ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ މައްސަލައިގައި މަޖިލީހުގެ ރިޔާސަތުން އަމަލުކުރަމުންދާ ގޮތަށް ފާޑުވިދާޅުވެ، އިތުބާރު ނެތްކަމުގެ ގަރާރުގެ ވޯޓާ ކުރިމަތިލެއްވުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ގޮވާލައްވައިފިއެވެ.
ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ނުގެންދެވި އޮއްވައި، އެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާކުރީ ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމަށްފަހުއެވެ.
މިއަދު ހެނދުނު ބޭއްވި ފުރަތަމަ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. އެއީ މަޖިލިސް ނައިބު ރައީސް އެ ޖަލްސާއަށް ސަލާމް ފޮނުއްވާފައިވާތީ އެވެ. އެ ޖަލްސާގައި ގަރާރު ތަޅުމަށް ހުށަހެޅުއްވުމުގެ ކުރިން ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަކީ މަޖިލިސް ގަވާއިދާ ހިލާފު، ޝަރުތު ފުރިހަމަ ނުވާ ގަރާރެއް ކަމަށް ބުނެ ނިޒާމީ ނުކުތާ ނަންގަވައިފައެވެ.
އެހެންވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީގެ 49 މެންބަރުން ސޮއިކުރައްވައި، މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލައަކީ، މަޖިލީހުގެ ގަވާއިދާ ހިލާފަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް ބުނެ، އެ މައްސަލަ ކުރިއަށް ނުގެންދަން ނިންމަވައި، މިއަދު ހެނދުނު ބޭއްވި ފުރަތަމަ މަޖިލިސް ޖަލްސާގެ ރިޔާސަތުގައި އިންނެވި ހަސަން އަފީފު ވަނީ އެ ޖަލްސާ ނިންމަވައިލައްވައިފައެވެ.
އަފީފު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ފުރަތަމަ ޖަލްސާ ނިންމަވައިލެއްވުމާ ގުޅިގެން ފައްޔާޒް މިއަދު އެކްސްގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަފީފުގެ އެ އަމަލަކީ ބިރުވެރި އަދި ލަދުވެތި އަމަލެއް ކަމަށެވެ.
ފައްޔާޒްގެ ނަޒަރުގައި އަފީފްގެ އެ އަމަލު ކުރީގެ މަޖިލިސް ރައީސް މަސީހުގެ އަނިޔާވެރިކަމަށް ވުރެވެސް ގޯހެވެ.
"ރާއްޖޭގެ ބަރުލަމާނީ ޑިމޮކްރަސީއަށް އަނދިރި އަދި ލަދުވެތި ދުވަހެއް. ވޯޓާ ކުރިމަތިލާ" ނަޝީދަށް އަމާޒުކުރައްވައި ފައްޔާޒް ވިދާޅުވިއެވެ.
އަފީފް މިއަދު ޖަލްސާ ކުރިއަށް ނުގެންދަން ނިންމަވައި، ގަރާރު ބޭރުކޮށްލެއްވީ ގާނޫނާއި މަޖިލިސް ގަވާއިދާ ހިލާފަށް ކަމަށް ބުނެ، މަޖިލިސް އިދާރާއިން ވަނީ އެ މައްސަލަ އަލުން އެޖެންޑާކޮށްފައެވެ. އެގޮތުން މިއަދުގެ 11:30 އަށް މަޖިލިސް ޖަލްސާ ބާއްވަން އެޖެންޑާކޮށް، މަޖިލިސް ނައިބު ރައީސް އީވާ އަބުދުﷲ ރިޔާސަތުގައި ދެވަނަ ޖަލްސާ ފެއްޓެވިއެވެ.
ޖަލްސާ ފައްޓަވައި ނައިބު ރައީސް އީވާ ވިދާޅުވީ ނަޝީދު ވަކިކުރުމުގެ ގަރާރަކީ މިއަދު ހެނދުނުގެ ޖަލްސާގައި ރިޔާސަތުން ބޭރުކޮށްލާފައިވާ ގަރާރެއް ކަމަށެވެ. އެހެންވެ މި މައްސަލަ މިއަދު އިތުރަށް ކުރިއަށް ގެންދެވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
އެގޮތަށް ވިދާޅުވުމަށްފަހު އީވާ ވަނީ އެ ޖަލްސާ ނިންމަވައިލައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު