ހަޔާތް ކާމިޔާބުކޮށްދިނުމަށް ޓީޗަރުން ކޮށްދިން މަސައްކަތަށް ޝުކުރު އަދާކުރުމުގައި އަހަރެމެން މި ވަނީ ދަރަނިވެރިވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުން އަންނަ ބައިނަލް އަގުވާމީ ޓީޗަރުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވައި މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ ބެލެނިވެރިންނަށް ފަހު، އަޅުގަނޑުމެންގެ ހަޔާތަށް ހެޔޮ ބަދަލުތަކާއި ރަނގަޅު ކަންކަން ގެނެސްދިނުމަށް ޓަކައި މެދުނުކެނޑި އެންމެ ބުރަ މަސައްކަތެއް ކުރައްވާ ބަޔަކީ ޓީޗަރުން ކަމަށެވެ. އެ ގޮތުން މިއަދު އަޅުގަނޑުމެން އެންމެން މި ތިބި މަގާމު ތަކަށް، އެބަޔަކު ތިބި ހިސާބަކަށް ވާސިލުވުމަށް ޓަކައި އެނގެން ޖެހޭ ކަންކަން ދަސްކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބަޔަކީ ވެސް ޓީޗަރުން ކަން ރައީސްގެ ޓުވީޓުގައި ފާހަގަކުރެއްވި އެވެ.

"ހަޔާތުގެ ކުރިއެރުމަށް ޓަކައި ޓީޗަރުން ހޯދައިދިން ކާމިޔާބަށް ޝުކުރު އަދާކުރުމުގައި އަހަރެމެން މި ވަނީ ދަރަނިވެރިވެފައި. ހުރިހާ ޓީޗަރުންނަށް އަދި ވަކީން ހާއްސަކޮށް ޒުވާން ޖީލަށް ރަނގަޅު މަގު ދައްކައިދިނުމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި މި ވަގުތު ދެމިތިބި ހުރިހާ ޓީޗަރުންނަށް މިއަދު ފާހަގަކުރަމުން މި އަންނަ ޓީޗަރުންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަޅުގަނޑު އަރިސްކުރަން." ރައީސް ސޯލިހުގެ ޓުވީޓުގައި ވިދާޅުވި އެވެ.

ބައިނަލް އަގުވާމީ ޓީޗަރުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހެވެ.