ރާއްޖޭގެ އޮންލައިން ނޫސްތަކާއި ޓީވީ، އަދި ރޭޑިއޯގެ އިތުރުން ނިއު މީޑިއާ ގުޅިގެން ކޮވިޑާ ގުޅޭގޮތުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް ބަލި ކޮންޓްރޯލުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރުމަށް "ކޮވިޑް ހުއްޓުވާނީ އަހަރެން"ގެ ނަމުގައި ފެށި ގައުމީ ކެމްޕޭން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ކޮވިޑް ހުއްޓުވާނީ އަހަރެން ކެމްޕޭން ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުއެވެ. އެ ކެމްޕޭން ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ކޮވިޑް ހުއްޓުވުމަށް މީޑިއާތަކުން ފެށި ކެމްޕޭން ކުރިއަށްގެންދިޔައީ، މީޑިއާތަކުގެ ތެރެއިން ހާއްސަ ސްޓިއަރިން ކޮމެޓީއެއް އެކުލަވާލައި، އެ ކޮމިޓީގެ ބެލުމުގެ ދަށުންނެވެ. ސްޓިއަރިން ކޮމިޓީގެ ޗެއާކަން ކުރެއްވީ ވަން އޮންލައިންގެ ސީއީއޯ ސިނާން އަލީއެވެ.
"ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕޭންގެ ދަށުން ވަނީ ކޮވިޑަށް ރައްޔިތުން އިތުރަށް ހޭލުންތެރިކޮށް، ބަލި ކޮންޓްރޯލުކުރުމަށް ބާރު އެޅުމަށްޓަކައި ކަމާ ގުޅޭ އެކި ކަހަލަ ވީޑިއޯތަކާއި ރިޕޯޓުތަކާއި ހޭލުންތެރުކުރުމުގެ މެސެޖުތަކާއި ޕްރޮގްރާމްތައް ގެނެސްދީފައެވެ.
މީގެ އިތުރުން ކޮވިޑަށް މީހުން އަހުލުވެރިކުރުވުމަށް ބޮޑެތި އިމާނުތަކާއެކު ފޮޓޯ މުބާރާތަކާއި ވީޑިއޯ މުބާރާތެއްވެސް "ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕޭންގެ ތެރެއިން ކުރިއަށް ގެންގޮސްފައިވެއެވެ.
މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕޭން ނިންމާލައިފައިވާ އިރު، ކެމްޕޭން ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ ފޮޓޯ މުބާރާތާއި ވީޑިއޯ މުބާރާތުން ވަނަވަނައަަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކޮށްފައެވެ. ކެމްޕޭން ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒެވެ.
ކެމްޕޭން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓިއަރިން ކޮމިޓީގެ ޗެއާ ސިނާން އަލީ ވިދާޅުވީ، ކޮވިޑް ހުއްޓުވުމަށް ގައުމީ ކެމްޕޭނެއް މީޑިއާތަކުން ގުޅިގެން ކުރިއަށް ގެންދެވުނީ ގިނަ ބައެއްގެ އެއްބާރުލުމާއި ބުރަ މަސައްކަތުން ކަމަށާއި އެ ކެމްޕޭނުގެ ސަބަބުން ކޮވިޑް ކޮންޓްރޯލް ކުރުމަށް ކުރިއެރުންތަކެއް ލިބުނު ކަމަށެވެ.
"މިއީ ރާއްޖޭގެ މީޑިއާތަކުން މިހާ ދިގު މުއްދަތަކަށް ކުރިއަށްގެންދިޔަ ފުރަތަމަ ކެމްޕޭން. މި ކެމްޕޭންގެ ސަބަބުން ކޮވިޑާ ގުޅޭ މައުލޫމާތު ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ވަނީ ފޯރުކޮށްދެވިފައި،" ސިނާން ވިދާޅުވިއެވެ.
ކޮވިޑް ހުއްޓުވާނީ އަހަރެންގެ ނަމުގައި ކުރިއަށްގެންދިޔަ ގައުމީ ކެމްޕޭންގައި ރާއްޖޭގެ 20 އަށްވުރެ ގިނަ މީޑިއާއިން ބައިވެރިވެފައިވެއެވެ.