ޚަބަރު

ހުއްދަ ނުދޭ ވެކްސިނެއް ގެނައީ، ހުއްދަ ލިބުމުން ލަސްނުވެ ވަގުތުން ޖަހަން ފެށުމަށް: މަބްރޫކް

އަލީ އަފާފު ރަމީޒު

2

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަދި ހުއްދަ ދީފައި ނުވާ ވެކްސިނެއް ރާއްޖެއަށް ގެނެސްފައިވަނީ، ހުއްދަ ދޭން ފެށުމާއެކު ވަގުތުން ވެކްސިން ޖަހަން ފެށޭ ވަރަށް ސްޓޮކް ކުރުމުގެ ގޮތުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް 19 ހުއްޓުވުމަށް ދިވެހި މީޑިއާތައް ގުޅިގެން ފެށި "ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭން ނިންމާލުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމުގެ ގޮތުން ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ ވެކްސިން ޖަހަން ޖެހޭ ކަމަށާއި އެނޫން ގޮތެއް މިވަގުތު މިކަމުން އަރައިގަތުމަށް، ސިއްހީ މާހިރުންނަކަށް ފެނިވަޑައެއް ނުގަންނަވާ ކަމަށެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވާސިޓީގެ އެކްސްޓްރާޒެނެކާ ވެކްސިންގެ އެއް ލައްކަ ޑޯޒް ރާއްޖެ ވަނީ ގެނެސްފައެވެ. މި ވެކްސިނަކީ ކްލިނިކަން ޓްރައެލްގެ އެންމެ ފަހު މަރުހަލާ ނިންމާފައިވާ ވެކްސިނެކެވެ.

ނަމަވެސް މި ވެކްސިނަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އަދި ހުއްދަ ދީފައެއްނުވެއެވެ. އެކަމާ ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ ވެކްސިން ނުޖަހާނެ ކަމަށް ބުނެ، ސަރުކާރަށް ފާޑު ކިޔަމުންނެވެ.

އިންޑިއާއިން ހަދިޔާކޮށްފައިވާ ކޮވިޑް ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް ލިބިފައިވާކަން ފާހަގަ ކުރައްވައި މަބްރޫކް ވިދާޅުވީ އެވެކްސިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްފައި ނޫނީ ދިވެހި ރައްޔިތުންނަށް ވެކްސިން ޖަހަން ނުފަށާނެ ކަމަށާއި އެއީ ހުރިހާ ސިއްހީ މާހިރުންވެސް މިއަދު ދައްކަވަމުން ގެންދަވާ ވާހަކަ ކަމަށެވެ.

"ކޮންމެވެސް ވަރަކަށް އޮޅިފައި އޮތް ވާހަކައެއް، ކީއްވެތޯ އަޅުގަނޑުމެން ވެކްސިން ގެނައީ؟ ކޮން އެޕްރޫވަލްއެއްތޯ، ކޮން އޯގަނައިޒޭޝަނަކުންތޯ ހުއްދަ ދެއްވީ؟ ގާތްގަނޑަކަށް ދުނިޔޭގައި އުފެއްދި ހުރިހާ ވެކްސިނެއް އުފައްދަން ފައްޓައިފި އެއްވެސް އެޕްރޫވަލްއެއް ނުލިބެނީސް. އަދި ސްޓޮކް ކުރަން ފަށައިފި އެއްވެސް އެޕްރޫވަލްއެއް ނެތި. ބޭނުމަކީ އެ އެޕްރޫވަލް ލިބޭ ވަގުތު، ސިއްހީ ރައްކާތެރިކަން ކަށަވަރުވާ ވަގުތު އަތުގައި ސްޓޮކް ހުރުން. ވަގުތުން ވަގުތަށް ވެކްސިން ޖަހަން ފެށޭ މިންވަރަށް. އަޅުގަނޑުމެން ވެސް ގައުމެއްގެ ގޮތުގައި މިކުރަނީ އެ މަސައްކަތް،" މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ ވެކްސިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާ ހިސާބުން ރާއްޖޭގައި ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ފަށާ ބޮޑު މަރުހަލާއަށް ވެގެންދާނީ ވެކްސިން ޖަހަން ފެށުން ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟