުން އެޔަށް އެކަށީގެންވާ ޖަވާބެއް ދީފައެއް ނުވެއެވެ.

މިމަހު ކުރީކޮޅު އައްޑޫގައި ހިންގި އޮޕަރޭޝަނެއްގައި 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވެއެވެ. މިއީ ބޭރުބަޔަކާ ގުޅިގެން ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް މަސްތުވާތަކެއްޗެވެ.