މަސްތުވާތަކެތި ސަޕްލައިކުރުން މަދުކުރުމުގެ މަސައްކަތް ކާމިޔާބުކުރެވެނީ އެ ތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މި ސަރުކާރުން ސިޔާސީ ހިމާޔަތް ނުދޭތީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، ދިވެހި ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ މައްޗަށް އައްޑޫގައި އިއްޔެ ހިންގި އޮޕަރޭޝަންގައި 88 ކިލޯގެ މަސްތުވާތަކެއްޗާއެކު ގިނަ ބަޔަކު ހައްޔަރުކުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ.

އެ ޓުވީޓުގައި މިނިސްޓަރު އިމްރާން ވިދާޅުވީ މަސްތުވާތަކެތީގެ ސަޕްލައި މަދުކުރުމުގެ މަސައްކަތް ކާމިޔާބުކުރެވެނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މި ސަރުކާރުން ސިޔާސީ ހިމާޔަތް ނުދޭތީ ކަމަށާއި 88 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ ފުލުހުންގެ އެކި ފަންނުގެ، ހާއްސަކޮށް ޑްރަޑް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހުނަރާއި ގާބިލްކަން ބޭނުންކޮށްގެން ކަމަށެވެ.

މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

އައްޑޫގައި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް ފުލުހުން ހިންގި އިރު، ބައިނަލްއަގްވާމީ ފެންވަރުގައި ޑުރަގް ޓްރެފިކް ކުރާ ނެޓްވޯކެއްގެ ބަޔަކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަނެފައިވާ ކަމަށް ބޭރުގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ޕާކިސްތާނުގެ ނޫހެއް ކަމަށްވާ ބީއޯއެލް ނޫހުގައި ބުނެފައިވާ ގޮތުން، އެ މީހުން އަތުލައިގަތީ ބައިނަލްއަގްވާމީ ފައުޖުތަކާއި ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސްގެ އިންޓެލިޖެންސް ވިންގު ގުޅިގެން އަރަބި ކަނޑާގުޅޭ ރާއްޖޭގެ ކަނޑުގެ ސަރަހައްދުންނެވެ. އެ ނެޓްވޯކާއެކު އެތައް ބިލިއަން ޕާކިސްތާން ރުޕީސްގެ ޑްރަގް އަތުލައިގަތް ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.

ނަމަވެސް މިއީ އައްޑޫގައި ފުލުހުން ހިންގި އޮޕަރޭޝަނާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމެއް ފުލުހުން ވެސް އަދި ކަށަވަރު ކޮށްދީފައެއް ނުވެ އެވެ.