ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނަށް އަދީބު އަތުން ރިޝްވަތު ނަގަން އަންގާފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު މިހެން ވިދާޅުވިެފައި މިވަނީ އަށާރަވަނަ މަޖިލީހުގައި އޭރުގެ ސަރުކާރުން ބޭނުންވާ ކަންކަން ފާސްކުރަން އެމްޑީޕީގެ މެންބަރުން ވޯޓު ދެއްވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއިން ރިޝްވަތު ނަގައިގެން ކަމަށާއި ރިޝްވަތު ނެގުމަށް އެންގެވީ ރައީސް ނަޝީދު ކަމަށް ބުނެ އަޑުތައް ފެތުރިފައިވަނިކޮށެވެ.

ރާއްޖޭގެ ނައިބު ރައީސްކަމަށް އަހުމަދު އަދީބު އަބްދުލްގަފޫރު ގެންނަން އަށާރަވަނަ މަޖިލީހުގައި ފާސްކުރި އިސްލާހަށް އެމްޑީޕީގެ ބައެއް މެންބަރުން ވޯޓު ދެއްވީ އަދީބު އަތުން ފައިސާ ނަގައިގެން ކަމަށް ދެކެވޭ ވާހަކަތަކާއި ރިޝްވަތު ނެގުމަށް ހުއްދަ ދެއްވީ ރައީސް ނަޝީދު ކަމަށް ދެކެވޭ ވާހަކަތަކަކީ ތެދު ވާހަކަތަކެއްތޯ ނޫސްވެރިޔާ ސުވާލުކުރުމުން ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ، އެފަދަ ކަމެއް ކުރުމަށް އަންގާފައި ނުވާނެ ކަމަށެވެ.

"ނޫން، އަންގާފައި ނުވާނޭ،" ވަރަށް ކުރުކޮށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނައިބު ރައީސް ކަމަށް އަދީބު ވަޑައިގަންނަވަން ފާސްކުރި އިސްލާހާއި ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ފާސްކުރަން އެމްޑީޕީގެ ބައެއް މެންބަރުން ވޯޓު ދެއްވާފައިވެއެވެ. އޭރު ރައީސް ނަޝީދު ހުންނެވީ ޖަލު ބަންދުގައެވެ.

އަށާރަވަނަ މަޖިލީހުގައި އޭރުގެ ސަރުކާރުން ބޭނުންވާ ކަންކަން ފާސްކުރަން އެމްޑީޕީގެ މެންބަރުން ވޯޓު ދެއްވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާއިން ރިޝްވަތު ނަގައިގެން ކަމަށް އަޑު ފެތުރިފައިވާ އިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ދައުލަތުން އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަދީބު ވަނީ ޝަރުއީ ކޯޓުތަކުން ވަކި ހުކުމްތަކެއް ނެރުމަށާއި މަޖިލީހުން ވަކި ކަންކަމެއް ފާސްކުރަން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ބޭނުން ކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ހުރިހާ ސިޔާސީ ޕާޓީތަކަށާއި ކުރީގެ ބައެއް ރައީސުންނާއި ބައެއް ފަނޑިޔާރުންނާއި މަޖިލީހުގެ ގިނަ މެންބަރުންނަށް ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް އަދީބު ތުހުމަތުކުރެއްވިއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރެވެމުން އަންނަނީ އެސެޓް ރިކަވަރީ ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ ގުޅިގެންނެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބެލެވޭ މީހުންގެ އަދަދު 500 އަށް އަރާއިރު، އެމްއެމްޕީއާރުސީގެ މައްސަލައިގައި މިހާތަނަށް ދައުވާ އުފުލިފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އިތުރުން އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށެވެ. ނަމަވެސް އެ މައްސަލައިގައި ޖަލު ހުކުމެއް މިހާރު ތަންފީޒުކުރައްވަމުން ގެންދަވަނީ ރައީސް ޔާމީންގެ އިތުރުން އަދީބު އެކަންޏެވެ.