ޗައިނާއިން ކޮވިޑާ ދެކޮޅަށް އުފެއްދި އިތުރު ވެކްސިން އެއް ރައްކާތެރިކަމަށް ދައްކައިފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑުން ސަލާމަތް ވުމަށް އެކި ގައުމުތަކުން އަންނަނީ ވީ އެންމެ އަވަހަކަށް ކޮވިޑާ ދެކޮޅަށް ވެކްސިންއެއް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ.

ޗައިނާ އަކީ ވެސް ކޮވިޑާ ދެކޮޅަށް ވެކްސިން އެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތުން ކާމިޔާބީތަކެއް ހޯދަމުން އަންނަ ގައުމެެކެވެ. އެގައުމުގެ ސައިންސްވެރިން އުފެއްދި ކޮވިޑް ވެކްސިންގެ ޓެސްޓުތަކުގެ ފުރަތަމަ މަރުހަލާ ނިންމާލާފައިވާއިރު އެވެކްސިން އިން ކޮވިޑާ ދެކޮޅަށް ވަނީ ރަނގަޅު ނަތީޖާއެއް ދައްކާފައެވެ.

ޗައިނާގެ އެކަޑަމީ އޮފް މެޑިކަލް ސައިންސް އިން ފަންޑުކޮށްގެން އުފެއްދުމަށް މަސައްކަތް ކުރާ މިވެކްސިންގެ ޓެސްޓުތަކުގެ ފުރަތަމަ މަރުހަލާގައި ވަނީ އުމުރުން 18 އަހަރާއި 59 އަހަރާ ދެމެދުގެ 191 މީހެއްގެ ގަޔަށް ވެކްސިން ޖަހައި ތަހުލީލު ކޮށްފައެވެ.

ކޮންމެ ބައިވެރިޔަކަށް ތިން ޑޯޒް ދީގެން ޓެސްޓު ކޮށްފައިވާ މިވެކްސިން ޖަހާ ދުވަހުން ފެށިގެން 28 ދުވަސްވަންދެން ވަނީ ހާލަތު ބަލައިފައެވެ. ސައިންސުވެރިން ވަނީ ޓެސްޓު ކުރި ދުވަސްވަރު ކުދިކުދި ކަންތައްތަކެއް ފެނިވައިވާކަން ފާހަގަކޮށްފައެވެ. ނަމަވެސް ޖުމްލަކޮށް ވެކްސިންގެ ފުރަތަމަ ޓެސްޓު ކާމިޔާބުވެފައިވާކަމަށް ވަނީ ފާހަގަކޮށްފައެވެ.

ޗައިނައިން މިހާތަނަށް 11 ވެކްސިނެއް ކްލިނިކަލް ޓެސްޓުތައް ފެށުމަށް ތައްޔާރުވެފައިވާއިރު އެގައުމުން އުފައްދާ އެއް ވެކްސިން އެއް ވަނީ ޓެސްޓުތަކުގެ ތިންވަނަ މަރުހަލާ ފަށައިފައެވެ.