އައްޑޫ ސިޓީގައި މަސްތުވާތަކެއްޗާ ދެކޮޅަށް އިއްޔެ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންގައި ގާތްގަނޑަކަށް 80 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ އޮޕަރޭޝަނަކީ ދިވެހި ފުލުހުންނަށް ލިބުނު އިންޓެލިޖެންސްގެ އެހީގައި ދިވެހި ފުލުހުން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ހިންގަމުން އަންނަ ވަރަކަށް ބައިނަލްއަގްވާމީ ޕާޓްނަރުންނާއެކު މަސައްކަތް ކުރަމުންދާނެ ކަމަށް ވިދާޅުވި އެވެ.

ސީޕީ ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ، އެ އޮޕަރޭޝަންގެ ދަށުން ގިނަ ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. ނަމަވެސް އެއީ ކިތައް މީހުން ކަމެއް މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅެއްނުވެ އެވެ.

މި އޮޕަރޭޝަނާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ފުލުހުންނަށް ގުޅުމުން ބުނީ، އެއީ މިހާރުވެސް ކުރިއަށްދާ އޮޕަރޭޝަނަކަށްވާތީ އެކަމުގެ މައުލޫމާތު އަދި ދެވެން ނެތް ކަމަށެވެ.