މެންޗެސްޓާ ޔުނައިޓެޑުގައި ހޯދެން އޮތް ހުރިހާ ކާމިޔާބީއެއް ހޯދިކަމަށް ކުރިން އެ ކުލަބަށް ކޯޗުކަން ކޮށްދިން ޕޯޗުގީޒުގެ ހޯސޭ މޮރީނިއޯ ބުނެފިއެވެ.
ކުރިން ޗެލްސީގެ އިތުރުން އިންޓަ މިލާން އަދި ރެއާލް މެޑްރިޑްގައިވެސް ކާމިޔާބީތަކެއް ހޯދާފައިވާ މޮރީނިއޯ ވަނީ ޔުނައިޓެޑްގައި ހޭދަކުރި ދެ އަހަރާއި ބައިގެ މުއްދަތުގައި އެ ކްލަބަށް ތަށިތަކެއް ހޯދައިދީފައެވެ. އެގޮތުން އޭނާ ވަނީ ޔުނައިޓެޑާއެކު ކަރަބޯއާ ކަޕް އަދި ޔޫރޮޕާ ލީގާއި ކޮމިއުނިޓީޝީލްޑް ވެސް ކާމިޔާބު ކޮށްފައެވެ.
މިހާރު ޓޮޓެންހަމްގެ ކޯޗުކަމުގައި ހުރި މޮރީނިއޯ ބުނެފައި ވަނީ ޔުނައިޓެޑްގައި އޭނާއަށް މަސައްކަތް ކުރަން ޖެހުނު ހާލަތަށް ބަލާއިރު، ހޯދި ކާމިޔާބީތަކަކީ އެންމެ ފުރިހަމަ ކާމިޔާބީތަކެއް ކަމަށެވެ. 2018 ވަނަ އަހަރު ޑިސެމްބަރު މަހު ޔުނައިޓެޑުން މޮރީނިއޯ ފޮނުވާލައި ސޮލްސްޖާ ގެންދިޔައިރު، އެ އަހަރުގެ ސީޒަންގައި މޮރީނިއޯ ނިންމާލީ އެފްއޭ ކަޕާއި ލީގުގެވެސް ރަނަރަޕް ޓީމުގެ ގޮތުގައެވެ.
"އަހަންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރިކަން ސަޕޯޓަރުންނަށް އެނގޭނެ. ހޯދައިދެވޭނެ އެންމެ ގިނަ ތަށި ހޯދައިދިނިން. އަބަދުވެސް އަހަންނަކީ ކްލަބަށްޓަކައި ހުރިހާ އެއްޗެއް ދޭ މީހެއް. އެއީ ޕްރޮފެޝަނަލިޒަމް. ހުރިހާ ކްލަބަކަށްވެސް 100 ޕަސެންޓް ދިނުން،" މޮރީނިއޯ ބުނެފައިވެއެވެ.
ޔުނައިޓެޑުން އެލެކްސް ފާގަސަން ރިޓަޔާކުރިފަހުން ކުރި މަސައްކަތުގައި އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ކޯޗަކީވެސް މޮރީނިއޯއެވެ. ޑޭވިޑް މޮޔެސްއާއި ވެންހާލް ފަދަ ކޯޗުންވެސް ފެއިލް ވެފައިވާއިރު، މިހާރު ކްލަބާ ހަވާލުވެ ހުރި ސޮލްސްޖާއަށްވެސް އަދި ވަނީ އެދެވޭ ނަތީޖާއެއް ނުނެރެވިފައެވެ. ޓްރާންސްފާތައް ކުރުމުގައި ކްލަބަށް ދިމާވާ ދަތިތައް މިހާރުވެސް އަންނަނީ ފާހަގަކުރެވެމުންނެވެ.
މިރޭ ޓޮޓެންހަމްއިން ޔުނައިޓެޑާ ދެކޮޅަށް ލީގުގައި ނުކުންނަން ތައްޔާރުވެފައި އޮތްއިރު، މޮރީނިއޯ ބުނެފައިވަނީ އެއްވެސް ހާލަތެއްގައި ބަދަލުހިފަން ނުނިކުންނާނެ ކަމަށެވެ. ޔުނައިޓެޑަށްވުރެ ބޮޑަށް މޮރީނިއޯ މި ސީޒަނަށް ތައްޔާރުވިއެވެ. ހާއްސަކޮށް މުހިއްމު ޓްރާންސްފާތަކެއް ކޮށް، މޮރީނިއޯ ރަނގަޅު ސީޒަނަކުން ސީޒަން ފަށާފައިވާކަން ފާހަގަކޮށްލެވެއެވެ.
ކުރިން ކްލަބުގައި ވިދާލި ގެރެތު ބޭލްއާއި ޑޮހަޓީގެ އިތުރުން ސްޕެއިންގެ ޑިފެންޑަރު ރެގިލަން އަދި ހޮއިބިއަންވެސް މިފަހަރު ޓޮޓެންހަމްއިން ގެންގޮސްފައިވުމަކީ އެ ކްލަބުން ތަށްޓަކަށް ކުރަމުންދާ އުންމީދަށް ދިރުން ގެނެސްދިން ކަމަށެވެ. މޮރީނިއޯއާއެކު އެކަން ހާސިލް ކުރެވޭނެ ކަމަށް ވަރަށް ބޮޑަށް ބެލެވިފައި އޮތީ، މޮރީނިއޯއަކީ އާންމުކޮށް ކްލަބެއްގައި ހޭދަކުރާ ދެވަނަ ސީޒަންގައި ތަށި ހޯދާ ކޯޗަކަށް ވުމުންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު