މިދިޔަ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު، އޭގެ ކުރީ މަހާ އަޅައިބަލާއިރު 25 ޕަސެންޓް އިތުރުވެއްޖެ އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖެއަށް 9538 ފަތުރުވެރިން އައިސްފައިވެ އެވެ. އޮގަސްޓް މަހު އައިސްފައިވަނީ 7628 ފަތުރުވެރިންނެވެ.
މިއާއެކު ރާއްޖޭގެ ބޯޑަރު މިއަހަރުގެ ޖުލައި 15 ގައި އަލުން ހުޅުވާލި ފަހުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 18،867 އަށް އަރައިފަ އެވެ.
އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެވްރެޖްކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވެސް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން ޖުލައި މަހު ދުވާލަކު އެވްރެޖްކޮށް 100 މީހުން އައި އިރު، އޮގަސްޓް މަހު އެ އަދަދު ވަނީ 218 އަށް އަރައިފަ އެވެ. އަދި މިދިޔަ މަހު އެވްރެޖްކޮށް ދުވާލަކު 318 މީހުން އަައިސްފައިވާ ކަމަށް ދައްކަ އެވެ. މިއީ 45 ޕަސެންޓުގެ އިތުރުވުމެކެވެ.
އޮގަސްޓް މަހާ ހިލާފަށް މިދިޔަ މަހު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ރަޝިއާ އިންނެވެ. އެގައުމުން މިދިޔަ މަހު 2065 މީހުން އައިސްފައިވާއިރު އޮގަސްޓް މަހު އެގައުމުން އައީ އެންމެ 423 ފަތުރުވެރިންނެވެ. މިއީ 388 ޕަސެންޓުގެ އިތުރުވުމެކެވެ.
މީގެ ސަބަބެއް ކަމަށް ބެލެވެނީ ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލާފައި އޮތުމަށްފަހު، ރަޝިއާގެ ގައުމީ އެއާލައިން އޭރޯފްލޮޓުގެ ދަތުރުތައް ސެޕްޓެމްބަރު 11 ގައި އަލުން ފެށުމެވެ.
އޮގަސްޓް މަހު އެންމެ ގިނަ ފަތުރުވެރިން އައި ޔޫއޭއީން މިދިޔަ މަހު އައި ފަތުރުވެރިންގެ އަދަދު ވަނީ 37 ޕަސެންޓް ދަށްވެފަ އެވެ. އެގޮތުން އޮގަސްޓް މަހު އެގައުމުން 1627 ފަތުރުވެރިން އައިސްފައިވާ އިރު، މިދިޔަ މަހު އައީ 1029 ފަތުރުވެރިންނެވެ.
ޔޫއޭއީގެ އިތުރުން އިނގިރޭސި ވިލާތާއި ސްޕެއިން އަދި ފްރާންސުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ މަހު ދަށްވެފަ އެވެ. ނަމަވެސް އެމެރިކާ، ބްރެޒިލް، ޖަރުމަން، އިންޑިއާ އަދި މިސްރުން އައި ފަތުރުވެރިންގެ އަދަދު ވަނީ އިތުރުވެފަ އެވެ.
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް