ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ ގަރާރު މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާއަށްވެސް އެޖެންޑާކޮށްފިއެވެ.
މަޖިލީހުން އާންމުކޮށްފައިވާ މާދަމާ ޖަލްސާގެ އެޖެންޑާގައިވާ ގޮތުން މާދަމާގެ ހެނދުނު 11 ޖަހާއިރަށް އެ ގަރާރު ވަނީ އެޖެންޑާ ކޮށްފައެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރީ، މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ މަޖިލީހުގެ ނާއިބު ރައީސަށް އެކަނި ކަމަށް މަޖިލިސް އިދާރާއިން ނިންމުން ގާނޫނުއަސާސީއާ ހިލާފު ކަމަށާއި ނާއިބު ރައީސް އުޒުރުވެރިވާ ނަމަ މަޖިލިސް ރިޔާސަތު ބެލެހެއްޓުމަށް މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ އެހެން މެންބަރުންނަށްވެސް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓިދާނެ ކަމަަށް މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.
އެ ހުކުމާ އެއްގޮތަށް މިއަދުގެ ޖަލްސާގެ ރިޔާސަތަކަށް މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ ވަޑައިގެންފައިނުވާތީ، ރިޔާސަތަށް ވަޑައިގެންނެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.
މަޖިލިސް ރައީސްގެ މޭޒުން ހުށަހަޅާ ކަންތައްތަކުގެ ގޮތުގައި ގާނޫނުއަސާސީގެ 82 ވަނަ މާއްދާގެ (ބ) ގެ ދަށުން މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނީ، މަޖިލީހުގެ ރައީސް މަގާމުން ވަކިކުރަން ހުށަހަޅާފައިވާ ގަރާރުގެ ބަހުސް ކަމަށާއި އެކަމަށް ޖުމުލަ ދެ ގަޑިއިރު ކަނޑައަޅާފައިވާ ކަމަށް ރިޔާސަތުން އަފީފު ވިދާޅުވުމުން، ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނިޒާމީ މައްސަލައެއް ނެންގެވިއެވެ.
އޭނާ ވިދާޅުވީ އެމްޑީޕީން ހުށަހަޅާފައިވާ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރަކީ މަޖިލިސް ގަވާއިދާ ހިލާފަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށެވެ. އެގޮތުން އެ މައްސަލައަކީ މަޖިލިސް ގަވާއިދުގެ 61 މާއްދާގެ (ށ) އާއި 204 ވަނަ މާއްދާގެ (ހ) ގައި މަޖިލީހަށް މައްސަލަ ހުށަހަޅަން އޮންނަ، ގަވާއިދާ ހިލާފަށް އެޖެންޑާ ކޮށްގެން ކުރިއަށްދާ، ގަވާއިދާ ހިލާފަށް ހުށަހަޅައިގެން ކުރިއަށްދާ މައްސަލައެއް ކަމަށް ވިދާޅުވިއެވެ.
"މިއަދު މި ހުށަހަޅާފައިވާ ލިއުމަކީ ބިލެއްތޯ، މައްސަލެއްތޯ ކުއްލި މައްސަލައެއްތޯ، ގަރާރެއްތޯ، ކޮމިޓީ ރިޕޯޓެއްތޯ ނޫނިއްޔާ ގާނޫނުއަސާސީގެ 101 ވަނަ މާއްދާގައި ބުނާ ވަޒީރުން ވަކިކުރަން ހުށަހަޅާފައިވާ ލިޔުމެއްތޯ، އަޅުގަނޑަށް ކޮން ކަމަކަށް ކޯއްޗެއްތޯ މި އޮތީ ހުށަހަޅައިފަ، އެޖެންޑާ ކޮށްފައިވާ ކަމެއް އެނގުނީމަ ދެން ކުރިއަށް ގެންދާނީ،" އާޒިމް ވިދާޅުވިއެވެ.
އެ ނިޒާމީ މައްސަލައާ ގުޅިގެން އަފީފު ވިދާޅުވީ، އެޖެންޑާގައި އޮތީ ގާނޫނުއަސާށީގެ 82 ގެ (ބ)ގެ ދަށުން މަޖިލިސް ރައީސްކަމުން ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ ގަރާރެއް ކަމަށެވެ.
އަލީ އާޒިމް ވިދާޅުވީ، މަޖިލީހުގެ ގަވާއިދު ހަދައި ގަވާއިދު ތަންފީޒު ކުރުމުގެ ކަންކަން ކުރާނީ މަޖިލީހުން ކަމަށް ގާނޫނުއަސާސީގެ 81 ވަނަ މާއްދާގައި ބުނާ ކަމަށެވެ. އަދި މަޖިލިސް ގަވާއިދުގެ 35 ވަނަ ބާބުގައި މަޖިލީހަށް ހުށަހަޅަން ޖެހޭ ގަރާރު އޮންނަންޖެހޭ އަދި ގަރާރު އޮންނަންޖެހޭ ސިފަ ބަޔާންކުރާ ކަމަށެވެ.
"އެހެންކަމުން އެ ސިފައިން ބޭރުން އެހެން ގޮތަކަށް މީތި އޮންނަން ނުޖެހޭނެކަން އެބަ އެނގޭ، ގަވައިދުގެ 205 ވަނަ މާއްދާގެ (ށ) (ނ) (ރ) (ބ) (ޅ) (ކ) ގައި އެބަ އޮވޭ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރަން ހުށަހަޅަން ޖެހެނީ ގަރާރުކަން، ސާފުކޮށް އެބައެނގޭ އެކަން، ހަމައެގޮތަށް ގާނޫނުއަސާސީންވެސް އެބަ ބުނޭ ގަރާރެއްކަން ހުށަޅަން ޖެހެނީ އެހެން ނަމަވެސް ގަރާރެއްގެ ސިފަ އޮންނަންޖެހޭ،"
ނަމަވެސް މްޑީޕީ މެންބަރުން ވިދާޅުވީ، އެއީ ގާނޫނުއަސާސީއާ އެއްގޮތަށް ހުށަހެޅިފައިވާ ގަރާރެއް ކަމަށެވެ. ނަަމަވެސް މެންބަރު އަފީފަކީ އެ މައްސަލައާ ގުޅުން އޮތް ފަރާތަކަށް ވާތީ އޭނާއަށް ރިޔާސަތުގައި ނީންނެވޭނެ ކަމަށްވެސް ބައެއް މެންބަރުން ވިދާޅުވިއެވެ.
އެގޮތުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، މަޖިލިސް ރިޔާސަތުގައި އަފީފު އިންނެވީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ. އަދި މަސްލަހަތު ފުށުއަރާ ބޭފުޅަކު މަޖިލސިް ރިޔާސަތުގައި ނުބެއިންދުމަށް އޭނާ މަޖިލީހުގެ އަމީންއާއްމަށް ދެންނެވިއެވެ.
އެ ފަހުން މިއަދު ބޭއްވި ދެވަނަ ޖަލްސާގައި ރިޔާސަތު ބެލެހެއްޓެވީ އީވާއެވެ. ޖަލްސާ ފައްޓަވައި އީވާ ވިދާޅުވީ ނަޝީދު ވަކިކުރުމުގެ ގަރާރަކީ މިއަދު ހެނދުނުގެ ޖަލްސާގައި ރިޔާސަތުން ބޭރުކޮށްލާފައިވާ ގަރާރެއް ކަމަށެވެ. އެހެންވެ މި މައްސަލަ މިއަދު އިތުރަށް ކުރިއަށް ގެންދެވޭނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"ސުޕްރީމް ކޯޓުގެ ހުކުމަށް ރިއާޔަތްކޮށް، މަޖިލިސް ގަވާއިދަށް ރިއާޔަތްކޮށް، މިއަދުގެ ރިޔާސަތުން ބޭރުކުރައްވާފައިވާ ގަރާރެއް ކަމަށް ވާތީވެ، މި ގަރާރު ދެން ރައްޔިތުންގެ މަޖިލީހުގައި މިގޮތަށް އޮއްވައި ކުރިއަށް ގެންދެވޭނެ ކަމަކަށް އަޅުގަނޑު ނުބަލަން،" އީވާ ވިދާޅުވިއެވެ.
އެގޮތަށް ވިދާޅުވުމަށްފަހު އީވާ ވަނީ އެ ޖަލްސާ ނިންމަވައިލައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު