ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭގޮތަށް، މަޖިލީހުގެ ތިން މެންބަރަކު ތިއްބެވީ އައިސޮލޭޝަންގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އީވާ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ކަމަށްވާ ތިންވަނަ ދައުރުގެ ޖަލްސާތައް ފެއްޓެވުމުގެ ގޮތުން މަޖިލިސް ޖަލްސާގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި ނައިބުރައީސް އިންނެވީ މަޖިލީހުގެ ރައީސް އައިސޮލޭޝަންގައި ހުންނެވުމުންނެވެ.
މިއަދުގެ ޖަލްސާ ފައްޓަވަމުން އީވާ ވިދާޅުވީ މަޖިލީހުގެ ތިން މެންބަރަކު މިވަގުތު އައިސޮލޭޝަންގައި ތިއްބެވި ކަމަށެވެ. އޭގެ ތެރޭގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވާ ކަމަށާއި، ދެން ތިއްބެވި ދެ މެންބަރުންގެ ތެރެއިން އެއް މެންބަރަކު ހުންނެވީ ލޮކްޑައުންގައި ކަމަށްވެސް އީވާ ވިދާޅުވިއެވެ.
މަޖިލިސް ރައީސަށް އައިސޮލޭޝަންގައި ހުންނަވަން ޖެހިވަޑައިގެންނެވީ، އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށްފަހު އެނބުރި ރާއްޖެ ވަޑައިގެންނެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންފައިވަނީ ސެޕްޓެމްބަރު މަހުގެ 22 ވަނަ ދުވަހު އެވެ.
މަޖިލިސް ރައީސް ގެ ކަރަންޓީން މުއްދަތުގެ 14 ދުވަސް މާދަމާއަށް ހަމަވާނެއެވެ.