ކޮވިޑް ހުއްޓުވާނީ އަހަރެން

އަދަދުތައް ދަށަށް، އެކަމަކު ލުއިތައް ދޭން އަދި އަވަސް!

ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް ކޮންމެ ދުވަހަކު އަލަށް ފެންނަ ވަރު މިހާރު މި ވަނީ 100 އަށް ވުރެ ދަށުގައި ހިފެހެއްޓިފަ އެވެ. މީގެ ކުރިން މި ގޮތަށް ކަންތައް ވީ ފަހަރުތަކުގައި އާއްމުންގެ ކިބައިން ފެނުނީ އެންމެ އެދޭ ފަދަ ބަދަލެއް ނޫނެވެ. އޭރު ހީވީ ކޮވިޑްގެ ނުރައްކާ މުޅިން ފިލައިގެން ގޮސްފައިވާ ކަމަށް ގަބޫލުކުރެވިގެން މީހުން ނުކުތް ހެންނެވެ. ބާޒާރުތަކާއި މަގުތައް ތޮއްޖެހުނެވެ. އޭގެ އިތުރުން، ހަފްލާތަކާއި އެއްވުންތަކާ ދިމާއަށް ވެސް ބަޔަކު ދިޔަ އެވެ.

ކޮވިޑްގެ ވަރުގަދަ ދެ ވަނަ ރާޅެއް ބިންދާލީ އެ ހިސާބުންނެވެ.

އެގޮތަށް ކަންތައް ވުމުގެ ބައެއް އުޒުރުތައް ވެސް މީހުން ދައްކަ އެވެ. ފުރަތަމަ ކަމަކީ އޭޕްރިލް މަހު މާލެ އިން ފުރަތަމަ ފެނުނު ކޮމިއުނިޓީ ކޭސްތަކާ އެކު މާލެ ސަރަހައްދު ލޮކްޑައުން ކުރުމެވެ. ޖެހިގެން އައި ތިން މަސްދުވަސް މީހުން ހޭދަކުރީ ވަރަށް ދަތި ހާލުގައި، ގޭގަ އެވެ.

ރައްޔިތުން ތަހައްމަލުކުރި އެ ދަތިކަމަށް ރިއާޔަތްކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޖުލައި މަހު ފިޔަވަޅުތަކަށް ލުއި ދިނީ ވެސް ތަންކޮޅެއް ބޮޑުކޮށެވެ. އެގޮތުން ދިން ލުއިތަކާއި ރައްކާތެރިކަމުގެ އުސޫލުތަކަށް އާއްމުން ދިން ސަމާލުކަމަށް އައި ހީނަރުކަމުގެ ނަތީޖާ އޮގަސްޓް މަހު ފެނުނެވެ. އެ މަހު އާއްމުކޮށް ދުވާލަކު 150 ވަރަކަށް ކޭސް ދިޔައީ ފެންނަމުންނެވެ. އެހެންވެ، ކޮވިޑަށް ފަރުވާދޭ ފެސިލިޓީތަކުގެ އޮކިއުޕަންސީ ވަރަށް މައްޗަށް ގޮސް، ކަންބޮޑުވާ ހާލަތެއް އުފެދުނެވެ.

އޮގަސްޓް މަހު އެގޮތަށް ކަންތައް ވެފައި އޮއްވައިމެ، މިދިޔަ ސެޕްޓެމްބަރު މަހު ކޭސްތައް ދަށްވާން ފެށުމާ އެކު އަނެއްކާވެސް ބައެއް މީހުން ކުރަން ފެށީ ފިޔަވަޅުތައް ލުއި ނުކުރާ ކަމުގެ ޝަކުވާއެވެ.

ޕަބްލިކް ހެލްތު އެކްސްޕާޓް ޑރ. ޝީނާ މޫސާ ވިދާޅުވީ ނަމްބަރުތައް ދަށްވަމުން ދާތީ އެއީ ބަލި ކޮންޓްރޯލްވީ ކަމަށް ދެކިގެން ބައެއް މީހުން ސުވާލު އުފައްދާ ކަމަށެވެ. އެކަމަކު ކޮވިޑްގެ ހާލަތު ވަޒަންކުރަން ހުރި އިންޑިކޭޓާސްތަކަށް ބަލާއިރު، ރާއްޖޭގެ ހާލަތު އަދި ގްރީން ޒޯނަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، ކްލަސްޓާއަކާ ގުޅުމެއް ނެތް ކޭސްތައް ކޮންމެވެސް ވަރަކަށް މަދުވުމުގެ މާނަ އަކީ، ބަލި ފެތުރޭ ނިސްބަތް މަދުވުމެވެ. އެކަމަކު އެ ސްޕީޑު ހުރީ ބޭނުންވާ ވަރުގައި ނޫން ކަމަށާއި އެއީ ގިނަ ބަޔަކަށް ރައްކާތެރިކަމުގެ ފިޔަވަޅު މަތީގައި ރަނގަޅަށް ހިފަހައްޓާނުލެވޭތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޓްރެޖެކްޓްރީ ހުރީ ތިރިވާ ގޮތަށް. އެކަމަކު އަޅުގަނޑުމެން އަދި ސޭފް ލެވެލްއަކަށް ނުދެއޭ. އަމާޒަކީ ކްލަސްޓާއަކާ ނުގުޅޭ ކޭސްތައް 20 އަށް ވުރެން ތިރީގައި ބެހެއްޓުން. އޭރަށް ބުނެލަން އެނގޭނީ ބަލި ފެތުރުން އެބަ މަޑުޖެހެއޭ،" މިދިޔަ ސެޕްޓެމްބަރު 23 ގައި އޮތް މީޑިއާ ބްރީފިންގައި ޑރ. ޝީނާ ވިދާޅުވި އެވެ

އޭނާ ވެސް ފާހަގަކުރައްވާ ގޮތުގައި، ޖުލައި މަހު ރާއްޖޭގައި ލުއިތައް ދިނީ ބަލި ފެތުރުން އެކަށީގެންވާ ވަރަށް ކޮންޓްރޯލް ނުކުރެވި، ނުވަތަ "ގްރީން ޒޯނަށް ނުދެވި" އޮއްވަ އެވެ. އެ ފަހަރުގެ ތަޖުރިބާ އަކީ އެކަށީގެންވާ ވަރަށް ކޮންޓްރޯލް ނުކުރެވި އޮއްވައި ލުއި ދިނުމުން، މީހުންގެ ސަމާލުކަން ކުޑަވެ، ބާރު ސްޕީޑުގައި މުޖުތަމައުގެ ތެރޭގައި ބަލި ފެތުރިގެން ދިއުމެވެ. އެ ތަޖުރިބާ ތަކުރާރު ނުވުން މުހިއްމެވެ.

"ކުރީގެ ތަޖުރިބާ އަށް ބަލަންޏާ ގްރީން ޒޯނަށް ހަމަ އަޅާއިރަށް މެޝާސްތައް އީޒްކޮށްލައި ކޮވިޑްގެ ކުރިން އުޅުނު ގޮތަށް ހިނގައްޖިއްޔާ ވަރަށް ރިސްކު އެބަ އޮތް އަނެއްކާވެސް ފެތުރެން ފެށުމުގެ. އަދިވެސް ވަރަށް މުހިއްމު، ދެތިން ހަފުތާ އަށް ބަލައިގެން އުޅުން ގްރީން ޒޯންގައި ބަހައްޓަން،" ޑރ. ޝީނާ ވިދާޅުވި އެވެ.

ރާއްޖޭގެ ނަތީޖާ އުފާވެރިއެއް ނޫން

ރާއްޖެ އަކީ މި ސަރަހައްދުން ވެސް އެންމެ އަވަހަށް ކޮވިޑް-19 އަށް ހޭލުންތެރިވެ، ފިޔަވަޅުތައް އަޅަން ފެށި ގައުމެވެ. ރާއްޖެ އިން ތައްޔާރީތައް ވާން ފެށީ ކޮވިޑްގެ ފުރަތަމަ ކޭސް ފެނުމުގެ ވެސް މާ ކުރިންނެވެ. ބަލި ފެތުރިއްޖެ ހާލަތެއްގައި މަސައްކަތްކުރަން ސިއްހީ ހިދުމަތްރިންނަށް ތަމްރީނު ދިނުމާއި އާއްމުން ހޭލުންތެރިކުރަން ފެބްރުއަރީ މަހު ވެސް އޮތީ ފަށާފަ އެވެ.

އެގޮތަށް މަސައްކަތް ފެށީ، ރާއްޖެ އަކީ ބައިނަލްއަގުވާމީ މުޖުތަމައާ ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ގައުމަކަށް ވާތީ އެވެ. ރާއްޖޭގެ ޓޫރިޒަމަކީ، ގުދުރަތީ ރީތިކަން ދެކިލައި ބޯހަމަޖައްސާލަން މި ގައުމަށް އަންނަ މިލިއަނަކަށް ވުރެ ގިނަ ބޭރު މީހުންނަށް ކޮންމެ އަހަރަކު ހިދުމަތް ދެމުން އަންނަ އިންޑަސްޓްރީއެކެވެ. ހަމަ އެއާ އެކު، ރާއްޖެ އަކީ، އެންމެ އާދައިގެ ތަކެތިން ފެށިގެން އެންމެ ބޮޑެތި މެޝިނަރީއާ ހިސާބަށް ވެސް މުޅިންހެން އިމްޕޯޓް މުދަލަށް ބަރޯސާ ކުރާ ގައުމެކެވެ.

ކޮވިޑް ކޮންޓްރޯލް ކުރަން ރާއްޖެ އިން ދުރާލައި ވީ ތައްޔާރީތަކުގެ މާ އެދެވޭ ނަތީޖާއެއް ފެނުނު ކަމަކަށް ބުނެވޭކަށް ނެތެވެ. ރާއްޖެ އަށް ވުރެ އެތައް ގުނައެއް އާބާދީ ބޮޑު މެލޭޝިއާ އާއި ރާއްޖެއާ އަޅައިބެލުމުން މިކަން ވަރަށް ރަނގަޅަށް އޮޅުންފިލަ އެވެ. އެ ގައުމުގެ އަބާދީގައި 40 މިލިއަނަށް ވުރެ ގިނަ މީހުން ތިބިއިރު، ކޮވިޑްގެ ކޭސްތަކުގެ އަދަދަކީ 11،484 އެވެ. މަރުވި މީހުންގެ އަދަދަކީ 136 އެވެ.

ރާއްޖެ އަކީ އެންމެ ހަތަރު ލައްކައެއްހާ މީހުންގެ އާބާދީއެއް ދިރިއުޅޭ، ކުޑަކުޑަ ޖަޒީރާ ގައުމެކެވެ. އެކަމަކު، ރާއްޖޭގެ ކޭސްތަކުގެ އަދަދު މިހާރު 10،000 ވުރެ މަތިވެއްޖެ އެވެ. މަރުވި މީހުންގެ އަދަދު 34 އަށް އަރައިފި އެވެ. މިއީ ވިސްނާލަން ޖެހޭ މުހިއްމު ތަފާސްހިސާބެކެވެ. މުހިއްމު ދެ ކަމެއް މި ނަތީޖާގައި އެބަ ހިމެނެ އެވެ. ފުރަތަމަ ކަމަކީ މެލޭޝިއާގެ އާބާދީ އެވެ. ރާއްޖެއާ އަޅައިބަލާއިރު މެލޭޝިއާގެ އާބާދީ ނުބައްދަލެވެ. އެ ގައުމުގައި 40 މިލިއަނަށް ވުރެ ގިނަ މީހުން ތިބިއިރު، އެއް ތަނެއްގައި ދިރިއުޅޭ މީހުންގެ އަދަދު ވެސް ރާއްޖެ އަށް ވުރެ ގިނަ އެވެ. ރާއްޖޭގެ އާބާދީ ކުޑަވެފައި މާލެ ފިޔަވައި އެހެން ސަރަހައްދުތަކުގައި އޮތް އާބާދީ ބެހެނީ ދުރުދުރުގައި ފެތުރިފައިވާ ރަށްތަކެއްގެ މައްޗަށެވެ. މީގެ މާނަ އަކީ، ގަބޫލުކުރަން އުނދަގޫވިޔަސް، ކޮވިޑާ މެދު އަހަރުމެން ފަރުވާކުޑަކޮށްފި ކަމެވެ. މި ބައްޔާ މެދު ފަރުވާތެރި ވެވުނީ ވާން ޖެހޭ ވަރަށް ވުރެ ކުޑަކޮށް ކަމެވެ.

ދެވަނަ ރާޅަކަށް ތައްޔާރުވެ، ހޭލާ ތިބެން ޖެހޭ

ކޮވިޑް-19ގެ ބަލިމަޑުކަން ހަލުވިކަމާ އެކު ފެތުރުމަށް ފަހު އެ ބަލި ކޮންޓްރޯލްވި ގައުމުތަކުގެ ތަޖުރިބާ ދުނިޔޭގެ ހަތަރު ބިތުގައި ވެސް ދާދި އެއްގޮތެވެ. އަމާންއޮމާން ދުވަސްތަކަކަށް ފަހު ދެން ބިންދާލަނީ ބަލީގެ ދެވަނަ ރާޅެކެވެ. އެއާ އެކު، ހިތާ ދެކޮޅަށް ނަމަވެސް، ކުރިން އެޅި ފަދަ ހަރުކަށި ފިޔަވަޅުތައް އަލުން އަޅަން މަޖުބޫރުވެ އެވެ. މީހުން ދާން ޖެހެނީ "ގޭބަންދަށެވެ". އިގްތިސާދީ އިންޖީނު އަނެއްކާވެސް ހުއްޓުމަކަށް އާދެ އެވެ.

ޓޫރިޒަމް ފަދަ ޓާޝަރީ ނުވަތަ ސާވިސް އިންޑަސްޓްރީތަކުގެ ބަދަލުގައި ޕްރައިމަރީ އިންޑަސްޓްރީތަކުގެ މައްޗަށް އިގުތިސާދު ބިނާކޮށްފައިވާ ބޮޑެތި ގައުމުތަކާ ހިލާފަށް، އެއީ ރާއްޖެ އަށް "އެފޯޑް" ކުރެވޭނެ ހާލަތެއް ނޫނެވެ.

އަނެއްކާވެސް މެލޭޝިއާގެ މިސާލު ނަގާނަމެވެ. މި ފަހަރު، ކޮވިޑްގެ ދެވަނަ ރާޅަކާ ކުރިމަތިލާން ޖެހިފައިވާ ގައުމެއްގެ ގޮތުގަ އެވެ. ގިނަ އަދަދަކަށް ދިވެހިން ވެސް ދިރިއުޅޭ މެލޭޝިއާގެ ކޮވިޑް ގްރާފްގެ ކާވަށް ބަލައިލާއިރު ފެންނަނީ، ޖޫން މަހުން ފެށިގެން އެ ގައުމުގައި ކޭސްތައް ފެންނަ އަދަދުތައް ދާދި އެއްވަރެއްގައި ހިފެހެއްޓިފައިވާ ތަނެވެ. އެގޮތުން، ޖޫން 15ގައި 41 ކޭސް ފެނުނު ފަހުން ސެޕްޓެމްބަރު ހަތް ވަނަ ދުވަހާ ހަމައަށް، އަލަށް ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު ހުރީ ދުވާލަކު 20 އަށް ވުރެ ދަށުގަ އެވެ. އެކަމަކު، އޭގެ ފަހުން ކޭސްތައް އިތުރުވެ، މިހާރު ކޮންމެ ދުވަހަކު ވެސް 100 އަށް ވުރެ ގިނަ ކޭސް އެ ގައުމުން ދަނީ ފެންނަމުންނެވެ.

މެލޭޝިއާގެ މިސާލުން ފާހަގަވާ މުހިއްމު ނުކުތާއެއް އެބަ އޮތެވެ. އެއީ، ކޮވިޑް ކޭސްތައް ކިތަންމެ ދަށަށް ދިޔަ ނަމަވެސް، އަދި ކޮންޓްރޯލްވެފައި އޮންނަތާ ކިތަންމެ ދުވަހެއް ފާއިތުވެގެން ދިޔަ ނަމަވެސް، ވައިރަސް އަލުން ފެތުރުމުގެ ފުރުސަތު އެބަ އޮތް ކަމެވެ. މީގެ ކުރިން ފެތުރުނު މިފަދަ އެހެން ބައެއް ބަލިތަކާ ހިލާފަށް ކޮވިޑް-19 ގައި "ހާޑް އިމިއުނިޓީ" އުފެދި، އާބާދީގެ ބޮޑު ބައެއް ބައްޔަށް އިމިއުންވާ ހާލަތު ކޮވިޑްގައި އުފެދޭ މިންވަރު ދަށްކަން މި ކަމުން އެބަ ހާމަވެ އެވެ. ބައެއް ގައުމުތަކުގައި ކުރި ސާވޭތަކުން ވެސް ވަނީ އެކަން އެނގިފަ އެވެ.

ރާއްޖޭގައި މިހާރު އަޅާފައިވާ، ނިސްބަތުން ވަރަށް ލުއި ފިޔަވަޅުތަކާއި ފަރުދީ ފެންވަރުގައި ރައްކާތެރިކަމުގެ ގޮތުން ދަމަހައްޓަން ޖެހޭ އުސޫލުތައް ދޫކޮށްލެވެން ނެތް ސަބަބަކީ މި އެވެ. ކޮވިޑް-19 އަށް ވެކްސިނެއް އަދި ބޭހެއް ހޯދަން ދުނިޔޭގެ ކަންކޮޅުތަކުގައި ސައިންސްވެރިން ކެނޑިނޭޅި ކުރަމުން އެ އަންނަ ބުރަ މަސައްކަތުގެ ފޮނިމޭވާއެއް ލިބޭނީ އެ މަސައްކަތް ކާމިޔާބުވަންދެން ބަލި ކޮންޓްރޯލް ކޮށްފައި ބޭއްވިގެންނެވެ.

އެ ޒިންމާ އަހަރުމެން ކޮންމެ މީހެއްގެ ބޮލުގައި މި ވަނީ އެޅިފަ އެވެ!

އެޑިޓަރުގެ ނޯޓު:
މިއީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ދިވެހި މީޑިއާއިން އިސް ނަގައިގެން ކުރިޔަށް ގެންދާ ގައުމީ ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.