ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުން މުހައްމަދު ނަޝީދު ވަކިކުރަން މަޖިލީހަށް ހުށަހަޅާފައިވާ މައްސަލަ އެޖެންޑާ ކުރާ މަޖިލިސް ޖަލްސާތަކުގެ ރިޔާސަތު މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ އާއި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފަށް ނުބެލެހެއްޓޭނެ ގޮތް ހަދަން، މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން ފާސްކޮށް އެކަން އާއްމު ކޮމިޓީއަށް އަންގައިފިއެވެ.

މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވޭނީ މަޖިލީހުގެ ނާއިބު ރައީސަށް އެކަނި ކަމަށް މަޖިލިސް އިދާރާގެ ނިންމުން ގާނޫނު އަސާސީއާ ހިލާފު ކަމަށާއި ނާއިބު ރައީސް އުޒުރުވެރިވާނަމަ މަޖިލިސް ރިޔާސަތު ބެލެހެއްޓުމަށް މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން ކަނޑައަޅާފައިވާ އެހެން މެންބަރުންނަށްވެސް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓިދާނެ ކަމަަށް މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން، ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރިއެވެ.

ޖަލްސާގެ ހެނދުނު ދަންފަޅީގެ ރިޔާސަތުގައި އިންނެވީ، މަޖިލިސް ގަވާއިދުގެ 44 ވަނަ މާއްދާގެ ދަށުން މަޖިލިސް ރައީސް އާއި ނާއިބު ރައީސް މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން އުޒުވެރިވާހިނދެއްގައި، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ގާނޫނުއަސާސީން ކަނޑައަޅާފައިވާ ފަސް މެންބަރުންގެ ތެރެއިން ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.

ޖަލްސާ ފެށުމާއެކު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ގަރާރާމެދު މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދުނެވެ.

ނަޝީދު ނިސްބަތްވާ ދަ ޑިމޮކްރެޓްސްގެ މެމްބަރުން ވިދާޅުވީ، އިތުބާރު ނެތްކަމުގެ ގަރާރަކީ މަޖިލިސް ގަވާއިދާ ހިލާފަށް އެމްޑީޕީން ހުށަހަޅާފައިވާ ގަރާރެއް ކަމަށެވެ.

އެގޮތުން އެ މައްސަލައަކީ މަޖިލިސް ގަވާއިދުގެ 61 މާއްދާގެ (ށ) އާއި 204 ވަނަ މާއްދާގެ (ހ) ގައި މަޖިލީހަށް މައްސަލަ ހުށަހަޅަން އޮންނަ، ގަވާއިދާ ހިލާފަށް އެޖެންޑާ ކޮށްގެން ކުރިއަށްދާ، ގަވާއިދާ ހިލާފަށް ހުށަހަޅައިގެން ކުރިއަށްދާ މައްސަލައެއް ކަމަށް ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވިއެވެ.

"މިއަދު މި ހުށަހަޅާފައިވާ ލިއުމަކީ ބިލެއްތޯ، މައްސަލެއްތޯ ކުއްލި މައްސަލައެއްތޯ، ގަރާރެއްތޯ، ކޮމިޓީ ރިޕޯޓެއްތޯ ނޫނިއްޔާ ގާނޫނުއަސާސީގެ 101 ވަނަ މާއްދާގައި ބުނާ ވަޒީރުން ވަކިކުރަން ހުށަހަޅާފައިވާ ލިއުމެއްތޯ، އަޅުގަނޑަށް ކޮން ކަމަކަށް ކޯއްޗެއްތޯ މިއޮތީ ހުށަހަޅައިފަ، އެޖެންޑާ ކޮށްފައިވާ ކަމެއް އެނގުނީމަ ދެން ކުރިއަށް ގެންދާނީ،"

އެ ނިޒާމީ މައްސަލައާ ގުޅިގެން އަފީފު ވިދާޅުވީ، އެޖެންޑާގައި އޮތީ ގާނޫނުއަސާށީގެ 82 ގެ (ބ) ގެދަށުން މަޖިލިސް ރައީސްކަމުން ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ ގަރާރެއް ކަމަށެވެ.

އަލީ އާޒިމް ވިދާޅުވީ، މަޖިލީހަށް ހުށަހަޅާ ގަރާރުގައި ދީބާޖާއެއް އޮންނަންވާނެ ކަމަށް ގަވާއިދުގައި ބުނެފައިވާ އިރު، މަޖިލިސް ރައީސް ވަކިކުރަން ހުށަހަޅާފައިވާ ގަރާރުގައި ދީބާޖާ ނެތުމުން އެއީ ގަވާއިދުގައި ބުނާ ސިފަތަށް ހަމަނުވާ ގަރާރެއް ކަމަށެވެ. އެހެންކަމުން އެ ގަރާރު މަޖިލީހުގައި ކުރިއަށް ނުގެންދެވޭނެ ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި ބޭނުންނަމަ އެމްޑީޕީ މެންބަރުންނަށް ސުޕްރީމް ކޯޓަށް ގޮސް އެއާމެދު ގޮތެއް ނިންމިދާނެ ކަމަށާއި ނަމަވެސް މަޖިލިސް ގަވާއިދުގައި ވަކި ގޮތަކަށް ކަނޑައަޅާފައި ވަނިކޮށް އެނޫން ގޮތަކަށް ގަރާރު ހުށަނޭޅޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޑިމޮކްރެސްގެ އެހެން މެންބަރުންވެސް ނިޒާމީ މައްސަލަ ނަންގަވައި އަލީ އާޒިމްގެ ވާހަކަތަކަށް ތާއީދު ކުރައްވައި އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އެމްޑީޕީ މެންބަރުންނާއި އެމްއެންޕީގެ މެންބަރު ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވީ އެ ގަރާރަކީ މަޖިލިސް ގަވާއިދާއެއްގޮތަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށާއި އެ ގަރާރު މަޖިލީހުގައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ނަމަވެސް އަލީ އާޒިމް ނެންގެވި ނިޒާމީ މައްސަލަ ބަލައިގަނެ، އެމްޑީޕީން ހުށަހެޅި ގަރާރު އޮތީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ އެ ގަރާރު ގަވާއިދާ އެގޮތަށް އަލުން ހުށަހެޅުމަށް އަންގަވައި ރިޔާސަތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެންބަރު މަޖިލިސް ޖަލްސާ ނިންމަވައިލެއްވިއެވެ.

ނަމަވެސް އެ މައްސަލައިގައި އަފީފު ކަންތައް ކުރައްވާފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، އަލުން މަޖިލިސް ޖަލްސާ ކުރިއަށް ގެންގޮސްދިނުމަށް އެމްޑީޕީ މެންބަރުން މަޖިލީހުގެ އަމީން އާއްމަށް ހުށަހެޅުއްވުމާ ގުޅިގެން. މެންދުރު 12:30 ގައި އަލުން ޖަލްސާ ބާއްވަން ނިންމަވައި އެ މައްސަލަ އެޖެންޑާ ކުރިއެވެ. މިފަހަރު ޖަލްސާގެ ރިޔާސަތަށް ވަޑައިގެންނެވީ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބުދުﷲ އެވެ.

އިތުރު ބަހުސަކަށް ނުގޮސް ޖަލްސާ ފެއްޓެވުމަށްފަހު އީވާ ވިދާޅުވީ، ރައީސް ނަޝީދު ވަކިކުރުމުގެ މައްސަލައަކީ މިއަދު ހެނދުނު ބޭއްވި މަޖިލިސް ޖަލްސާއިން ބޭރުކޮށްފައިވާ މައްސަލައަކަށް ވާތީ، ދެވަނަ ފަހަރަށް ފެށި ޖަލްސާގައި ވެސް އަދި އެ މައްސަލަވެސް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެހެން ވިދާޅުވެ ޖަލްސާ ނިންމަވައިލެއްވިއެވެ.

ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަމަށް ހުށަހެޅި ގަރާރުގެ މައްސަލަ ކުރިއަށް ގެންދާއިރު، ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ޑިމޮކްރެޓްސްގެ މެންބަރަކަށް ރިޔާސަތު ނުބެލެހެއްޓޭ ގޮތްހަދަން އެމްޑީޕީ މެންބަރުން މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހެޅިއެވެ.

މިއަދު މެންދުރުފަހު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ނަޝީދު ވަކިކުރުމުގެ މައްސަލައާ، މަސްލަހަތު ފުށުއަރާ ކަމަށް ވިދާޅުވެ، އެ މެންބަރުންނަށް ޖަލްސާގެ ރިޔާސަތު ނުބެލެހެއްޓޭ ގޮތަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް އަބްދުﷲ އެވެ. އަދި އެޖަލްސާތަކުގެ އެޖެންޑާ ނުބެލެހެއްޓޭނެކަން މަޖިލީހުގެ އަމީން އާއްމަށް އެންގުމަށްވެސް ހުށަހެޅުއްވިއެވެ.

ނަމަވެސް އެގޮތަށް ހުށަހެޅީ މަޖިލީހުގެ އާއްމު ކޮމިޓީއަށް ހުށަހަޅައިގެން އެ ފަރާތަށް އެކަން އެންގުމަށެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމުދު ނޝީދު އަބުދުﷲއެވެ.

ކޮމިޓީން ވަނީ އެކަން އެގޮތަށް ކުރިއަށް ގެންދަން ފާސްކޮށްފައެވެ.