ޚަބަރު

ކުޅުދުއްފުށި ކޭސްއާ ގުޅިގެން މޮނީޓަރިންގެ ހާލަތަށް ގެނައި ހުރިހާ ރަށެއް އާންމު ހާލަތަށް

އަލީ ޔާމިން

ކުޅުދުއްފުށި ސިޓީގައި މަސައްކަތްކުރާ ފުލުހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން މޮނީޓަރިންގެ ހާލަތަށް ގެނައި ހުރިހާ ރަށެއް އާންމު ހާލަތަށް ގެނެސްފިއެވެ.

ކުޅުދުއްފުށި ސިޓީ ހިމެނޭ ގޮތަށް އުތުރުގެ ހަ ރަށެއް ރޭގެ ވަގުތެއްގައި ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކަކީ ހއ. ބާރަށް، ހއ. ދިއްދޫ، ހއ. ހޯރަފުށި، ހދ. ކުޅުދުއްފުށި، ހދ. ކުރިނބީ އަދި ށ. ފުނަދޫ އެވެ. އެ ރަށްތައް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ކުޅުދުއްފުށީގައި މަސައްކަތް ކުރާ ފުލުހަކު ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ.

ކުޅުދުއްފުށިން ޕޮޒިޓިވްވި ފުލުސް މީހާ ހިމެނޭ ޓީމު އަތޮޅުތެރޭގައި އެކި ސްޓޭޝަންތަކަށް ދަތުރުކޮށްފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އެ ރަށްތައް މޮނީޓަރިންގެ ހާލަތުގައި ބާއްވާނީ އެޗްޕީއޭއިން ބަލަން ޖެހޭ ކަންކަން ބަލައި ފުރިހަމަކުރުމާ ހަމައަށް ކަމަށެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ، ކޮވިޑް 19އިން ރައްކާތެރިވުމުގެ ގޮތުން އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ ދަށުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމުން، މޮނިޓަރިންގެ ހާލަތުގައި އެ ރަށްތައް ބާއްވަން ޖެހޭ ސަބަބެއް ނެތުމުން އެ ރަށްތައް މޮނީޓަރިންގެ ހާލަތުން ނަގާފައިވާ ކަމަށެވެ.

ކުޅުދުއްފުށި ސިޓީން ޕޮޒިޓިވްވެފައިވަނީ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ހދ. ކުރިނބީއަށް ނިސްބަތްވާ ފުލުހެކެވެ.