އެމަނިކުފާނަކީ މިސަރުކާރުގެ ބައިވެރިއެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ވެރިކަން ހިންގާ ކޯލީޝަންގެ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެންމެ ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ މަޖިލީހުގެ ދެވަނަ ދައުރު ނިމުމާއެކުހެން އަމިއްލަ ދަތުރުފުޅެއްގައި އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން ކަރަންޓީނުގެ މުއްދަތު ހަމަ ކުރެއްވުމަށްފަހު މިއަދު ފުރަތަމަ ފަހަރަށް މަޖިލީހުގެ ރިޔާސަތަށް ވަޑައިގެން ކުރިއަށް ގެންދަވާ ޖަލްސާގައި، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ސަރުކާރުން ޗައިނާ ސަރުކާރާއެކު ހެދި ފްރީ ޓްރޭޑް އެގްރީމެންޓާ ބެހޭގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޗައިނާއާއެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރިމެންޓްގެ ދަށުން ދިވެހި މަސްވެރިންނަށް ލިބެން ޖެހޭ މަންފާތައް ހިފަހައްޓައި އަދި މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދައި ދައުލަތުގެ ދަރަނިތައް ބޮޑުކޮށް ދައުލަތުން އެލަވަންސް ދިނުން ހައްގުވާ ދިވެހި މަސްވެރިންނާއި ދަނޑުވެރި އާއިލާތަކަށް އެލަވަންސް ނުދެއްވަނީ ކީއްވެތޯ ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ކުރެއްވި ސުވާލާ ކުޅިގެން މިނިސްޓަރު މުހައްމަދު އަސްލަމް ޖަވާބު ދެއްވުމުން، މަޖިލިސް ރައީސް ވިދާޅުވީ ރާއްޖެ އާއި ޗައިނާއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް ނެތް ކަމަށެވެ.

އެއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައިގެން ޖަޖެއްގެ ބައި ކުޅުއްވަނީ ކީއްވެގެންތޯ ޖާބިރު މަޖިލިސް ރައީސްއާ ސުވާލު ކުރެއްވިއެވެ.

ޖަވާބު ދެއްވަމުން މަޖިލިސް ރައީސް ވިދާޅުވީ، "އެ އެގްރީމެންޓްގެ އާޓިކަލް ނަމްބަރު 165 ގައި ބުނެފައިވާގޮތުން، އެ އެގްރީމެންޓަށް އަމަލު ކުރަން ފަށާނީ، އެކަމާބެހޭގޮތުން ރާއްޖެ އާއި ޗައިނާއާ ދެމެދު ހަދާ ގާނޫނުތައް ނިންމައި އެ ގާނޫނުތަކުގެ މައުލޫމާތު ދެ ފަރާތުން ބަދަލުކުރާތާ 30 ދުވަހުގެ ތެރޭގައި ކަމަށެވެ.

ނަމަވެސް ރައީސް ޔާމީން އެކަން އެގޮތަށް ކުރައްވާފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މެންބަރަށް އެނގިވަޑައިގަންނަވާނެ ރައީސް ޔާމީން މިކަން ކުޑަކޮށްވެސް ކުރިއަށް ގެންދަން އެދިވަޑައިގެންނުގަންނަވާ ހުންނެވީތީވެ އެއްމަސް ދުވަހެއް ނޫން، ދެމަސް ދުވަހެއް ނޫން، އެތައް މަހެއް ވީއިރުގައިވެސް އަޅައި ނުލެއްވި، އިއްޒަތްތެރި މެންބަރަށް އެނގިވަޑައިގަންނަވާނެ، ދިވެހި ވެރިންނަކީ ހިކުމަތްތެރި ބައެއް، ބައެއް ފަހަރު ބައެއް ބާވަތުގެ އެގްރީމެންޓްތައް އެބޭފުޅުން އޭގެ ތަފްސީލަކަށް ވަޑައި ނުގަންނަވާ، މިހެން މަތިމަތީގައި އެބަ ބާއްވަވާ މި އެގްރީމެންޓަކީ އެގޮތަށް ފެންނަން އޮތް އެގްރީމެންޓެއް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދު މި ޖަވާބާ ގުޅިގެން މަޖިލިސް ރައީސްގެ އެ ސްޓޭޓްމެންޓަކީ ދިވެހި ސަރުކާރުގެ ސްޓޭޓްމެންޓެއްތޯ، ނުވަތަ ރައީސް ނަޝީދުުގެ ސްޓޭޓްމެންޓެއްތޯ، އިދިކޮޅު ޕީއެންސީގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ރައީސް ނަޝީދާ ސުވާލު ކުރެއްވިއެވެ.

ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށެވެ. އެމަނިކުފާނާއި ސަރުކާރާ ގުޅުން ވަނީ އެމްޑީޕީގެ މެންބަރަކަށް ވެފައި، މިވަގުތު އެޕާޓީގެ ރިޔާސަތު ބަލަހައްޓާ ފަރާތަކަށްވާތީ އާއި، އެމަނިކުފާނުގެ އެކުވެރި އެމަނިކުފާނު މަދަދުދޭ އެމަނިކުފާނު ތާއީދު ކުރައްވާ ސަރުކާރަކަށްވާތީ ކަމަށެވެ.

ނަމަވެސް އެމަނިކުފާނަކީ ސަރުކާރުގެ ބައިވެރިއެއް ނޫން ކަމަށް ވިދާޅުވިއެވެ.

"އިއްޒަތްތެރި މެންބަރަށް ރާއްޖޭގެ ގާނޫނުއަސާސީ ވަރަށް ރަނަގަޅަށް ސާފުވާނެ، އަޅުގަނޑަކީ މި ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަޅުގަނޑަކީ ދިވެހި ސަރުކާރަކާ ގުޅުމެއްނެތް ކަން، އަޅުގަނޑާ ސަރުކާރާ ގުޅުން ވަނީ އަޅުގަނޑަކީ އެމްޑީޕީގެ މެންބަރަކަށް ވެފައި އަދި މިވަގުތު އަޅުގަނޑަކީ އެޕާޓީގެ ރިޔާސަތު ބަލަހައްޓާ ފަރާތަކަށް ވާތީވެ، އަޅުގަނޑުގެ އެކުވެރި، އަޅުގަނޑު މަދަދު ދޭ، އަޅުގަނޑު ތާއީދު ކުރާ ސަރުކާރެއް މިވަގުތު އޮތީ، އެހެން ނަމަވެސް އަޅުގަނޑަކީ އެ ސަރުކާރުގެ ބައިވެރިއެއް ނޫން،" ސައީދަށް ޖަވާބު ދެއްވަމުން މަޖިލިސް ރައީސް ވިދާޅުވިއެވެ.