ކޮވިޑް 19 އާ ގުޅިގެން ގެންނަން ޖެހުނު ވެންޓިލޭޓަރުތައް ގެނައުމަށް ބޭރުގެ ކުންފުންޏަކާ ހަވާލު ކުރުމުގައި، ނާޖާއިޒް ކަންތައްތަކެއް ހިނގާފައިވާކަމަށް އޮޑިޓް ރިޕޯޓުން ފާހަގަ ވެފައިވާ މައްސަލައާ ގުޅިގެން، ހެލްތު މިނިސްޓަރު އަބުދުﷲ އަމީން މަގާމުން ދުރު ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވެއްޖެއެވެ.
ގާނޫނުލްއުގޫބާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަފީފު ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުގައި އެކި ގޮތްގޮތަށް މުއްސަނދިކަން ހޯދާފައި ތިބި މީހުންގެ ވާހަކަ ދައްކާއިރު އެކަންތައް ހުއްޓުވޭނީ މިހާރުވެސް އެފަދަ ކަންތައްތައް ހިނގަމުންދާ ގޮތް ބަލައި އެކަންތައްތަކަށް ފިޔަވަޅު އަޅައިގެން ކަމަށެވެ.
އަފީފު ވިދާޅުވީ ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ހެލްތު މިނިސްޓްރީގެ ބިޑް ކޮމެޓީން ގޯސްކޮށް ކަމެއް ކޮށްފައިވާ ނަމަވެސް، މިނިސްޓަރު އަމީން ޒިންމާ ނަންގަވަންޖެހިވަޑައިގަންނަވާ ކަމަށެވެ.
އެފަދަ އެއްވެސް އިހުމާލެއް އެއްވެސް ކަމެއްގައި ހިނގައިތޯ ބެލުމަކީ މިނިސްޓަރުގެ ސިޔާސީ ޒިންމާއެއް ކަމަށްވެސް ވިދާޅުވިއެވެ. އެކަންކަމުގައި ޒިންމާ ނުނަގައިގެން ފިޔަވަޅު އަޅާން ޖެހޭނީ ދަށުން ތިބޭ މީހުންނަށް ނޫން ކަަމަށާއި އެންމެ އިސް ފަރާތަށް ކަމަށްވެސް އަފީފު ވިދާޅުވިއެވެ.
އަފީފު ވިދާޅުވީ އެ މައްސަލައިގައި ހެލްތު މިނިސްޓްރީގެ ބައެއް އިސް ބޭފުޅުން ސަސްޕެންޑް ކޮށްފައި ވާއިރު މިނިސްޓަރު އެކަހެރިވެވަޑައިގެންނެވީ އަމިއްލައަށް ކަމަށެވެ. އެއީ އެއްވެސް ގައުމެއްގައި އެކަން ވާ ގޮތް ނޫން ކަމަށްވެސް އަފީފު ވިދާޅުވިއެވެ.
އަފީފު ވިދާާޅުވީ ކޮވިޑް 19 ގެ ސަބަބުން ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކަށް ވެސް ވެންޓިލޭޓާރު ނުހޯދިގެން އުޅެނިކޮށް 14 ދުވަހުގެ ތެރޭގައި ވެންޓިލޭޓަރު ލިބޭނެކަމަށް ބުނެ ބޭރުގެ ބަޔަކާ، ހަވާލު ކުރުމުގައި ހެލްތު މިނިސްޓަރުގެ ޒިންމާ ބޮޑުކަމަކަށެވެ. އަދި ގޭގައި ހުންނަވައިގެން އެކަން ހައްލު ނުކުރެއްވޭނެ ކަމަށާއި އަމިއްލައަށް އިސްތިއުފާ ދެއްވަން ޖެހޭކަމަށް އަފީފު ވިދާޅުވިއެވެ.
އަފީފު ވިދާޅުވީ އެކަހަލަ ކަންތައްތަކުގައި އިސްތިއުފާ ނުދެއްވައިފިނަމަ ދެން އޮންނަ ގޮތަކީ އެ މަސްއޫލިއްޔަތު ހަވާލު ކުރި ފަރާތުން، އެމީހަކަށް ހަވާލު ކުރި މަސްއޫލިއްޔަތުން ދުރު ކުރުން ކަމަށެވެ. އެހެންކަމުން ހެލްތު މިނިސްޓަރުކަމުގެ މަސްއޫލިއްޔަތުން އަމީން ދުރުކޮށް އެ މަގާމުންވެސް އޭނާ ވަކިކުރަން ޖެހޭ ކަމަށް އަފީފު ވިދާޅުވިއެވެ.
އަފީފު ވިދާޅުވީ އެހެން ނޫން ނަމަ އިސްލާހުކުރަން އުޅޭ ކަންކަން އިސްލާހު ނުކުރެވޭނެ ކަމަށެވެ.
މެންބަރު ހަސަން އަފީފު
މެންބަރު ހަސަން އަފީފު
މެންބަރު ހަސަން އަފީފު
މެންބަރު ހަސަން އަފީފު