ރާއްޖޭގެ މީޑިއާތައް ގުޅިގެން ހިންގާ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭނުގެ ދަށުން "ކޮވިޑް ހުއްޓުވާނީ އަހަރެން - ރައްޔިތުންގެ ކެމްޕެއިން" ގެ ނަމުގައި އާންމުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލި ވީޑިއޯ އަދި ފޮޓޯ މުބާރާތުގެ ވަނަތައް ހޮވައިފިއެވެ.
އެ ވަނަތައް ހޮވާފައިވަނީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕޭން ނިންމާލުމުގެ ގޮތުން މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ފޮޓޯ އަދި ވީޑިއޯ މުބާރާތުން ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން، ރައީސް އޮފީހުގެ ތަރުޖަމާނު އަދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ތަރުޖަމާނުކަންވެސް ކުރެއްވި މުހައްމަދު މަބްރޫކް އަޒީޒެވެ.
ފޮޓޯ މުބާރާތުގެ ޝަރަފުވެރި އެއްވަނަ ހޯދީ އާމިނަތު އަބްދުﷲ އެވެ. މުބާރާތުގެ ދެވަނަ، އުމުރުން 11 އަހަރުގެ ނޫހް ބިން މުހައްމަދު އަމީނަށް ލިބުނު އިރު، ތިންވަނަ ލިބުނީ އުމުރުން އެންމެ ހަ އަހަރުގެ އަޝްހަމް އަލީ ރަޝީދަށެވެ.
ވީޑިއޯ މުބާރާތުގެ އެއްވަނަ ސައުގާން ޝަރީފަށް ލިބުނު އިރު، ދެވަނަ ހޯދީ ޑރ. ފާތިމަތު މުފްލިހާއެވެ. އަދި ތިންވަނަ ލިބުނީ އައިޝަތު ޝިމާ އަލީއަށެވެ.
މި ދެ މުބާރާތުގެ ތެރެއިން ވީޑިއޯ މުބާރާތުގެ އެއްވަނަ ވީޑިއޯއަށް 15،000 ރުފިޔާ، ދެވަނަ ވީޑިއޯއަށް 10،000 ރުފިޔާ އަދި ތިންވަނަ ވީޑިއޯ އަށް 7،000 ރުފިޔާ ހުށަހަޅާފައިވެއެވެ. އަދި އެއްވަނަ ފޮޓޯއަށް 10،000 ރުފިޔާ، ދެވަނަ ފޮޓޯއަށް 5،000 ރުފިޔާ އަދި ތިންވަނަ ފޮޓޯއަށް 3،000 ރުފިޔާ ހުށަހަޅާފައިވެއެވެ.
ރާއްޖޭގެ އޮންލައިން ނޫސްތަކާއި ޓީވީ، އަދި ރޭޑިއޯގެ އިތުރުން ނިއު މީޑިއާ ގުޅިގެން ކޮވިޑާ ގުޅޭ ގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް ބަލި ކޮންޓްރޯލުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް "ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ގައުމީ ކެމްޕޭނެއް ލޯންޗު ކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ.