އެއްވެސް ސަރުކާރަކާބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުން ހިންގާ އެއްވެސް ތަހުގީގަކަށް ރައްޔިތުންގެ މަޖިލީހުންވެސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ވެސް ހުރަސް ނާޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އަސްލަމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކުރިއަށްދާ އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓާބެހޭ ބަހުސްގައި މަޖިލީހުގެ ރައީސަށް ނިސްބަތް ކުރައްވައި ދަ ޑިމޮކްރެޓްސްގެ މެންބަރު އަދި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

އަފީފު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖޭގެ މާލީ ކަންތައްތަކަށް އިހުމާލު ވެފައިވާ ކަމަށެވެ. ހާއްސަ ގޮތެއްގައި އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް އަފީފު ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފައެވެ.

އެގޮތުން އަފީފު ވިދާޅުވީ، ވެރިކަން ނިމިދިޔަ އިރުވެސް ފިނޭންސް މިނިސްޓަރު ރާއްޖޭގެ ދަަރަނި ރީ ސްޓްރަކްޗާ ނުކުރެއްވީ ނާޖާއިޒު ފައިދާ ނެންގުވުމުގެ ގޮތުން ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ނިސްބަތްކުރައްވައި، މިހާރު އޮތީ ފޭރޭ ބަޖެޓެއް ކަމަށް އެމްޑީޕީ މެންބަރުން ބުނާއިރު، އެ ބަޓަކީ ކުރީގެ ސަރުކާރުގެ ވެސް މަސައްކަތް ހިމެނޭ ބަޖެޓެއް ކަމަށާއި އެކަން ކުރީ ސަރުކާރަށް ނިސްބަތްވާ ކަމަށްވެސް ވިދާޅުވިއެވެ.

އަފީފު ވިދާޅުވީ، ކުރީގެ ފިނޭންސް މިނިސްޓަރު ކުރައްވާފައިވާ ކަންތައްތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް ބައްލަވައި އެކަންކަން ހޯއްދަވަން ޖެހިވަޑައިގަންނަވާ ކަމަށެވެ.

އަފީފުގެ ވާހަކަތަކާ ގުޅިގެން މަޖިލިސް ރައީސް އަސްލަމް ވިދާޅުވީ، މަޖިލިސް ރައީސަކީ ބަހުސްތަކުގައި ބައިވުމުގެ ޖާގަ އާއި ފުރުސަތު އޮންނަ މީހެއް ނޫން ކަމަށެވެ.

"މަޖިލިސް ގަވާއިދުގެ ދެވަނަ މާއްދާގެ (ށ)ގައި ބަޔާން ކުރަނީ މަޖިލީހުގެ ރައީސްއަކީ ވަކި ފަރާތަކަށް ޖެހުމެއްނެތި، ގާނޫނުއަސާސީ އާއި ގަވާއިދާއި މަޖިލީހުގެ ނިންމުންތަކާ އެއްގޮތަށް މަޖިލީހުގެ އިދާރާ އާއި މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކާއި މަޖިލީހުގެ އެންމެހާ ކަންކަން ހިންގުމުގެ އެންމެ އިސް ވެރިޔާ ކަމަށް، ދެވަނަ މާއްދާގެ (ނ) ގައި ބުނަނީ މަޖިލީހުގައި ހިނގަމުންދާ އެއްވެސް ބަހުސެއްގައި ނުވަތަ ކޮމިޓީއެއްގެ އާއްމު ބައްދަލުވުމެއްގައި ހުށަހެޅިފައިވާ މައްސަލައަކާމެދު މަޖިލީހުގެ ރައީސް ދެކޭގޮތް ހާމަކޮށްގެންނުވާނެއޭ،"

އެހެންކަމުން ބަޖެޓް ބަހުސާ ބެހޭގޮތުން ވެސް މަޖިލިސް ރައީސަށް ފެންނަ ގޮތަށް ރިޔާސަތުގައި އިންނަވައިގެން ހާމައެއް ނުކުރެއްވޭނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

އަދި "މަޖިލީހުގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން ކުރީގެ ސަރުކާރުވެސް މިހާރުގެ ސަރުކާރުވެސް، އަދި ސަރުކާރުތަކުން ކުރާ ކަންކަމާ ގުޅިގެން ޖަވާބުދާރީ ކުރުމުވުމުގެ ފުރިހަމަ އިހުތިޔާރު، އާރާއި ބާރު މަޖިލީހުގެ ގަވާއިދުން މެންބަރުންނަށް ލިބިދީފަވޭ. އޭގެ އިތުރުން ސަރުކާރުގެ އިދާރާތައް އޯވަސައިޓް ކުރާނެ ކޮމިޓީތައް މަޖިލީހުގައި އެކުލަވާލެވިފައި އެބަވޭ. އެހެންކަމުން ސަރުކާރުތައް ޖަވާބުދާރީ ކުރުވުމަށް، ވަޒީރުން ޖަވާބުދާރީ ކުރުވުމަށް، އެ ފަރާތްތަކުން ކުރެވިފައިވާ ކަންކަން ބެލުމަށް، ކަންކަމުގެ ހަގީގަތް ހޯދުމަށް މެންބަރުން އިންކުއަރީ ހިންގި ކަމުގައިވިޔަސް އަދި މައްސަލަތައް ހުށަހަޅުއްވައިގެން، މައްސަލަތައް ބެއްލެވުން ކަމުގައިވިޔަސް، މީގެން އެއްވެސް ކަމަކަށް އަޅުގަނޑުގެ ފަރާތުން ވިޔަސް، މަޖިލީހުގެ ރިޔާސަތުގެ ފަރާތުން، މަޖިލިސް ރައީސްގެ ފަރާތުން، އެއްވެސް ކަހަލަ ހުރަހެއް ނޯންނާނެ ވާހަކަ ދަންނަވަން،" އަސްލަމް ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މެންބަރުން ކުރާ މަސައްކަތްތަކަށް ވެދެއްވެން އޮތް އެއްބާރުލުމެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ދޭނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.