މާލެ ސަރަހައްދުގައި ފަތިހު 5:00 އިން ރޭގަނޑު 10:00އާ ހަމައަށް އެއްގަމު އުޅަނދު ދުއްވޭ ގޮތަށް އަލުން ލުއި ދީފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ފަތިހު 5:00 އިން ރޭގަނޑު 10:00އަށް އެއްގަމު އުޅަނދު ދުއްވޭ ގޮތަށް ކުރިން ލުއި ދިން ނަމަވެސް، މިދިޔަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހު އެ ނިންމުމަށް ވަނީ ބަދަލު ގެނެސްފައެވެ. އޭރު ވަނީ ރޭގަނޑު 8:00ގެ ފަހުން އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައެވެ. ނަމަވެސް ރޭގަނޑު 10:00އާ ހަމައަށް ފައި މަގުގައި ބޭރުގައި އުޅެވޭ ގޮތަށް ވަނީ ހުއްދަ ދީފައެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ އެޗްޕީއޭ އިން ނެރުނު އެންގުމެއްގައި ބުނެފައިވަނީ، މާދަމާ އިން ފެށިގެން ވަކި ގޮތެއް އަންގަންދެން، އޮގަސްޓް 24ގައި ނެރުނު އެންގުމުގެ އެއްވަނަ ނަންބަރުގައި ބުނެފައިވާ ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 5:00އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް އެންގި ވަގުތަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށެވެ.
އެ ބަދަލުގައި ބުނެފައިވާ ގޮތުގައި މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާވާނެއެވެ. އަދި ކުރިއެކޭ ވެސް އެއްގޮތަށް ރޭގަނޑު 10:00ގެ ފަހުން ބޭރުގައި އުޅުން މަނާވާނެއެވެ.
އެ އެންގުމުގައި ބުނީ އެ ފިޔަވަޅާއެކު އެޗްޕީއޭ އިން އޮގަސްޓް 24ގައި ނެރުނު އެންގުމުގައި ބުނެފައިވާ އެހެނިހެން ފިޔަވަޅުތަކާއި އިސްތިސްނާތައް އެގޮތަށް ދެމިއޮންނާނެ ކަމަށެވެ. އަދި އެ ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާ ކަމަށާއި އެ އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަން ޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ވެސް އެންމެހައި ފަރާތްތަކަށް އަންގާ ކަމަށް ވެސް އެޗްޕީއޭގެ އެންގުމުގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު